މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަކި ތާރީޚެއް ޖަހާފައިނުވާ އެ މިނިސްޓްރީގެ 2014 ވަނަ އަހަރުގެ 49 ނަމްބަރުގެ އެންގުމާއެކު ‘ކޯސްތަކުގައި ބްލޮކްމޯޑު އުޞޫލުން ކިޔަވާ މުއައްޒަފުން ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލު’ ސްކޫލްތަކަށް ފޮނުއްވާފައި ވެއެވެ.
އެ އެންގުމުގައި ވާ ޢިބާރާތްތަކުން ދޭހަކުރުވަން އުޅުއްވާފައިވަނީ، ބްލޮކް މޯޑްގެ އުޞޫލުން ޓީޗަރުން މިހާރު ކިޔަވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެހީވެދެއްވައިގެން ކަމަށެވެ. އަދި އެއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަލަށް ފައްޓަވައިގެން އުޅުއްވާ ޕްރޮގްރާމެއްކަމަށެވެ. ތަޢުލީމީ ދާއިރާގެ ކަންކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި ފަދަގޮތަކަށް އޮޅުވާލައްވަން އުޅުއްވާ ކަމީ މި ޕާޓީން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ.
ބްލޮކް މޯޑްގެ އުޞޫލުން ޓީޗަރުން ވަޒީފާގައި ތިއްބަވައިގެން ކިޔަވަމުން ގެންދަވަނީ ޓީޗަރުން އަމިއްލަޚަރަދުގައެވެ. އެއީ މީގެ އަހަރުތަކެއް ކުރިއްސުރެން ޓީޗަރުން ކުރައްވަމުން ގެންދަވާ ކަމެކެވެ. މަތީ ތަޢުލީމު ދޭ ތަންތަނުން، ބްލޮކް މޯޑަށް ނުވަތަ، ހަފްތާ ބަންދުގައި، ނުވަތަ އެހެންވެސް ބަންދު ދުވަސްތަކުގައި ގިނަތަކެތި އެއްފަހަރާ ކިޔަވާގޮތަށް ރާއްވަވާފައި ވަނީ ވެސް ޓީޗަރުން އެކަމަށް ބޭނުންވާތީއެވެ. އެހެންކަމުން، ޓީޗަރުން މި ކޯސްތައް ހައްދަވަމުން ގެންދަވަނީ ޢާންމުކޮށް ކިޔެވުން ނޯންނަ ދުވަސްތަކުގައެވެ. ކިޔެވުން އޮންނަ ދުވަހެއް ދިމާވެއްޖެނަމަ ސްކޫލުގެ ޕްރިންސިފަލާއި ލީޑިންގ ޓީޗަރުންނާ ވާހަކަދައްކަވައިގެން އެ ދުވަހުގެ މަސައްކަތް ޓީޗަރުން އެހެން ގޮތަކަށް އިންތިޒާމު ކުރައްވައެވެ.
އެހެންނަމަވެސް، ބްލޮކް މޯޑަށް ކިޔެވުމަށް މުއައްޒަފުން ދޫކުރުމުގެ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފޮނުއްވާފައިވާ އުޞޫލުގެ ދަށުން ޓީޗަރުން ވަޒީފާގައި ތިބެގެން އިތުރު ތަމްރީނު ހޯދުމުގެ ފުރުޞަތު ކަނޑައެޅިގެން ވަރަށް ބޮޑަށް ދަތިކޮށް ހަނިކޮށްފައިވެއެވެ. ބަންދު ދުވަސްދުވަހުގައި ވެސް ޓީޗަރުންނަށް ކިޔަވަން ދެވޭނީ ސްކޫލުން ދޫކުރުމުން ކަމަށް އެ އުޞޫލުގައި ވެއެވެ. ސްކޫލުން ދޫކޮށްގެން އަމިއްލައަށް ކިޔެވި ނަމަވެސް ސަރުކާރުގެ ޚަރަދުގައި ކިޔަވާ މީހަކަށް އޮންނަ ޝަރުޠުތައް އެ ޓީޗަރަކަށް ވެސް އޮންނާނެކަމަށާއި، މި އުޞޫލާ ޚިލާފަށް ކިޔަވަން ވަޑައިގަންނަވާ ޓީޗަރުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އެ އުޞޫލުގައި ބަޔާންކޮށްފައި ވެއެވެ. މި އުޞޫލު ތަންފީޒުކުރަން ފައްޓާއިރު ބްލޮކް މޯޑުގެ ދަށުން ޑިޕްލޮމާއާއި ޑިގްރީ ފަދަ ޕްރޮގްރާމްތައް ހައްދަވަމުން ގެންދަވާ އެތަކެއް ޓީޗަރުންގެ ތައުލީމުގެ ފުރުޞަތުތައް މެދުކެނޑިދާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.
މި އުޞޫލު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލްތަކަށް ފޮނުއްވުމުން ޓީޗަރުން ވަނީ މިކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ސަބަބަށްޓަކައި މި އުޞޫލަށް ޢަމަލުކުރުން ވަނީ ވަގުތީގޮތުން ފަސްކުރައްވާފައެވެ.
މި ޕާޓީން އެޑިޔުކޭޝަން މިނިސްޓްރީއަށް ގޮވައިލަނީ، ޓީޗަރުން ވަޒީފާގައި ތިއްބަވައިގެން އަމިއްލަ ޚަރަދުގައި އަމިއްލަ ކުރިއެރުމަށްޓަކައި ކުރައްވާ މަސައްކަތަށް ހިތްވަރުދެއްވައި އެކަމަށް ފަސޭހަވާނޭ ގޮތްތަކަށް މި ސިޔާސަތު އިޞްލާޙުކުރެއްވުމަށްފަހުގައި ނޫނީ އެ ސިޔާސަތަށް ޢަމަލުކުރައްވަން ނުފެއްޓެވުމަށެވެ.