އެމް.ޑީ.ޕީ. އިން މިއަދު ބޭއްވި ސުލްޙަވެރި ބޮޑު މުޒާހަރާއަށް، ސަރުކާރުން ފުލުހުން މެދުވެރިކޮށް ހުރަސްއެޅިއެޅުން ކުށްވެރިކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން އިންތިޒާމުކޮށްގެން މިއަދު މާލޭގައި ބޭއްވި، ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ސުލްޙަވެރި ބޮޑު މުޒާހަރާއަށް، މިހާރު މިއޮތް ސަރުކާރުން ފުލުހުން މެދުވެރިކޮށް ހުރަސްއަޅާފައިވާތީ، އެކަން މި ޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިހާރު މިއޮތް ސަރުކާރަށް އެއް އަހަރު ފާއިތުވެ ދިއައިރު، މި ސަރުކާރުން ރައްޔިތުންނަށްވެފައިވާ އެއްވެސް ވަޢުދެއް ފުއްދާފައި ނުވާހިނދު، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު އިންތިހާއަށް ދަށަށް ގެންގޮސް، އަދި ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ގެއްލުވާލައި، ނާމާންތަނަކަށް މުޖުތަމަޢު ބަދަލުކޮށްލައި، އަދި ޤާނޫނު އަސާސީގެ ބާރުކަނޑުވާލުމުގެ ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާތީ، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ގޮތުން ރައްޔިތުން އަޑުއުފުލައި، މިއަދު ކުރި ސުލްޙަވެރި މުޒާހަރާއަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސްއަޅާފައިވަނީ ޤާނޫނު އަސާސީން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މިނިވަންކަން ނިގުޅައިގަނެންކަން ފާހަގަކުރަމެވެ.

ސަރުކާރުގެ ވަޢުދުތައް ނުފުއްދައި އަދި ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އަރައިގަނެ، އަދި ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަމުންދާދިއުން ތަކުރާރުވަމުންދާނަމަ، ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާރޓީއެއްގެ ޙައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ރައްޔިތުންގެ އަޑު އުފުލުން ސިލްސިލާ މުޒާހަރާތަކަކަށް ބަދަލުކުރުމުގެ އިތުރުން ސީދާ ޙަރަކާތްތަކަކަށް ބަދަލުކުރަން ޖެހިދާނޭކަމުގައި ދަންނަވަމެވެ.

މީވާ، ސަރުކާރު ޒިންމާދާރުވުމަށާއި، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށާއި، ރައްޔިތުންގެ ޙައްޤުތަކަށް އަރައިނުގަތުމަށް މި ޕާރޓީން ގޮވާލަމެވެ.

28 ނޮވެމްބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ގެ ސެކްރެޓޭރިއެޓް