އެމްޑީޕީގެ ބައިނަލްއަގްވާމީ ގުޅުންތަކާ ބެހޭ ކޮމިޓީ މެމްބަރުން އެކުވެރި ބައެއް ގައުމުގެ ސަފީރުންނާއި ބައްދަލުކުރައްވައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވައިފިއެވެ.
ސްރީލަންކާގެ ކޮޅުނބުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޔޫރަޕްގެ އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން) ގެ ސަފީރުންނާއި، އޮސްޓްރޭލިއާ، ކެނެޑާ އަދި އެމެރިކާގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ގިނަ މައުލޫ ތަކަކަށް މެމްބަރުން މައުލޫމާތު ދެއްވާފައި ވެއެވެ.
ކޮމިޓީ މެމްބަރުން ދެއްވި މަޢުލޫމާތު ތަކުގެ ތެރޭ ހިމެނޭ މުހިންމު މައިގަނޑުތަކަކީ ރައީސް ޢަބްދުﷲ ޔާމީން ގެ ޞިއްޙީ ޙާލުކޮޅާ ގުޅޭ ގޮތުން (ޚާއްޞަކޮށް ސޯޝަލް މީޑިއާގައި) އިތުރުވަމުންދާ ކަންބޮޑުވުން ތަކާ، އެކަމާއިމެދު ޚުދު ރައީސް ޔާމީން ބަސްފުޅެއް ވިދާޅުނުވާ ކަމާއި، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ހަތަކުން ފަހަކަށް ބަދަލުކުރެއްވުމަށް ސަރުކާރުން ތާއީދުކުރައްވާ ސަބަބު ތަކާއި، އެކަމުން ނުކުމެދާނެ ނަތީޖާތަކާ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމާއި މެދު ސަރުކާރުން ޢަމަލުކުރައްވަމުން ގެންދަވާ ގޮތާއި، އިންސާނީ ހައްގުތަކާއި ޑިމޮކްރެޓިކް ކުރިއެރުންތައް ފަހަތައް ޖައްސަވާން ސަރުކާރުން ކުރައްވާ ކަންކަމާއި، އޮޑިޓަރ ޖެނެރަލް ވަކިކުރެއްވިގޮތް ގާނޫނާ ޚިލާފްވަނީ ކީއްވެ ކަމާއި، ރާއްޖޭގެ ޞިއްހީ ޚިދުމަތްތައް ދަށްވެގެންދާ މިންވަރާއި، އިންޞާފުވެރި ރިޔާސީ އިންތިޚާބަކަށް ކުރައްވާންހުރި ހުރިހާ ކަމެއް ދުރާލާ މިހާރުއްސުރެ ކުރެއްވުމުގެ މުހިންމު ކަމާއި، ރާއްޖޭގައި އަމާންކަން ގެއްލިފައިވާ މިންވަރާ އަދި ބިރު ދެއްކުމުގެ ޢަމަލު ތަކާ ބެހޭ ކަންކަމެވެ.
އެމްޑީޕީ ގެ ވަފްދުގައި ހިމެނިވަޑައިގެންނެވީ އެމްޑީޕީގެ ބައިނަލްއަގްވާމީ ގުޅުންތަކާ ބެހޭ ކޮމިޓީ ގެ ރަޢީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝާހިދާއި، އެކޮމިޓީގެ ނާއިބު ރައީސް ކުރީގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމާއި، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އަދި ރައީސް މުހަންމަދު ނަޝީދުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ އާއި އެކޮމިޓީގެ މެމްބަރުން ކަމުގައިވާ އަޙްމަދު ތަސްމީން ޢަލީ އާއި، ޑރ. އާއިމިނަތު ޖަމީލް އާއި، މުހަންމަދު ޒުހައިރު އާއި ޢުމަރު ޢަބްދުއްރައްޒާގު އަދި އެމްޑީޕީ ގެ ބައިނަލްއަގްވާމީ ކަންކަމާބެހޭ ތަރުޖަމާނު ޙާމިދު ޢަބްދުލްޣަފޫރެވެ.
މި ބައްދަލުކުރެއްވުމުގައި މައުލޫމާތު ބަދަލުކުރައްވަމުން މިއަންނަ ހަފްތާ ތެރޭ ބައެއް ސަފީރުންނާއި މަންދޫބުން ރާއްޖެއަށް ޒިޔާރަތް ކުރައްވައި އަމިއްލަފުޅަށް މައުލޫމާތު ހޯއްދަވާނެ ކަމުގައި ވިދާޅުވެފައިވެއެވެ.