ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްއަށް މަރިޔާ އަހްމަދު ދީދީ ރައްދު ދެއްވައިފި

0_1340048593fai_9062_news

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާޢީ ދަޢުވާ އަނބުރާ ގެންދެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބްލް ޤާސިމް އިބްރާހީމް ވިދާޅުވުމާ ގުޅިގެން އެމަނިކުފާނާ މެދު ފިޔަވަޅު އަޅުއްވާނެކަމަށް ދައުލަތުގެ ޕްރޮސެކިއުޓާރ ޖެނެރެލް ވިދާޅުވުމަކީ ޤާނޫނު އަސާސީއާ ޚިލާފް ކަމެއްކަމުގައި އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ކުރީގެ ޕްރޮސެކިއުޓާރ ޖެނެރެލްގެ މަޤާމުވެސް ފުރުއްވާފައިވާ އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި މިހާރުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ޓްވީޓް ކުރައްވައި ވިދާޅުވެފައިވަނީ “ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އަދި 51 (ހ) އިން ޤާސިމް އިބްރާހީމަށް ލިބޭ ޙައްޤުން ރައީސް ނަޝީދަށް ކުރާ ދަޢުވާ އަނބުރާ ގެންދަން ގޮވާލުމުން ޕްރޮސެކިއުޓާރ ޖެނެރެލް ފިޔަވަޅު އަޅަން ބުނަނީ ޤާނޫނު އަސާސީއާ ޚިލާފަށް” ކަމުގައެވެ.
ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާޢީ ދަޢުވާ މިހާރުގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މޭޖަރ ޖެނެރެލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލްގެ މައްޗަށްވެސް އުފުލާފައިވާކަމުގައި މާރިޔާ ފާހަގަކުރެއްވިއެވެ. މިނިސްޓަރ މޫސާ ޖަލީލްގެ މައްޗަށް ޖިނާޢީ ދައުވާ އުފުލާފައިވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުން މޫސާ ޖަލީލަކީ ކެބިނެޓް މިނިސްޓަރެއްގެ ޝަރުތު ހަމަވާ ބޭފުޅެއް ކަމުގައި ނިންމަވާފައިކަމުގައިވެސް މާރިޔާ ފާހަގަ ކުރެއްވިއެވެ.
ޤާނޫނު އަސާސީގެ 8 ވަނަ މާއްދާގައި “ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ ޤާނޫނު އަސާސީގައި ވާ ގޮތުގެ މަތީން ކަމުގައި” ޕްރޮސެކިއުޓަރ ޖެނެރެލްއަށް ހަނދުމަފުޅުކޮށް އަރުވާ ކަމުގައި މާރިޔާ ވިދާޅުވިއެވެ.
ބުދަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދަވަން ޕްރޮސެކިއުޓަރ ޖެނެރެލްއަށް އިލްތިމާސް ކުރައްވާ ކަމަށާއި އަދި އެއްވެސް ރައްޔިތެއްގެ މައްޗަށް އަނިޔާވެރި ދައުވާއެއް ކުރައްވައިގެން ނުވާނެކަމުގައެވެ.
އަދި 2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ދިވެހި ރާއްޖޭގެ އާބާދީގެ %48 އަށްވުރެ ގިނަ ރައްޔިތުން ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް ނިންމާފައިވާ ކަމުގައި މާރިޔާ ވިދާޅުވިއެވެ.