އުއްތަމަ ފަނޑިޔާރު ޢަހްމަދު ފާއިޒު ޙުސެއިން އާއި ފަނޑިޔާރު މުޢުތަސިމް އަދުނާން ވަކިކުރުމަށް ޖޭއެސްސީ އިން ނިންމި ނިންމުމާމެދު އެމް.ޑީ.ޕީ ގެ ޤައުމީ ހިންގާ ކޮމެޓީން މުހިއްމު ދެކަމެއް ފާސްކޮށްފި

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަހްމަދު ފާއިޒު ޙުސެއިން އާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް އަދުނާން، ފަނޑިޔާރުކަމުން ވަކިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 11 ޑިސެމްބަރ 2014 ވަނަ ދުވަހު ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޤައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ރޭގައި ބާއްވައި އެ ބައްދަލުވުމުގައި މުހިއްމު 2 ނިންމުމެއް ފާސްކޮށްފިއެވެ.

ރޭ ބޭއްވި ޤައުމީ ހިންގާ ކޮމެޓީގެ 178 ވަނަ ބައްދަލުވުމުގައި ނިންމެވި އެއް ނިންމެވުމަކީ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަހްމަދު ފާއިޒު ޙުސެއިން އާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީ އިން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޢާންމު ޤާނޫނުތަކާ އުސޫލުތަކާ ޚިލާފު އިޖުރާޢަތްތަކެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެއްކަމަށް ވީހިނދު، ޤާނޫނު އަސާސީއާ ޚިލާފު އެ ނިންމުމުގެ މައްސަލަ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅުމަށެވެ.

ޤައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ނިންމެވި ދެވަނަ ނިންމެވުމަކީ، އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓަށް އެމް.ޑީ.ޕީ ގެ ޕާރލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރެއް އިސްތިސްނާ ނުވާގޮތަށް، ހުރިހާ މެމްބަރުން ވެސް ޙާޟިރުވެވަޑައިގެން އެ ދެފަނޑިޔާރުން އެގޮތުގައި ވަކިކުރުމާ ދެކޮޅަށް ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވުމަށް އެ މެމްބަރުންނަށް ޕާރޓީން އެންގުމަށެވެ.

މި 2 ނިންމެވުން ވެސް ނިންމަވާފައިވަނީ ޤައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުންނެވެ.

ޤައުމީ ހިންގާ ކޮމެޓީގެ ރޭގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ އެމް.ޑީ.ޕީ ގެ ޗެއަރ ޕާރސަން ޢަލީ ވަޙީދެވެ.