އިސްތިއުނާފުކުރުމުގެ ޙައްޤު ހަނިކޮށް، އަދި ޤާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ސްޕްރީމް ކޯޓުން ވަނުމާމެދު ކަންބޮޑުވުން ފާޅުކުރުން

ޤާނޫއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ، އިސްތިއުނާފުކުރުމުގެ ޙައްޤު، އޭގެ މާނާގައި ނުލިބި ގެއްލިދާގޮތަށް ސްޕްރީމް ކޯޓުގެ ރޫލިންގ އަކުން ހަނިކޮށްފައިވާތީއާއި، އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ޢަމަލުކުރެވެމުންދާ ބައެއް ޤާނޫނުތަކަށް ސްޕްރީމް ކޯޓުން އަމިއްލައަށް ބަދަލުގެނެސް، ޤާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ސްޕްރީމް ކޯޓުން ވަންނަމުންދާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

މިގޮތުން ފުރަތަމަ މަރުޙަލާގެ ކޯޓުތަކުންނާއި ޓްރައިބިޔުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ކޯޓުތަކުގެ ޤާނޫނުން ކަށަވަރުކޮށްދީފައިވާ 90 ދުވަހުގެ މުއްދަތާއި 180 ދުވަހުގެ މުއްދަތާއި، ވަޒީފާއާބެހޭ ޤާނޫނުން ކަށަވަރުކޮށްދީފައިވާ 60 ދުވަހުގެ މުއްދަތު ސްޕްރީމް ކޯޓުން ބަދަލުކޮށް، އެ މުއްދަތުތައް 10 ދުވަހަށް ހަނިކޮށްފައިވާކަން ފާހަގަކުރަމެވެ. އަދި ސްޕްރީމް ކޯޓުން ޤާނޫނުގެ މާއްދާތައް މިގޮތަށް ބާތިލުކޮށް އަމިއްލައަށް ބަދަލުތައް ގެނެސް ނިންމައިލިއިރު، ސްޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމަށް އޮތް މުއްދަތަކީ މިހާރު ކޮބައިކަން ވެސް އެނގެން ނެތްކަން ފާހަގަކުރަމެވެ.

އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތުގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަކީ އިސްތިއުނާފުކުރަން ބޭނުންވާ ފަރާތަކުން ޤާނޫނީ ވަކީލަކު ހޯދައި އައްޔަނުކުރުމަށާއި، މައްސަލަ ދިރާސާކުރުމަށާއި އަދި އެކަމާ ގުޅުންހުރި ގިނަގުނަ އެތައް ކަމެއް ކުރުމަށް އިންތިހާއަށް ކުރު މުއްދަތެކެވެ. އަދި އެސަބަބުތަކާހުރެ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އިސްތިއުނާފުކުރުމުގެ ޙައްޤު، އޭގެ މާނާގައި ނުލިބި އެ ޙައްޤު ގެއްލިގެންދާނޭ ކަމެކެވެ. އަދި ޤާނޫނު އަސާސީ މާނަކުރުމުގައި ރިޢާޔަތްކުރަންޖެހޭ ހުޅުވިގެންވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި އިސްތިއުނާފުކުރުމުގެ ޙައްޤުދީފައި އޮންނަ އުސޫލުތަކުގެ މިންގަނޑަށް ވެސް ނުފެތޭކަމެކެވެ.

ޤާނޫނު އަސާސީއާ ތައާރަޒު ނުވާ އެއްވެސް ޤާނޫނެއް ނުވަތަ އެއިން ބައެއް ސްޕްރީމް ކޯޓުން ބާތިލުކުރުމުގެ ބާރު ސްޕްރީމް ކޯޓަށް ލިބިދީފައި ނުވާއިރު، ކޯޓުތަކުގެ ޤާނޫނުގެ 15 ވަނަ މާއްދާއާއި 42 ވަނަ މާއްދާއާއި ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގެ (ށ) ސްޕްރީމް ކޯޓުން އަމިއްލައަށް ބާތިލުކޮށް، ޤާނޫނުން ކަނޑައަޅާފައިވާ މުއްދަތުތަކެއް ބަދަލުކޮށް، ސްޕްރީމް ކޯޓުން އަމިއްލައަށް މުއްދަތެއް ކަނޑައަޅައި، 3 ބާރު ވަކިވެފައި އޮންނަންޖެހޭ ނިޒާމެއްގައި ޤާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ސްޕްރީމް ކޯޓުން ވަދެފައިވާކަން ފާހަގަކުރަމެވެ.

ހަމަ އެފަދައިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން މެނުވީ، އިސްތިއުނާފުކުރުމުގެ ޙައްޤު ފަދަ އެއްވެސް ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓިގެން ނުވާނޭކަމަށް ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ސްޕްރީމް ކޯޓުން އިސްތިއުނާފުކުރުމުގެ ޙައްޤު 10 ދުވަހަށް ހަނިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލުކުރަމުންދިއަ ޤާނޫނެއް ސްޕްރީމް ކޯޓުން އަމިއްލައަށް ބާތިލުކޮށް، އަލުން ޤާނޫނެއް ފާސްކުރުމަކާ ނުލައިކަން ފާހަގަކުރަމެވެ.

އެހެންކަމުން، މިކަންކަމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

30 ޖެނުއަރީ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް