އަބޫދާބީއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެކި އެކި ސިޔާސީ ފަރާތްތަކާއި މެދު ރައީސް އަބުދުﷲ ޔާމީން އަމަލު ކުރައްވަމުން ގެންދަވާ ހަރުކަށި ގޮތް ދޫކޮށްލެއްވުމަށް ދަންނަވާ ކަމަށެވެ. ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ގޮސްދާނެ ފަދަ ކަންތައްތަކުން ދުރުވެވަޑައިގެންނެވުމަށާއި ރައީސް މައުމޫން އަބުދުލް ގައްޔޫމާއި، ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ އިސްވެރިންނާއި، އެމްޑީޕީއާއި ވެސް މަޝްވަރާ ފެށުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.
ރާއްޖޭގައި ހަމަނުޖެހުން އުފެދެން އެމަނިކުފާނު ވެސް އެދިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ޑިމޮކްރަސީގެ މަގު ދޫކޮށް ނުލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
“ވީހާ ވެސް އަވަހަކަށް މިރޭ ވެސް. ހުރިހާ ސިޔާސީ ޕާޓީތަކުގެ މެދުގައި ހާއްސަކޮށް ރައީސް މައުމޫން ބައިވެރި ކުރައްވައިގެން މަޝްވަރާތައް ފެއްޓެވުމަށް. ގާނޫނު އަސާސީއަށް ގެންނަން ޖެހިވަޑައިގަންނަވާ ބަދަލެއް، އަދި ދެކިގެން ގެންނަން އެދޭ ބަދަލެއް ވެއްޖެއްޔާ ވެސް ގެންނެވުން. އަދި އެނޫން ކަންކަމަށް ވެސް ގެންނަން ޖެހޭ ބަދަލުތައް އަވަހަށް ގެންނެވުން. ހަރުކަށި ފިޔަވަޅު އަޅުއްވަން އުޅުއްވައިފިނަމަ އަޅުގަނޑު ދެކޭ ގޮތުން ވާދަވެރި ފަރާތްތަކުން ވެސް އަޅުއްވާނީ ހަރުކަށި ފިޔަވަޅު،” ރައީސް ނަޝީދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެ އޮތީ، ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށާއި، ކާމިޔާބުގެ އައްސޭރިއަކަށް ދެވެން އަދިވެސް އެބަ އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.