ދިފާއީ ވަޒީރު މުޙައްމަދު ނާޒިމު ދިރިއުޅުއްވާ ގޭގެ ދޮރުތައް ވައްޓާލައި ފުލުހުން ވަން ސަބަބު، ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްނުދޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުން

noosbayan1

ދިފާއީ ވަޒީރު މުޙައްމަދު ނާޒިމް ދިރިއުޅުއްވާ ގޭގެ މައި ދޮރާއި އެޕާރޓްމެންޓްގެ ދޮރުތައް ވައްޓާލުމަށްފަހު ރޭގެ މެންދަމުގެ ވަގުތެއްގައި މޫނު ނިވާކޮށްގެން ތިބި ފުލުހުންތަކެއް ވަދެ ހިންގި އެ ޢަމަލު، ސަރުކާރުން ރައްޔިތުންނަށް ސާފުކޮށް ދެއްވަމުން ނުދާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

ކޯޓު އަމުރެއްގެ ދަށުން، މޫނު ނިވާކޮށްގެން ތިބި ފުލުހުންތަކެއް ފޮނުވައި، ޤައުމެއްގެ ދިފާއީ ވަޒީރެއް ދިރިއުޅުއްވާ ތަނެއްގެ ދޮރުތައް ރޭގަނޑުގެ މެންދަމުގެ ވަގުތެއްގައި ވައްޓައިލައި އެތަނެއް ފާސްކުރާކުރުމަކީ އާދައިގެކަމެއްކަމުގައި ނުދެކެމެވެ. ޢާންމު އުސޫލުން ވެސް މީހުން ދިރިއުޅޭ ގެދޮރަށް މިގޮތަށް މެންދަމުގެ ވަގުތެއްގައި ދޮރުތައް ވައްޓާލައިގެން ވަނުމަށް ކޯޓު އަމުރު ފުލުހުންނަށް ދެވެންވާނީ ބޮޑު ކުށެއްގައި އެކަށީގެންވާ ހެކިތަކެއް ހުރެގެންނެވެ. އަދި އަމުދުން ޤައުމުގެ ދިފާއީ ވަޒީރުގެ މައްޗަށް ކުށެއްގައި ތުހުމަތުކޮށް އެނާ ދިރިއުޅުއްވާ ތަނަކަށް މިގޮތަށް ފުލުހުން ވަނުމުގައި މާބޮޑަށް ބެލެވިފައި ވާނޭކަމަށް ދެކެންޖެހެއެވެ. އަދި މީޑިއާ އިން ރިޕޯރޓްކުރާ ގޮތުގައި ދިފާއީ ވަޒީރު މުޙައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާރޓްމެންޓަށް ފުލުހުން އެގޮތަށް ރޭގައި ވަދެފައިވަނީ ޓެރަރިޒިމާއި، ހަތިޔާރު ގެންގުޅުމާއި އަދި ގޮވާ ތަކެއްޗާ ގުޅުންހުރި ކަމެއްގައިކަން ފާހަގަކުރަމެވެ.

މިކަން މިހެން އޮތްއިރު، ސަރުކާރުން މި ޢަމަލު ހިންގި ސަބަބު ރައްޔިތުންނަށް ސާފުކޮށްނުދިނުމަކީ މިޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ. އަދި ދިފާއީ ވަޒީރާ މެދު ސަރުކާރުގެ އިތުބާރު އޮތްކަމަށް ސަރުކާރުން ވިދާޅުވާއިރު، އެކަށީގެންވާ ހެކިތަކެއް ހުރެގެންކަމަށް ބުނެ ކޯޓު އަމުރެއް ހޯދައި، ސަރުކާރުން ފުލުހުން ފޮނުވައިގެން ދޮރުތައް ވައްޓައިލައި، މި ޢަމަލުތައް މި ސަރުކާރުގެ ދިފާއީ ވަޒީރާމެދު ހިންގާފައިވަނީ ސަރުކާރުގެ ތެރޭގައި އަނެއްކާ އެހެން ސަރުކާރެއް އޮވެގެން ކަމަށް ދޭހަވާގޮތަށް ވާހަކަދެއްކުމަކީ ވެސް މި ޕާރޓީން އިންތިހާއަށް ކަންބޮޑުވަމެވެ. ހަމަ އެފަދައިން، ފުލުހުން އަމަލުކޮށްފައިވަނީ ދިފާއީ ވަޒީރަށް އިޙްތިރާމްކޮށްގެންކަމަށް ބުނާއިރު، މެންދަމުގެ ވަގުތެއްގައި އެންމެހައި ދޮރެއް ވައްޓައިލުމަށްފަހު ދިފާއީ ވަޒީރު ދިރިއުޅުއްވާ ތަނަން ފުލުހުންތަކެއް ވަނުމަކީ އިޙްތިރާމުގެ ބައެއްކަމުގައި ވަނީ ނަމަ، މިއީ ވެސް މި ޕާރޓީން ކަންބޮޑުވާކަމެކެވެ.

އެހެންކަމުން، ރައްޔިތުންނަށް މިކަންކަން ވަގުތުން ވަގުތަށް ސާފުކޮށްދިނުމަށް ސަރުކާރަށް އެމް.ޑީ.ޕީ އިން ހަރުއަޑުން ގޮވާލަމެވެ.

18 ޖެނުއަރީ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް