އޯލް ޕާޓީ ޓޯކްސް އާއި ގުޅުން ހުރި މައުލޫމާތު ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުނާއި ހިއްސާ ކޮށްފި

10947616_10155110334750447_1085183944_n

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިހާރު ޖުމްހޫރީ ޕާޓީ އާއި ގުޅިގެން ކުރިއަށްގެންދާ އޯލް ޕާޓީ ޓޯކްސްގެ މައުލޫމާތު އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ހިއްސާކޮށްފިއެވެ. މިއަދުގެ ހެނދުނު 10:00ގައި އެމް.ޑީ.ޕީގެ ޤައުމީ ސެކްރެޓޭރިއަޓްގެ ކޮންފަރެންސް ހޯލްގައި ކުރިޔަށްދިޔަ މިބައްދަލުވުމުގައި ރައީސް ނަޝީދުގެ އިތުރުން ޕާޓީގެ ޗެއާރޕާރސަން އަލީ ވަހީދު އާއި މާލެ ސިޓީ މޭޔާރ މުޙައްމަދު ޝިހާބް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އެމް.ޑީ.ޕީގެ ފަރާތުން އޯލް ޕާޓީ ޓޯކްސްގައި ޖުމްހޫރީ ޕާޓީއާއި އެކު ކުރަމުންދާ މަޝްވަރާތަކުގެ މައުލޫމާތު ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ހިއްސާކޮށް ހިޔާލު ބަދަލުކުރުމެވެ.
އޯލް ޕާޓީ ޓޯކްސްގައި އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕްގެ 3 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންނަކީ ޕީޖީ ލީޑަރ އަދި ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ސޯލިހް، މައްޗަންގޯޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މާރިޔަ އަޙްމަދު ދީދީ އާއި ހެންވެއިރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޝާހިދުއެވެ.