1. ތަޢާރަފު
އެމްޑީޕީއަކީ އިދިކޮޅު ޕާޓީކަމަށް ވީހިނދު ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާއި، އެ ކަންކަން ކުރެވެމުންދާ މިންވަރު ގާތުން ބަލައި ރައްޔިތުންނަށް ހާމަކުރުމީ ޕާޓީން ކުރަންޖެހޭނެ ކަމެކެވެ. މިއީ، 2014 ވަނަ އަހަރު، ރައީސް ޔާމީނުގެ ސަރުކާރުގެ ތަޢުލީމީ މެނިފެސްޓޯ ހިންގިފައިވާ މިންވަރާއި، ތަޢުލީމީ ދާއިރާ ހިނގައިދިޔަ ގޮތުގެ މައްޗަށް މި ޕާޓީގެ ތަޢުލީމާއި ތަމްރީނާ ބެހޭ ކޮމިޓީން އެކުލަވާލައިފައިވާ ޚުލާސާ ރިޕޯރޓެކެވެ. މި ރިޕޯރޓް ބިނާކޮށްފައި ވަނީ ކޮމިޓީގެ މެންބަރުންނަށް ފާހަގަކުރެވިފައިވާ ކަންތައްތަކާއި، އެކިއެކި ފަރާތްފަރާތުން ޕާޓީއަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށެވެ.
2. ފާހަގަކުރެވޭ މުހިންމު ނުކުތާތައް
1. ޕީޕީއެމްގެ ތަޢުލީމީ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ތަޢުލީމީ ދާއިރާގައި ކުރި ބައެއް ކަންކަމާ ދިމާނުވުން. މެނިފެސްޓޯގައިވާ ކަންކަން ޙާޞިލުކުރުމަށްޓަކައި އެކަންކަން ޕްރޮގްރާމްކޮށް އެ ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާ 2014 އަދި 2015 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިފައެއް ނުވެއެވެ. އެހެންކަމުން ކުރަން އުޅެނީ ކޮން ކަމެއްކަން، ޙާޞިލުކުރަން ބޭނުންވަނީ ކޮން މަޤްޞަދުތަކެއްކަން ދެނެގަތުމަށް ރައްޔިތުންނަށް ދައްޗެވެ.
މިސާލަކަށް ކޮންމެ ސްކޫލެއްގައި ޢަރަބިބަސް މާއްދާއެއްގެ ގޮތުގައި ކިޔަވާދޭނެކަމަށް މެނިފެސްޓޯގައި ބަޔާންކޮށްފައި ވެއެވެ. އަރަބިބަސް ކިޔަވައިދޭންވެސް ފެއްޓިއެވެ. އެގޮތުން 10 ފެބްރުއަރީ 2014 ގައި ވަނީ، ވަގުތީ ޓީޗަރުން ބޭނުންކޮށްގެން، މާލޭގެ ފަސް ސްކޫލެއްގެ އިތުރުން އަތޮޅުތެރޭގެ ހަތް ރަށެއްގެ ސްކޫލެއްގައި ވަކި މާއްދާއެއްގެ ގޮތުގައި ޢަރަބިބަސް ކިޔަވައިދޭން ފަށާފައިވެއެވެ. މާލޭގެ ސްކޫލްތަކުގެ ތެރެއިން ޢަރަބިބަސް ކިޔަވައިދޭން ފެށީ ދަރުމަވަންތަ އާއި އަމީނިއްޔާ އާއި ހިރިޔާ އާއި ތާޖުއްދީންގެ އިތުރުން ވިލިމާލޭ މުޙްޔިއްދީން ސްކޫލުގަ އެވެ. އަތޮޅުތަކުގެ ސްކޫލްތަކުގެ ތެރެއިން ޢަރަބިބަސް ކިޔަވައިދޭން ފެށީ އައްޑު އަތޮޅު މަރަދޫ އާއި ފޭދޫ އާއި ހުޅުދޫ އާއި މީދޫގައި ހުންނަ ޝަމްސުއްދީން ސްކޫލާއި ބ. ތުޅާދޫ ސްކޫލާއި، ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ އިތުރުން ގދ. ތިނަދޫ އަބޫބަކުރު ސްކޫލުގަ އެވެ. މިނޫން ސްކޫލެއްގައި މިހާތަނަށް ޢަރަބިބަސް ކިޔަވައިދޭން ފެށިކަމެއް އެނގިފައެއް ނެތެވެ.ވަގުތީ ޓީޗަރުން ބޭނުންކޮށްގެން ޢަރަބި ކިޔަވައިދޭން ފެށި ސްކޫލްތަކުގައި އެ މާއްދާ ކިޔަވައިދިނުން މިވަނީ ސަރުކާރަށް އެއް އަހަރު ވީއިރު ހުއްޓުމަކަށް އައިސްފައެވެ. ސަރުކާރަށް އެއް އަހަރު ފުރުނު އިރު އެކަށީގެންވާ ގޮތަކަށް ޢަރަބި ކިޔަވައިދެވޭ ސްކޫލެއް ނެތެވެ. މުޅި ޙަރަކާތް ވެގެން ގޮސްފައިވަނީ މީޑިއާ އިވެންޓަކަށެވެ.
2015 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގައި ވެސް ޢަރަބިބަސް ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީނުކުރުމަކަށް އަދި ޓީޗަރުން ހޯދުމަކަށް ފައިސާ ކަނޑައަޅާފައެއް ނުވެއެވެ.
ޢަރަބި ބަހެކޭ އެއްފަދައިން، ސްކޫލްގެ ހުރިހާ މަރުޙަލާއެއްގައި ޤުރުއާނާއި، ޤުރުއާނުގެ ޢިލްމު އުގަންނައިދިނުމަކީ ސަރުކާރުގެ ވަޢުދެކެވެ. 2014 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އެކަމަށް ބޭނުންވާނޭ ޤުރުއާން ޓީޗަރުން ތިބޭނޭކަމަށް 5 ޑިސެމްބަރު 2013 ގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ.
ކޮންމެ ސްކޫލެއްގެ ކޮންމެ ކްލާހެއްގައި ޤުރުއާނާއި، ޤުރުއާނުގެ ޢިލްމު އުނގަންނައިދޭނެ ކަމަށް ޕީޕީއެމްގެ މެނިފެސްޓޯގައި ލިޔެފައި އޮތްނަމަވެސް، އެ ވަޢުދު ފުއްދަވައި ދެއްވަން ޖެހުމުން ވިދާޅުވީ ޤުރުއާން ކިޔަވައިދޭނީ ގްރޭޑް 1 ން 7 އަށް ކަމަށެވެ. އަދި ގްރޭޑް 8 ން 12 އަށް ޤުރުއާން ކިޔަވައިދޭނީ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ކަމަށެވެ. ޕްރައިމަރީ ގްރޭޑްތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ އަބަދުވެސް ރާއްޖޭގައި ކުރަމުން އަންނަ ކަމެކެވެ. ސަރުކާރުން ފަހުން ބުނި ފަދައިން، ގްރޭޑް 8 ން 12 އަށް އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ޤުރުއާން ކިޔަވައިދިން ދިވެހި ރާއްޖޭގެ އެއްވެސް ސްކޫލް މަދަރުސާއެއް ނެތެވެ.
2. ބައެއް ކަންކަމަށް ޒިންމާ ވަނީ ކޮން ފަރާތަކުން ކަން ސާފު ނުވުން. ޒުވާން އުމުރުގެ ކުދިންގެ ތަޢުލީމާއި ތަމްރީނާ ބެހޭ ކަންކަން ހިންގަނީ ކޮން ފަރާތަކުންކަން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ބައެއް ޖަމްޢިއްޔާތަކަށް ސާފުވެފައި ނެތްކަން ފާހަގަވެއެވެ. ބައެއް ފަރާތްތަކަށް ހީކުރެވެނީ އެކަން ކުރަނީ ޔޫތު މިނިސްޓްރީން ކަމަށެވެ. އަނެއް ބަޔަކު ހީކުރަނީ އެކަން ކުރަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަމަށެވެ.
އަދި ހަމަ އެހެންމެ ޕްރީ ސްކޫލް ތައް ހިންގަނީ ކައުންސިލްތަކުގެ ދަށުން ކަމެއް، ސީދާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަމެއް ޔުނިސެފް ފަދަ މުއައްސަސާތަކަށާއި ޕްރީ ސްކޫލްތަކަށް ވެސް ސާފު ނުވާކަން ފާހަގަކުރެވިފައި ވެއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މާލޭގެ ޕްރީ ސްކޫލްތަކަށް އެވެނި މިވެނި ކަންކަން ކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައި އެކަންކަން އެ މިނިސްޓްރީން ކޮށް ނުދެއްވައެވެ. އެކަންކަން ކުރުވަން ދާނެ ފަރާތެއް ވެސް ސްކޫލްތަކަށް ނޭނގެއެވެ. ލާމަރުކަޒީ ޤާނޫނުގެ ބާރު މުޅިންހެންކަހަލަގޮތަކަށް ސަރުކާރުން ކަނޑުވާލާފައިވާތީ، އަތޮޅުތެރޭގެ ޕްރީ ސްކޫލްގެ ޓީޗަރުންގެ މުސާރައާއި ޢިނާޔަތުގެ ކަންކަން ވެސް ކުރިޔަށް އޮތް ތަނުގައި ކުރިޔަށް ގެންދާނީ ކޮން ފަރާތަކުން ކިހިނެއްކަން ނޭނގޭތީ ޕްރީ ސްކޫލް ޓީޗަރުން ތިއްބެވީ ކަންބޮޑުވެފައެވެ.
3. ޕްލޭނެއް ނެތި ތަޢުލީމީ ދާއިރާ ހިންގުން. ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ސިޔާސަތުތައް އެކަށައަޅައި ސްޓްރެޓެޖީތައް ބަޔާންކޮށް ދުރާލާ ރާވައިގެން ކަންކަން ކުރުމުގެ ބަދަލުގައި އެފަހަރަކަށް އިޢުލާންކުރާ ކަމަކަށް ޕޮލިސީތަކެއް ކަނޑައަޅަމުން އެކަމެއް ކުރަމުން ގެންދިއުމުގެ ސަބަބުން ޖެހެނީ ކަން ވަކި ހިސާބަކަށް ކުރިޔަށް ދާތަނުން އެކަމެއް ބަދަލުކުރުމަށެވެ.
މިސާލަކަށް 2014 ވަނަ އަހަރު ރޯދަމަހުގައި ވަކި ކްލާސްތަކަކުން ދަށަށް ކިޔަވައި ނުދޭގޮތަށް ނިންމުމަކީ ކުއްލިޔަކަށް ނިންމި އެފަދަ ނިންމުމެކެވެ. އޭރު ހީވީ ރޯދަމަހު ކިޔަވައިދިނުމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުކަމެއް ނޫން ހެންނެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ކަލަންޑަރުގައި ވާގޮތުން ރޯދަމަހު ކިޔެވުން އޮންނާނެއެވެ.
