ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ހަނިނުކުރުމަށް ސަރުކާރަށް ގޮވާލުން.

ރައްޔިތުންނާއި ގުޅިފައިވާ އެތައް ޚިދުމަތްތަކެއް މެދުކެނޑި ދިރިއުޅުމުގެ ފެންވަރު އިންތިހާއަށް ދަށްވެ، މާރާމާރިތައް އިތުރުވެ، ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވެ ސުލްޙަމަސަލަސްކަން ގެއްލެމުން ދާކަމީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ނުހަނު ކަންބޮޑުވާކަމެކެވެ.

މިކަންކަމާ ގުޅޭގޮތުން އިހުތިޖާޖު ކުރުމަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤަކަށް ވާހިނދު މިހަފްތާގެ އަންގާރަ އަދި ބުދަ ދުވަހު ސޯސަންމަގު، ކުރީގެ ނާދީ ސަރަހައްދުގައި ބޭއްވުނު ސުލްޙަވެރި އިހުތިޖާޖުގެ ތެރެއަށް ހަމަނުޖެހުން އުފައްދައި މާރާމާރި ހިންގާފައިވާތީ އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އިހުތިޖާޖު ކުރަމުން ދިޔަ ވަގުތު ގިނަ ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އަދި އެއްވުމަށް ހުރަސް އެޅި މީހުންގެ ތެރެއިން ބަޔަކު 2 ރޭގައިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެހެންނަމަވެސް އެމީހުން ބަންދުކުރިކަން އެނގޭކަށް ނެތެވެ.

އަންގާރަ ދުވަހުގެ ރޭ ހިނގި ހާދިސާއާ ޚިލާފަށް ބުދަ ދުވަހުގެރޭ ހިނގި ޙާދިސާގައި އެތައް ބަޔަކަށް އަނިޔާވިއެވެ. 3 މީހަކަށް ހޮސްޕިޓަލުން ފަރުވާ ދެވުނެވެ. ބުދަދުވަހުގެރޭގެ އެއްވުމުގެ ތެރެއަށް ކުއްލިގޮތަކަށް 5 ވަރަކަށް މީހުން ވަދެގަނެ،މުޒާހަރާގައި ބޭނުންކުރި ސައުންޑް ބަހައްޓާފައި އޮތް ޕިކަޕްގެ ކައިރީގައި ތިބި މީހުންނަށް ހަމަލާދިނެވެ. އަދި އެތަނުގައި އެވަގުތު ހުރި ފިރިހެނެއްގެ ބޯފަޅާލައި އަންހެނަކަށްވެސް ހަމަލާދިނެވެ. އެއަށްފަހު އެއްވުމުގައި ބޭނުންކުރަމުން ދިޔަ ސައުންޑް އިކުއިޕްމަންޓްތަކަށް ގެއްލުންދީ ހަލާކުރުމަށްފަހު މިކަން ހުއްޓުވަން މަސައްކަތްކުރި ފުލުހުންނަށްވެސް އެމީހުން ވަނީ ހަމަލާދީފައެވެ. އެވަގުތު އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ ތެރެއިން އެއް އޮފިސަރެއްގެ ނޭފަތް ފަޅާލައި ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ގެންދެވުނެވެ.

ސުލްޙަވެރިކޮށް ހިންގާ މިފަދަ ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންގެންދާ ލާއިންސާނީ ހަރަކާތްތައް މި ޕާޓީން އެންމެ ހަރު އަޑުން ކުށްވެރި ކުރަމެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައިވާ ސަރަހައްދެއްގައި ރައްޔިތުންނަށް މިފަދަ ބޮޑެތި ގެއްލުންދީ އަދި އެތައް ބައެއްގެ ލޮލު ކުރިމަތިން ހިނގި މިކަންކަން ހުއްޓުވުމަކީ ދިވެހި ސަރުކާރުގެ މަސްއޫލިއްޔަތެކެވެ. ދިވެހި ދައުލަތުގެ އެންމެ މުހިއްމު ވާޖިބަކީ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމެވެ. އަދި ސުލްވެރި ސިޔާސީ ހަރަކާތްތައް ހިންގޭނެ މާޙައުލު ހޯދައިދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ.

އެހެންކަމުން އެމްޑީޕީގެ ފަރާތުން ދިވެހި ސަރުކާރަށާއި ފުލުހުންނަށް މިއަދު މި ގޮވާލަނީ ސުލްޙަވެރިގޮތުގައި ހިންގޭ ސިޔާސީ ހަރަކާތްތަކަށް ޖާގަދެއްވައި މާރާމާރީ ހިންގައި މުޒާހަރާ ތެރެއަށް ވަންނަ ކާކުކަން ނެނގޭ ފަރާތްތަކަށް ހަމަނުޖެހުން އުފެއްދުމަށް ޖާގަ ނުދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމްކޮށްދެއްވުމަށެވެ. އަދި އަންގާރަ ދުވަހާއި ބުދަދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދުވުނު މީހުންގެ މައްޗަށް ދައުވާކޮށް އެމީހުންގެ މައްޗަށް ފިޔަވަޅު އަޅުއްވައިދެއްވުމަށެވެ.