ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީގެ މެމްބަރުންނަށް، މަޖިލީހުގެ ތަޅުމުގައި ސަރުކާރުގެ މެމްބަރުން ޙަމަލާދިން މައްސަލަ ކުށްވެރިކުރުން

noosbayan

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ މެމްބަރުންގެ ހަށިކޮޅަށް އަތްލައި ހަމަލާދެއްވާފައިވާތީ، އެ ޢަމަލު މި ޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިގޮތުން މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރ އަދި އެމް.ޑީ.ޕީގެ ކުރީގެ ޗެއަރ ޕާރސަން އޮނަރަބަލް މާރިޔާ އަޙްމަދު ދީދީގެ ހަށިކޮޅަށް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ފިރިހެން މެމްބަރަކު ވަނީ ޙަމަލާދެއްވާފައެވެ.
ހަމަ އެފަދައިން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އޮނަރަބަލް ޢަބްދުﷲ ޝާޙިދު، އެމަނިކުފާނުގެ ގޮނޑިކޮޅުގައި އިންނަވަނިކޮށް، ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުން އެގޮނޑިކޮޅު ކައިރިއަށް ޖަމާވެ، އެމަނިކުފާނު ވަށާލެއްވުމަށްފަހު އެމަނިކުފާނުގެ ހަށިކޮޅުގައި އަތްލައި މާރާމާރީ ހިންގަން މަސައްކަތްކުރައްވާފައިވެއެވެ. އަދި އެމަނިކުފާނަށް ޙަމަލާދިނުން ހުއްޓުވާފައިވަނީ އެމް.ޑީ.ޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންކަން ފާހަގަކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރެއްގެ ހަށިކޮޅަށް ފިރިހެން މެމްބަރަކު ޙަމަލާދިނުމާއި، އަދި މަޖިލިސް ތަޅުމުގައި ދެބަސްވެ ހިނގާ ކަންކަމުގައި އެއްވެސް މެމްބަރަކު އަނެއް މެމްބަރެއްގެ ގައިކޮޅަށް އަތްލުމަކީ ވަރަށް ނާތަހުޒީބު އަދި ދަށުދަރަޖައިގެ ޢަމަލެއްކަމުގައި މި ޕާރޓީން ދެކެމެވެ. އެހެންކަމުން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން މާރާމާރީ ޢަމަލުތައް ނުހިންގުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މައްސަލަ ބައްލަވައިދެއްވުމަށް ވެސް މި ޕާރޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 9 ޑިސެމްބަރ 2014