އަދި ޓީޗަރުން އަމިއްލައަށް ޗުއްޓީ ދުވަސްދުވަހު ބްލޮކް މޯޑަށް ކިޔަވަން ދިއުމާބެހޭގޮތުން ސިޔާސަތެއް އެކަށައެޅީ ވެސް ހަމަ އެފަދަ ގޮތަކަށެވެ. ޓީޗަރުންނަށް ޕެއިޑް ލީވްގައި އިތުރަށް ކިޔެވޭނެ މަގު ހަނިވެފައިވާތީ ގިނަ އަދަދެއްގެ ޓީޗަރުން ގެންދަވަނީ ވަޒީފާގައި އަތޮޅުގައި ތިއްބަވައިގެން ބްލޮކް މޯޑަށް ކިޔަވަމުންނެވެ. މި ފަދަ ކިޔެވުމުގައި ހަފުތާ ބަންދުގައި ކިޔަވައިދޭ ސެންޓަރަށް ހާޟިރުވެ ކުލާސްތަކުގައި ބައިވެރިވާންޖެހެއެވެ. މިހާރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ އެގޮތަށް ކިޔެވުމަށް ވަކި އުޞޫލެއް ކަނޑައަޅާފައެވެ. މި އުޞޫލުގެ ދަށުން އެއް ފަހަރާ އެއް ސްކޫލެއްގައި ތިބި ޓީޗަރުންގެ ތެރެއިން ކިޔެވޭނީ ވަކި ޢަދަދަކަށެވެ. އަދި ބަންދު ދުވަސްތަކުގައި ވެސް ކިޔަވަން ދެވޭނީ އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. މިކަމާ ޓީޗަރުން ނުރުހުން ވުމުގެ ސަބަބުން މިހާރު ވަނީ އެ ސިޔާސަތަށް ޢަމަލުކުރަން ފެށުން ފަސްކޮށްފައެވެ. އެކަށީގެންވާ މިންވަރަށް ދިރާސާ ނުކުރައްވައި އަދި ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ނުކުރައްވައި ސިޔާސަތުތައް އެކުލަވައިލަމުން ގެންދިއުމުގެ ނަތީޖާއަކަށް ވަނީ އެ ގޮތުގައި ނުހިފެހެއްޓި ސިޔާސަތު ބަދަލުކުރަން ޖެހުމެވެ.
4. 2015 ވަނަ އަހަރު ގްރޭޑް 1 ން 3 އަށް އާމަންހަޖު ތަންފީޒުކުރުމަށް ކަނޑައަޅައިފައިވާއިރު އެކަމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައިނެތުން. މަންހަޖަކީ ހަމައެކަނި މުޤައްރަރުތައް ކަމަށާއި މުޤައްރަރުތައް އެކުލެވުމުން އެ މުޤައްރަރަށް ކިޔަވައިދެވިދާނެކަމަށް މިނިސްޓްރީން ދެކޭކަމަށް ލަފާކުރެވެއެވެ. އައު މަންހަޖެއް ތަންފީޒުކުރެވެނީ އެ މަންހަޖު ތަންފީޒުކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަކުރެވިގެންނެވެ. އެހެންނަމަވެސް، މުޅި ރާއްޖޭގެ ސްކޫލްތަކަށް އައު މަންހަޖެއް ތަންފީޒުކުރާއިރު ކުރަންޖެހޭ އެތައް ކަންތައްތަކެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރަމުންދާތަނެއް ނުފެނެއެވެ. ރަނގަޅަށް ތައްޔާރުނުވެ މަންހަޖެއް ހުރިހާ ސްކޫލެއްގައި ތަޢާރަފުކުރުމުން އެއިން އުންމީދުކުރާ ނަތީޖާއެއް ޙާޞިލެއް ނުކުރެވޭނެއެވެ.
5. ތަޢުލީމީ ފަލްސަފާއަށާއި، މަޤްޞަދުތަކަށާއި އަދި މުޅި ސިސްޓަމަށް ނުވިސްނާ ކަންކަންކުރުން. މި ސަރުކާރުން ސްކޫލްތަކުގެ އެކިއެކި ގްރޭޑްތަކުގައި ކްލާސް އުފައްދަނީ ސްކޫލްގެ މުޅި ނިޒާމަށް ނުވިސްނައެވެ. މިސާލަކަށް، ސްކޫލެއްގައި ވަކި ވަރަކަށް ކްލާސްރޫމް ޖާގަ ހުންނައިރު އެ ސްކޫލަކަށް ގްރޭޑް 1 ގެ މާގިނަ ޢަދަދެއްގެ ކުދިން ވައްދައިފިނަމަ އެހެން ގްރޭޑްތައް ނިސްބަތުން މަދުކުރަންޖެހެއެވެ. ސްކޫލްގައި ކުދިންގެ ޢުމުރުފުރާގެ ބެލެންސް
ގެއްލިދެއެވެ. ބައެއް ކުދިން ސްކޫލް ދޫކޮށް، އެ ގްރޭޑެއްގައި ޖާގައޮތް އެހެން ސްކޫލަކަށް ބަދަލުވާންޖެހެއެވެ. މިއީ ހުރިހާ ގްރޭޑެއްގައި ވެސް ގާތްގަނޑަކަށް ދާދި އެއް މިންވަރަކަށް ދަރިވަރުން ތިބެގެން، ފުރިހަމަ ސްކޫލެއްގެ ގޮތުގައި ގްރޭޑް 1 ން 10 އަށް ކުރިޔަށް ގެންދިއުމަށް ހުރަސްއެޅިގެންދާނެ ކަމެކެވެ.
