ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުން މަޤާމުން ވަކިކޮށް ސިޔާސީ މީހުން ސްކޫލްތަކަށް ލުން

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ސްކޫލްތަކުގައި ތިއްބެވި ޑެޕިއުޓީ ޕްރިންސިޕަލުން އެ މަޤާމުތަކުން ވަކިކުރެއްވުމަށެވެ. އެނގިފައިވާ ގޮތުގައި ޑެޕިއުޓީ ޕްރިންސިޕަލުންނަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުށައަޅުއްވަނީ އެ ބޭފުޅުން ޓީޗަރުންނަށް، ނުވަތަ ލީޑިންގ ޓީޗަރުންނަށް ބަދަލުވުމަށެވެ. ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ނުވަތަ އަތޮޅުތެރޭގެ ސްކޫލެއް ހިންގުމަށް އަތޮޅަކަށް ވަޑައިގަތުމަށެވެ.
މާލެއާއި އަތޮޅުތަކުގެ ބައެއް ސްކޫލްތަކަކީ ދެ ދަންފަޅިއަށް ހިންގާ، ކޮންމެ ސްކޫލެއްގައި 1000 އަށް ވުރެން ދަރިވަރުން ގިނަ ބޮޑެތި ސްކޫލްތަކެވެ. މި ސްކޫލްތަކުގައި ޕްރިންސިޕަލަށް އެހީތެރިވެދެއްވުމަށްޓަކައި ފަންނީ ޤާބިލުކަމާއި ތަޖުރިބާ ހުރި ޑެޕިއުޓީ ޕްރިންސިޕަލުން ތިބުމަކީ އެ ސްކޫލްތައް ރަނގަޅަށް ހިންގުމަށްޓަކައި ކޮންމެހެން ބޭނުންވާނޭ ކަމެކެވެ. އެހެންކަމުން، ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުންގެ މަޤާމު އުވައިލުމަކީ މި ޕާޓީން ވަރަށް ކަންބޮޑުވާ ކަމެކެވެ.
މި ޕާޓީ އެންމެ ކަންބޮޑުވަނީ ސްކޫލްތަކުން ޑެޕިއުޓީ ޕްރިންސިފަލުންގެ މަޤާމު އުވައިލެއްވުމަށްފަހު މުދީރު، ނުނީ މުޝީރު، ނޫނީ އެކަޑަމިކް ކޯޑިނޭޓަރ ފަދަ ނަންނަމުގައި ސްކޫލްތަކަށް ސިޔާސީ މީހުން ލައްވަފާނެތީއެވެ. ސްކޫލްތަކުގެ ތެރެއަށް ސިޔާސީ މީހުން ލައިގެން ސްކޫލްތައް ސިޔާސީ ކުރުމަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ކުރިމަތިވާނޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށާއި ނުރައްކަލެއްކަމަށް މި ޕާޓީން ދެކެމެވެ.
އެހެންކަމުން، ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުން މަޤާމުން ވަކިނުކުރެއްވުމަށާއި ސްކޫލްތަކަށް ސިޔާސީ މީހުން އައްޔަން ނުކުރެއްވުމަށް މި ޕާޓީގެ ފަރާތުން މިނިސްޓްރީ އޮފް އެޑިޔުކޭނަނަށާއި ސަރުކާރަށް ގޮވައިލަމެވެ.