އިމްތިޔާޒު ފަހުމީއަށް ދިން ހަމަލާ ކުށްވެރި ކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ތަރުޖަމާނު އަދި މި ޕާރޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރ އަލްއުސްތާޛް އިމްތިޔާޒް ފަހުމީއަށް މިއަދު ހެނދުނު ދިން ހަމަލާ އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ. 

އިމްތިޔާޒް ފަހުމީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތުމަށްޓަކައި އެމަނިކުފާނުގެ ގޭގެ ދޮރުކައިރީ ހުންނަވަނިކޮށް، ފާރަލައިގެން ހުރި މީހަކު އެމަނިކުފާނާ އަރާހަމަކޮށް އެމަނިކުފާނުގެ ގައިކޮޅަށް ދެފަހަރު ކަޅުތެޔޮ ޖަހައި ޙަމަލާދިނުމަށްފަހު ވަނީ ފިލައިފައެވެ.
 
އިމްތިޔާޒު ފަހުމީގެ އިތުރުން މިއަދުގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަޑައިގަންނަވަނިކޮށް ވެސް ވަނީ ކަޅުތެޔޮ ޖަހާފައިކަން ފާހަގަކުރަމެވެ. 

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ހ) ގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކުން ބޭރު ނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރުން މަޤާމުން ވަކިކޮށްގެން ނުވާނެ ކަމަށް ސާފުކޮށް ބުނެފައި ވަނިކޮށް  މި މާއްދާގެ (ށ) ގައި ބުނާ އެއްވެސް ކަމެއް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އަށް ޘާބިތު ކޮށްދެވިފައި ނުވާ ޙާލު، އަދި ޤާނޫނު އަސާސީގައި ލާޒިމުކޮށްފައިވާ އިޖްރާޢަތްތަކާއި ޑިޔޫ ޕްރޮސެސް ހިންގުމަކާ ނުލައި، ޤާނޫނު އަސާސީއާ ޚިލާފަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިނާއި ފަނޑިޔާރު މުޢުތަސިމް އަދުނާން ސުޕްރީމް ކޯޓުގެ ބެންޗުން ބޭރުކޮށްލުމުގެ ނިޔަތުގައި، ރައްޔިތުންގެ މަޖިލިހުގައި ވޯޓު ނެގުމަށް މިއަދު ބޭއްވި ޖަލްސާގައި ސަރުކާރުގެ ވިސްނުމާ ދެކޮޅު މަޖިލީހުގެ ބައެއް މެމްބަރުންނަށް އަމާޒުކޮށްގެން ސަރުކާރުން ރާވައިގެން މެމްބަރުންނަށް ޙަމަލާތައް ދީފައިވާކަމަށް ދެކެމެވެ. އަދި އެއީ ވޯޓަށް ނުފޫޒު ފޯރުވުމަށާއި މެމްބަރުންނަށް ބިރުދެއްކުމަށް ހިންގި ޢަމަލެއްކަމަށް ދެކެމެވެ.

ރައްޔިތުންގެ މަޖިލިހުގެ ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ވިސްނުމާ ދެކޮޅު މެމްބަރުންނަށް ޙަމަލާދީ އަދި ބިރު ދައްކައިގެން ހިންގޭ މިފަދަ ނާތަހުޒީބީ ޢަމަލުތަކަކީ ދިވެހިރާއްޖޭގައި ޑިމޮކްރެސީ ފަނޑުވެ ޚުދުމުހުތާރުވެރިކަން ރުޖޫޢަވަމުން އަންނަ ކަމުގެ ހެއްކެކެވެ. ބަޣާވާތަކުން ސަރުކާރު ވައްޓާލުމަށްފަހު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ދެވޭ މިފަދަ ހަމަލާތައް އިތުރުވެ ދިވެހިރާއްޖެ މިއަދު ވެފައިވަނީ ޤާނޫނު ހަދާ މަޖިލިހުގެ މެމްބަރުންނަށް އެންމެ ނުރައްކާތެރި އެއް ޤައުމަށް  ވެފައިކަމަށް އިންޓަރ ޕާރލަމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ) އިން މިހިނގާ ޑިސެމްބަރ މަހު ނެރުނު ރިޕޯރޓުގައި ވެސް ފާހަގަކޮށްފައެވެ. މި ނުރައްކަލުގެ ތެރެއިން ފާއިތުވީ ދައުރުގައި ނުރައްކާތެރި އަދި ހިތާމަވެރި ހަމަލާތަކެއްގައި ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލައި، އަދި އޭގެ ފަހުން ފޭދޫ ދާއިރާގެ މެމްބަރު އަލްޙާން ފަހުމީއަށް ތޫނު އެއްޗަކުން މަރުގެ ޙަމަލާދީ ޒަޙަމްކޮށްލާފައިވާކަން ފާހަގަކުރަމެވެ. އަދި މިނޫން ވެސް އެތަކެއް ޙަމަލާތަކަކާއި ފުރައްސާރަކުރުން ވަނީ މެމްބަރުންނަށް އަމާޒުކުރެވިފައެވެ. މިފަދަ ޙަމަލާތައް ތަހުޤީޤީ އިދާރާތަކުން ނުބަލައި ފޮރުވަމުންދާކަން މިޕާޓީން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

ރައްޔިތުންގެ މަޖިލިހުގެ 2 މެމްބަރުންނަށް މިއަދު ދިން ހަމަލާތައް މިހާރުން މިހާރަށް ތަހުޤީޤްކޮށް އެކަން ކުރި ބަޔަކު ހޯދައި ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަށް އެމްޑީޕީން ގޮވާލަމެވެ. 

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
14 ޑިސެމްބަރ 2014