އަދި ހަމަ އެހެންމެ، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ވަޢުދު ތަންފީޒުކުރާގޮތުން ކުދިން ދަނީ ތަޢުލީމުން ބާކީވަމުންނެވެ. ޕީޕީއެމްގެ އެއް ވަޢުދަކީ ތަޢުލީމީ ނިޒާމުގެ ތެރެއިން އެއްވެސް ކުއްޖަކު ބާކީ ނުކުރާނެކަމުގެ ވަޢުދެވެ. ތަޢުލީމީ ފަލްސަފާއާއި އޭގެ މަތިވެރި މަޤްޞަދަށް ވިސްނައިގެން މި ވަޢުދު މާނަކުރާނަމަ ޤަބޫލުކުރެވޭނީ އެ ވަޢުދުގެ އަމާޒަކީ ސްކޫލްގެ އެއްވެސް ދަރިވަރަކު އޭނާ ސްކޫލުން ޙާޞިލުކުރަން ޖެހޭ ޢިލްމާއި، ހުނަރާއި، ސުލޫކާއި، ސިފަތައް ނުލިބި ސްކޫލުން ވަކިވެގެން ނުދާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން މި ހަދާގޮތަކީ ސާނަވީ މަރުޙަލާގައި، ކުއްޖާގެ ޢުމުރުން 13-14 އަހަރުގައި، ބައެއް ކުދިންނަކީ ނުކިޔެވޭނެ ކުދިންކަމަށް ‘ޓެގްކޮށް’ ސުޕަވައިޒަރަކާ ނުލައި، އަމިއްލަ މީސްމީހުންގެ ވޯކްޝޮޕްތަކަށް ފޮނުވާލުމެވެ. މިހެން ހެދުމުގެ ސަބަބުން އެތައް ކުދިންނެއް ދަނީ ފުރިހަމަ ސާނަވީ ތަޢުލީމަކުން ބާކީ ކުރެވެމުންނެވެ.
6. ތަޢުލީމީ ދާއިރާގެ ހިންގުން މަރުކަޒީކުރުމާއި، ދެފުށް ފެންނަގޮތަށް ކަންކަން ނުކުރުން. އެމްޑީޕީ ސަރުކާރުން ކަންކަން ކުރީ ވަރަށް ބޮޑަށް ސްކޫލްތަކުގެ ވެރިންނާއި ޕީޓީއޭ އާއި ސްކޫލް ބޯޑުތައް ތަޢުލީމީ ކަންކަން ނިންމުމުގައި ބައިވެރިކޮށްގެންނެވެ. އެފަރާތްތަކުގެ ޚިޔާލާއި، މަޝްވަރާ އަދި ވިސްނުމާއެކުއެވެ. އެހެންނަމަވެސް މިސަރުކާރުން ވަނީ އެ މުއައްސަސާތަކުގެ ބާރު ކުޑަކޮށްފައެވެ. އޭގެ އިތުރުން އިދިކޮޅު އެމްޑީޕީން ތައުލީމީ ކަންކަމާބެހޭގޮތުން ހޯދަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް ވެސް ކަނޑައެޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އަދި މަޢުލޫމާތު ހޯދުމަށް ފޮނުވާ ސިޓީއަކަށް ޖަވާބު ދެއްވުމަކީ ވެސް ޒިންމާދާރު ކަމެއްކަމަށް ދެކެވަޑައެއް ނުގަންނަވައެވެ.
7. ތަޢުލީމީ ހިންގުން މަރުކަޒީކުރަމުންގެންދިއުން. ކިޔަވައިދިނުމާއި ސްކޫލްތައް ހިންގުމަކީ ދައުލަތުގެ އޮފީހެއް ހިންގާހެން ހިންގޭނެ ކަންކަމެއްނޫނެވެ. އެކަންކަން ކުރެވެނީ ޓީޗަރުންނަށާއި ސްކޫލްތައް ހިންގާ ފަރާތްތަކަށް އެކަންކުރުމުގެ އިޚްތިޔާރާއި ބާރު އޮވެގެންނެވެ. ކޮންމެ ފަހަރަކު ކޮންމެ ކަމެއް މިނިސްޓްރީއޮފް އެޑިޔުކޭޝަންގެ ކޮންމެވެސް މީހަކާ ގުޅައިގެން ކުރާގޮތަށް އޮވެގެންނެއް ތަޢުލީމީ ދާއިރާ ފުރިހަމަކޮށް ނުހިނގާނެއެވެ. އެމްޑީޕީ ވެރިކަމުގައި ތަޢުލީމީ ދާއިރާގެ ހުރިހާ ފެންވަރަކަށް މިނިވަންކަން ދިޔައީ ދެމުންނެވެ. ނަމަވެސް މިހާރު ސްކޫލް ހިންގުމުގެ ހުރިހާ ބާރެއް ދަނީ މިނިސްޓްރީއަށް ޖަމާކުރަމުންނެވެ.
