2014 ވަނަ އަހަރު ޖީ.ސީ.އީ. އޯ ލެވެލް ހެދި ދަރިވަރުން މަދުވުން

2014 ވަނަ އަހަރު ސްކޫލްތަކުން ޖީ.ސީ.އީ އޯޑިނަރީ ލެވެލް އިމްތިހާނު ހަދާފައި ވަނީ އެ އިމްތިހާނު ހަދަންޖެހޭ ދަރިވަރުންނަށް ވުރެން މާ ބޮޑު ތަން މަދު އަދަދެއްގެ ދަރިވަރުންނެވެ. 2014 ވަނަ އަހަރު ގްރޭޑް 10 ގައި 7550 ދަރިވަރުން ކިޔަވަން ޖެހޭނެއެވެ. އެއީ އޭގެ 3 އަހަރު ކުރިން ގްރޭޑް 8 ގައި ކިޔެވި ދަރިވަރުންގެ އަދަދެވެ. އެ ދަރިވަރުންގެ ތެރެއިން ގްރޭޑް 8 އާއި 9 ގައި ތަކުރާރުކުރި ކުއްޖަކު މަދުވި ނަމަވެސް އޭގެ ކުރީގައި ތަކުރާރުކުރި ކުދިންނާއެކު އެ އަދަދު 7550 ގައި ހިފަހައްޓާނެއެވެ. ނަމަވެސް، 2014 ވަނަ އަހަރު ގްރޭޑް 10 ނިންމައި ސްކޫލްތަކުން އޯ ލެވެލް ހަދާފައި ވަނީ 5643 ދަރިވަރުންނެވެ. އެހެންކަމުން 1907 ދަރިވަރުން އެބަ އުނި ވެއެވެ.
މުސްތަޤްބަލްގައި ދިވެހި ކޮންމެ ރައްޔިތަކަށް އުފާވެރި ދިރިއުޅުމެއް ހޯދޭނީ، އަދި އޭނާ މުޖުތަމަޢުގައި އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނީ، އެންމެ ދަށްވެގެން ވެސް ގްރޭޑް 10 ގެ ނިޔަލަށް ވަށައިޖެހިފައިވާ ތަޢުލީމެއް ކޮންމެ ދަރިވަރަކަށް ވެސް ދެވިގެންކަމަށްވާއިރު، މި ދެންނެވި އަސާސީ ތަޢުލީމު ހަމަހަމަގޮތެއްގައި އެންެމެހާ ދަރިވަރުންނަށް ފޯރުކޮށްނުދެއްވައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ސްކޫލް ނިޒާމުގެ ތެރެއިން ކުދިންތަކެއް ގެއްލުވާލައްވަމުން ގެންދަވާތީ އެކަން މި ޕާޓީން ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ. އަދި ގެއްލިފައި މިވާ 1907 ދަރިވަރުންނާ މެދު ކަންތައް ވެފައިވާ ގޮތެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދިވެހި ރައްޔިތުންނަށް ސާފުކޮށްދެއްވައި އެކަމަށް ޖަވާބުދާރީވެވަޑައިގަތުމަށް މި ޕާޓީގެ ފަރާތުން ގޮވައިލަމެވެ.