ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާއާއި ޚިލާފަށް އަދި ފަނޑިޔާރުންގެ ޤާނޫނުގެ 4 ވަނަ މާއްދާ އާއި ، 6 ވަނަ މާއްދާގެ(ހ) އާއި ، 22 ވަނަ މާއްދާ އާއި ޚިލާފަށް މިއަދު (13 ޑިސެމްބަރ 2014 ވަނަ ދުވަހު) ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީހުން ނިންނި ނިންމުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ހ) ގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ ނިންގަނޑުތަކުން ބޭރު ނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރުން މަޤާމުން ވަކިކޮށްގެން ނުވާނެ ކަމަށް ސާފުކޮށް ބުނެފައި ވަނިކޮށް މި މާއްދާގެ (ށ) ގައި ބުނާ އެއްވެސް ކަމެއް ޖޭ.އެސް.ސީ އަށް ޘާބިތު ކޮށްދެވިފައި ނުވާ ހާލު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބުލް އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސެއިން އާއި ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބުލް އަލްއުސްތާޛު މުޢުތަސިމް އަދުނާނު މަޤާމުން ވަކިކުރުމަށް މިއަދު މަޖުލީހުގައި ވޯޓު ދެއްވި މެމްބަރުންނަކީ އެބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވަޔާއި ޚިލާފަށް ޤާނޫނު އަސާސީ އާއި ޤާނޫނަށް ޙުރުމަތްތެރިކޮށް ނުހިތުން ކަމުގައި މި ޕުރޮވިންސް އިން ޤަބޫލުކުރާތީ އެމް.ޑީ.ޕީ މެދު އުތުރު ޕްރޮވިންސް އިން މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް މި މެމްބަރުން ތަޢުބާ ވުމަށް ގޮވާލަމެވެ.
އަދި ހަމަ އެހެންމެ އެމް.ޑީ.ޕީ އަކީ އަބަދުވެސް ޤާނޫނީ ވެރިކަމާއި ، ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމް ކުރުމަށް ވަކާލާތުކުރާ ޕާޓީއެއްކަމުގައި ވީއިރު މިއަދުގެ ވޯޓަށް މަޖުލީހަށް ޙާޟިރު ނުވި އެމް.ޑީ.ޕީ ގެ މަޖުލީސް މެމްބަރުން ނާއި ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމަށް ޕާޓީގެ ބަހެއްނެތި ހުށަ ހެޅުއްވި މެމްބަރ އާއި ދޭތެރޭގައި ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން ހަރުކަށި ފިޔަވަޅުއެޅުމަށް މި ޕްރޮވިންސްގެ ފަރާތުން ގޮވާލަމެވެ. އަދި މިފަދަ މެމްބަރުން ޕާޓީގެ ތާކިހާ އަޅުއްވައިގެން ތިބުމުން މި ޕާޓީއަށް ލިބޭ ގެއްލުމަކީ މުސްތަޤުބަލުގައި ފޫނުބެއްދޭފަދަ ބޮޑު ގެއްލުމަކަށްވާނެތީ ޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން މި ބޭފުޅުން ޕާޓީއިން ވަކިކުރުމަށް މެދު އުތުރު ޕުރޮވިންސް އިން ގޮވާލަމެވެ.
13 ޑިސެމްބަރ 2014

އިބްރާހީމް ޖިހާދު
މެދު އުތުރު ޕުރޮވިންސްގެ ރައީސް