8. ތަޢުލީމީ ދާއިރާ ސިޔާސީވުން. ތަޢުލީމީ ދާއިރާ ސިޔާސީ ވުމަކީ ސިޔާސީ ފައިދާ ހޯދުމަށް އެ ދާއިރާގެ ބޭނުން ހިފުމެވެ. 2014 ވަނަ އަހަރު ނިމުނު އިރު އެޑިޔުކޭޝަން މިނިސްޓްރީގައި 13 ސިޔާސީ ބޭފުޅުން ތިއްބަވައިގެންގެން ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އަދި 2015 ވަނަ އަހަރުގެ ބަޖެޓްގައި ސިޔާސީ އިތުރު 8 މަޤާމު ކަނޑައެޅި ފައިވެއެވެ. މިހާރު މިދާގޮތަށް ދާނަމަ ތަޢުލީމީ ކަންކަން ބަލައި، ފަންނީ ލަފާދީހަދަން ތިއްބަވާ ސްޕްރިންޓެންޑެންޓުންނާއި، ސްކޫލްތައް ހިންގަވަން ތިއްބަވާ ޕްރިންސިފަލުންނަކީ ސިވިލް ސަރވިސް
މުވައްޒަފުންކަމުން ވަކިކޮށް، ސަރުކާރުން އަޢްޔަނުކުރާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މުއައްޒަފުންކަމުގައި ވުމީ ވެސް ދުރުގައި އޮތްކަމެއް ނޫންކަމަށް ފާހަގަކުރެވެއެވެ.
9. ތަޢުލީމީ ދާއިރާގައި ޓީޗަރުންނަށް ދީފައިވާ ސަމާލުކަން ކުޑަކުރުން. ތަޢުލީމީ ސަނަދާ، މަޤާމާއި، މަސައްކަތާއި، އެކަށޭނަ އުޖޫރައެއް ދީގެން މުދައްރިސުންގެ ހައިބަތާއި، ޤަދަރު އަލުން އުފުލާނެކަމަށް ތަޢުލީމީ މެނިފެސްޓޯގައި ބަޔާންކޮށްފައި ވެއެވެ. މި ސަރުކާރުގެ ފުރަތަމަ އަހަރުގައި ޓީޗަރުން ވަނީ އެމީހުންގެ މުސާރައިގެ އޮނިގަނޑު އިސްލާޙުކޮށްދިނުމަށާއި، ސިވިލް ސާރވިސްގެ އެހެން މުވައްޒަފުންނާއި އެއްހަމައަކަށް މުސާރަ ގެނެސްދިނުމަށާއި، ތަޢުލީމީ ދާއިރާއަކީ ރައްޔިތުން ބަލައިގަންނަ ދާއިރާއަކަށް ހަދައި، ޓީޗަރުންނަކީ މުޖުތަމަޢުގެ ޤަދަރާއި އިޙްތިރާމް ލިބިގެންވާ ބަޔަކަށް ހަދައިދިނުމަށް އެދި އެތައް ފަހަރެއްގެ މަތިން ތަޢުލީމީ ވުޒާރާގައި އެދިފައެވެ. މިކަމަށް ބޭނުންވާ މުދައްރިސުންގެ އޮނިގަނޑެއް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ޓީޗަރސް އެސޯސިއޭޝަނުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އެދިވަޑައިގަންނަވަމުން ގެންދެވިއެވެ. މިކަންތައް ނުކުރެވި ދިގުލައިގެން ދިއުމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޒިންމާދާރު އިސްވެރިން އެކި ފަހަރު އެކި ގޮތަށް ވާހަކަފުޅު ދެއްކަވަމުން ގެންދިއުމުގެ ސަބަބުން އެ ފަރާތްތަކަށް ޓީޗަރުންކުރާ އިތުބާރު މުޅިންގެއްލި، ޓީޗަރުން ސްކޫލްތަކަށް ކަޅުހެދުމުގައި ނުކުމެ އިހްތިޖާޖްކޮށް އަދި އެންމެފަހުން 23 ސެޕްޓެމްބަރު 2014 ވާ އަންގާރަދުވަހު ކިޔަވައިދިނުން ހުއްޓާލާ ހިސާބަށް ކަންކަން ގެންދަން ޖެހުނެވެ. އޮނިގަނޑު ނިންމާ ރައީސް އޮފީހަށް ފޮނުވުނީ އެ ހިސާބުންނެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވެފައި ވަނީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑު ތަންފީޒު ކުރެވޭނެ އިރެއް ބުނަން ނޭނގޭ ކަމަށެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޓީޗަރުންގެ މުސާރައިގެ އޮނިގަނޑު ނިންމުމަށްފަހު ރައީސް އޮފީހަށް ފޮނުވުނުފަހުން 25 ސެޕްޓެމްބަރު 2014 ގައި ޓީޗަރސް އެސޯސިއޭޝަނުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރުމުން އެބޭފުޅާ ވިދާޅުވެފައިވަނީ އެއޮނިގަނޑަކީ “ރަބިޝް” ކަމުގައެވެ. އަދި 13 ނޮވެމްބަރު 2014 ވަނަ ދުވަހު ސިވިލް ސާރވިސް ކޮމިޝަނާއި ޓީޗަރސް އެސޯސިއޭޝަނުން ބައްދަލުކުރުމުން ޓީޗަރުންގެ މުސާރައިގެ އާއޮނިގަނޑު އެކޮމިޝަނަށް ލިބިފައިނުވާކަމަށް ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.
ސްކޫލްކުދިންގެ ތަޢުލީމީ ފެންވަރާއި، ކިޔަވައިދޭ ޓީޗަރުންނާއި ގުޅިލާމެހިފައިވާއިރު، ރަނގަޅު ފެންވަރުގެ ޓީޗަރުން ލިބުން މިއަދު މިވަނީ ދަތިކަމަކަށް ވެފައެވެ. ޓީޗަރުންގެ މުސާރަ އެހެން ދާއިރާތަކަށްވުރެ ނިސްބަތުން ކުޑަކަމުން ތަޢުލީމީ ގޮތުން ރަނގަޅު ފެންވަރުގެ ކުދިން މުދައްރިސްކަމާއި ކުރިމައްޗެއް ނުލައެވެ. އަދި މިދާއިރާގައި ދިގުމުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންނާއި، މާސްޓަރސް ޑިގްރީ ފެންވަރުގެ ބޭފުޅުން މުސާރަ އެކަށީގެންނުވާތީވެ ތަޢުލީމީ ދާއިރާ ދޫކުރައްވައި އެހެން ދާއިރާތަކަށް ވަޑައިގަންނަވާ ވާހަކަ 25 ސެޕްޓެމްބަރ 2014 ވަނަ ދުވަހު ޓީޗަރސް އެސޯސިއޭޝަނާއި ރައީސް ޔާމީން ބައްދަލުކުރެއްވުމުން ޙިއްސާކުރެވުނެވެ.
ސަރުކާރުގެ އާމްދަނީ ރަނގަޅުވީހާ އަވަހަކަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް 18 މެއި 2014 ވަނަ ދުވަހު ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެފައިވެއެވެ. އަދި އިޤްތިޞާދީ ޙާލަތު ރަނގަޅުވުމުން ޓީޗަރުންގެ އުޖޫރަ ރަނގަޅު ކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވަނީ ރައީސް ކަމާއި ޙަވާލުވެވަޑައިގެންނެވި ފަހުންވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް މިއަންނަ އަހަރުގެ ބަޖެޓުގައި މިއަހަރާއި އަޅާބަލާއިރު ރާއްޖޭގެ ނޮމިނަލް
ޖީޑީޕީ 12 އިންސައްތަ އަށް އަދި މުޅި އިޤްތިޞާދު 10.5 އިންސައްތައަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވާއިރުވެސް، ޓީޗަރުންގެ މުސާރައަށް ރަނގަޅު ހެޔޮ ބަދަލެއް ގެނައުމަށް މިއަންނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނާފައި ނުވާކަން ފާހަގަކުރެވެއެވެ. ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށް ބޭނުންވާ 532 މިލިއަން ރުފިޔާ މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެއް ނުވެއެވެ.
ތަޢުލީމީ ދާއިރާ ކުރިއަރުވައި، ހަރުދަނާކުރުމަށްޓަކައި ޓީޗަރުންގެ ޝައުޤުވެރިކަން އިތުރުކުރުމީ ވަރަށް މުހިންމު ކަމެކެވެ. އެހެންނަމަވެސް ޕީޕީއެމް ސަރުކާރުގެ 1 އަހަރުގައި މިކަމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ފެނިފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ސިޔާސީ މަޤާމްތައް އިތުރުކުރަމުންދާތަނެވެ. މިހާރުވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އެކި ސިޔާސީ މަޤާމްތަކުގައި 13 ބޭފުޅުން އެބަތިއްބެވިއެވެ. އަދި މިނިސްޓްރީގެ އިންޓާރނަލް ބަޖެޓް 2014 ވަނަ އަހަރަށްވުރެ 2015 ވަނަ އަހަރުގެ 140 އިންސައްތަ އިތުރުކަން ފާހަގަކުރެވެއެވެ.
ތަޢުލީމީ ދާއިރާގައި ކާމިޔާބު ވަޒަންކުރަނީ ދަރިވަރުން ޙާޞިލްކުރާ ކަންތައްތަކާއި މިންވަރަށް ބަލާފައެވެ. އަދި މުޖުތަމަޢަށް ނެރެވޭ ޖީލެއްގެ ވިސްނުންތެރިކަމާއި، އުފެއްދުންތެރިކަމާއި، ހަރުދަނާކަމުގެ މައްޗަށް ބަލާފައެވެ. މިކާމިޔާބީ އާއި ހަމައަށް ދަރިވަރުން ވާޞިލްކޮށްދޭން ތިބި ޓީޗަރުން ހިތްހަމަ ނުޖެހުމާއި، ނާއުންމީދުވެފައި ތިބެގެން ކުދިންނަށް ރަނގަޅު ކާމިޔާބީއެއް ހޯދައިނުދެވޭނެކަން ޔަޤީނެވެ.
10. ވެފައިވާ ވަޢުދާ އެއްގޮތަށް މެދުފަންތީގެ ހުނަރުވެރިން ތަމްރީނު ނުކުރުން އަދި މެދުފަންތީގެ ހުނަރުވެރިން ތަމްރީނުކުރުމަށް އެމްޑީޕީ ސަރުކާރުން އުފެއްދި މޯލްޑިވްސް ޕޮލިޓެކްނިކުގެ ފުރިހަމަ ބޭނުން ނުކުރެވުން. ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތަށް ބޭނުންވާ ފަންނުވެރި ޒުވާނުން އުފެއްދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. އެމްޑީޕީ ސަރުކާރުން 8500 މީހުން ތަމްރީނުކުރުމަށް ފެއްޓި ހުނަރު ޕްރޮގްރާމް ވަނީ ހުއްޓާލާފައެވެ. އޭގެ ބަދަލުގައި ‘ބީޓެކް’ އަދި ‘ދަސްވާރު’ މި ނަންތައް ކިޔައި ފެއްޓި ޕްރޮގްރާމްތަކުން އެކަށޭނަ ޢަދަދަކަށް މީހުން ތަމްރީނެއް ނުކުރެވެއެވެ.
މިހާރު ހުރި ޕޮލިޓެކްނިކަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހުނަރުވެރި ތަމްރީނު ދޭ އަދި ބެލެނިވެރިންނާއި ދަރިވަރުންގެ މަޤުބޫލުކަން ލިބިފައިވާ ހައިބަތު ބޮޑު އިންސްޓިޓިއުޝަނަކަށް ހަދާނެކަމުގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ޔާމީން ވަނީ ވަޢުދުވެވަޑައިގެންފައެވެ. ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓްރީން ޙާޞިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އިޢުލާނުކުރުމަށް 29 ޑިސެމްބަރު 2013 ވަނަ ދުވަހު ސަލްޓަން ޕާކުގައި ބޭއްވި ޙަފްލާއެއްގައި ދަރިވަރުންނަށް ޚާއްޞަ ޕޮލިޓެކްނިކްގެ ކޯސްތައް ފަރުމާކޮށް އެ ކޯސްތަކުގައި ދަރިވަރުން ބައިވެރިކުރާނެ އުޞޫލުތައް ކަނޑައަޅަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އިޢުލާނުކުރިއެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް އެކޯސްތައްވެސް އަދި އެއުޞޫލުތައްވެސް ފެންނާކަށްނެތެވެ. މީގެ އިތުރުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާލޭގައި ކިޔަވާ ދަރިވަރުންނަށް ޕޮލިޓެކްނިކް މެދުވެރިކޮށް ހަ ދާއިރާއަކުން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އެރޭގެ
ޙަފްލާގައި އިޢުލާނުކުރިއެވެ. އަދި ރާއްޖޭގެ ތިން ސަރަހައްދެއްގައި ޕޮލިޓެކްނިކްގެ ތިން ކެމްޕަސް 100 ދުވަހުގެ ތެރޭގައި ޤާއިމުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ސަރުކާރަށް އެއް އަހަރު ވެގެން ދިޔައިރު މިދެންނެވި ފުރުޞަތުތަކެއްވެސް އަދި މިއިން އެއްވެސް ކެމްޕަހެއްވެސް ފެންނާކަށް ނެތެވެ. ވަޒީފާތަކަށް މީހުން ތަމްރީނުކުރުމުގައި ޕޮލިޓެކްނިކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާތަނަކަށްވީހިނދު ރައީސް ޔާމީން ވައުދުވެވަޑައިގެންފައިވާ 94000 ވަޒިފާ އުފެއްދުމަށް މޯލްޑިވްސް ޕޮލިޓެކްނިކަކީ ވަރަށް މުހިންމު އިންސްޓިޓިއުޝަނެކެވެ. އަދި ރާއްޖޭގެ އިގްތިޞާދީ ސިނާޢަތަށް ބޭނުންވާ ފަންނުތަކުން ގިނަ ޒުވާނުންތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ހުނަރުވެރިކުރުވާނެ ކަމަށް ރައީސް ޔާމީން ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމުގައިވެސް ޕޮލިޓެކްނިކްގެ ބޭނުން ވަރަށް ބޮޑެވެ. އެހެންނަމަވެސް މޯލްޑިވްސް ޕޮލިޓެކްނިކް ހިނގަމުންދަނީ މިދެންނެވި އަމާޒު ޔަޤީންކުރުމަށް ނޫންކަން އެނގި ކަށަވަރުވެއެވެ. ރައީސް ޔާމީން ޕޮލިޓެކްނިކާއި ގުޅުވައިގެން ވަޢުދުވެޑައިގެންނެވި ކަންތައްތައް އަދި ނުފުއްދޭ އިރު އަދި ފުއްދުމަށް އެއްވެސް ރޭވުންތެރިކަމެއް ނެތްއިރު މިއަންނަ އަހަރަށް ޕޮލިޓެކްނިކަށް ކަނޑައަޅާފައިވަނީ 13.4 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިޢަދަދަކީ މިދެންނެވި ގިނަގުނަ ވަޢުދުތައް ފުއްދުމަށް އެކަށީގެންވާ ބަޖެޓެއް ނޫންކަން ޔަޤީންވެ އެނގެއެވެ.
11. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިންގާ ޓިވެޓް އޮތޯރިޓީ އަކީ ދިވެހިރާއްޖޭގެ މަސައްކަތްތެރި ކަމުގެ ސިނާޢަތު ވަރުގަދަކޮށް އެސިނާޢަތްތަކަށް ބޭނުންވާ ހުނަރުވެރި ދިވެހިން އުފެއްދުމަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް އެކި ފަންނުތަކަށް ބޭނުންވާ ކޮމްޕިޓެންސީ ބޭސްޑް ސްޓޭންޑަރޑްސް އުފައްދާ އެ ސްޓޭންޑަރޑް ތަކަށް ހިންގޭ ކޯސްތައް އެސެސްކޮށް ސަރޓިފިކެޓް ދިނުމަށް 2011 ވަނަ އަހަރު ސަރުކާރުން އުފެއްދި މުއައްސަސާ އެކެވެ.
1. މިދެންނެވި މުއައްސަސާގެ ބާރު ކަނޑުވާލާ އެމުއައްސަސާގެ ހިންގުން ގަޑުބަޑުކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި އެއްކޮށް ހިންގާން ފެށުމުން ޓިވެޓް އޮތޯރިޓީ މިހާރުވަނީ އެތަން އުފެއްދި މަޤްސަދުތަކާއި އެއްގޮތަށް ހިންގުމަށް ނުކުޅެދިފައެވެ. އަދި ހިތާމަޔަކީ ޓިވެޓް އޮތޯރިޓީން މިފަހަކަށް އައިސް ބައެއްކަހަލަ ތަމްރީނުތައް ހިންގާން ފެށުމުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ތަމްރީނުތައް ހިންގާ އެހެނިހެން ފަރާތްތަކަށް ގޮންޖެހުން ތަކާއި ކުރިމަތިލާންޖެހުމެވެ.
2. އަދި ހަމަ އެއާއިއެކު އެއްވެސް ކުއްޖަކު ބާކީ ނުކުރާ ސިޔާސަތުގެ ނަމުގައި އެކިއެކި ތަންތަނަށް ފޮނުވި ސްކޫލްތަކުގެ ދަރިވަރުންނަށް ޓިވެޓް އޮތޯރިޓީން ނެޝަނަލް ސަރޓިފިކެޓް ދިނުމަށް ތައްޔާރުވަމުދާއިރު ކޯސްތައް ހިންގާންޖެހޭ ސްޓޭންޑަރޑްތަކުގެ އުސޫލްތަކާއި މިންގަޑުތައް އެކަހެރި ކުރެވިފައި ވާކަން ފާހަގަކޮށް މިކަމަކީ މަސައްކަތްތެރިކަމުގެ ސިނާއަތްތަކުން މިދެންނެވި ސަރޓިފިކެޓްތަކަށް ކުރާ އިތުބާރު ވަރަށްބޮޑަށް ގެއްލިގެން ދާނެ ކަމެއްކަމުގައި ދެކެމެވެ.
3. ނެޝަނަލް ސަރޓިފިކެޓް އެވޯރޑް ކުރުމުގެ ބާރުއޮތް ޓިވެޓް އޮތޯރިޓީން ބޯތަކެއް އިތުރުކުރުމުގެ ނިޔަތުގައި ނާޖާއިޒް ގޮތުގައި ސަރޓިފިކެޓް ދޭންފަށްޓަވައިފިނަމަ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ސިނާއަތްތަކުން ޓިވެޓް އޮތޯރިޓީން ދޫކުރާ ސަރޓިފިކެޓްތައް ޤަބޫލް ނުކޮށް އެސްޓޭންޑަރޑްތަކާއި އެއްގޮތަށް ތަމްރީނުތައް ހިންގާ ފަރާތްތަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ.
4. އަދި ރާއްޖޭގައި ދެވޭ ޓިވެޓް ތަމްރީނުތަކުގެ މިންގަނޑު ކަނޑައަޅާ ޓިވެޓް އޮތޯރިޓީއަށް 2015 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައެޅިފައިވަނީ އެންމެ ފަސް ލައްކަ ރުފިޔާއެވެ. މިއީ މިފަދަ މުއައްސަސާއެއް ހިންގުމަށް އެއްވެސް މިންވަރަކަށް އެކަށީގެންވާ ޢަދަދެއް ނޫނެވެ.
3. ނިންމުން
2014 ވަނަ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަން ހިނގާފައިވާ ކަމަށް ފެންނަނީ ލިޔެވި ޢާންމުކުރެވިފައިވާ ޕްލޭނެއް ނެތިއެވެ. މިނިސްޓްރީން މަސައްކަތްކުރަމުން ދިޔަކަމަށް ފެނުނީ ސިޔާސީ ބައިވަރު މީހުން ތިބެގެން، ހުރިހާ ބާރެއް މިނިސްޓްރީއަށް ޖަމާކުރުމަށް މަސައްކަތްކުރަމުންދިއުމާއެކު އެ ފަހަރަކު ހިތަށް އެރިކަމެއް ކުރަން މަސައްކަތްކުރަމުންދާކަހަލަ ގޮތަކަށެވެ. މެނިފެސްޓޯ ތަންފީޒުކުރުމަށްކަމަށް ބުނެ މިނިސްޓްރީން ކޮށްފައިވާ ކަންތައްތަކަކީ ރަނގަޅު ތަޢުލީމީ ފަލްސަފާއަށް ބެލުމެއްނެތި، އަދި ރަނގަޅު ރޭވުމެއް ނެތި، ކަމަކަށް ކަމެއް ކުރާ އުޞޫލުން، މީޑިޔާއަށް ސުރުޚީ ދިނުމުގެ ބޭނުމުގައި ކޮށްފައިވާ ކަންކަމެވެ. 2014 ވަނަ އަހަރުގެ އޯލެވެލް ނަތީޖާ ރަނގަޅުކޮށް ދެއްކުމަށްޓަކައި ގްރޭޑް 10 ގެ އެތައް ކުދިންނެއް ސްކޫލްތަކުން ޖީސީއީ އޯލެވެލްގެ އިމްތިޙާނުގައި ބައިވެރިނުކުރާއިރު، 2014 ވަނަ އަހަރު ތަޢުލީމީ ދާއިރާ ރަނގަޅުކޮށް ހިނގަމުން ގޮސްފައި ނުވާކަން ތަޢުލީމީ ދާއިރާގެ އެތަކެއް މުއައްޒަފުން ފާހަގަކުރެއެވެ.
—
ރިޕޯޓު ނެރުނީ: އެމްޑީޕީގެ ތަޢުލީމާއި ތަމްރީނާއި ބެހޭ ކޮމިޓީ