ޖީއެމްއާރާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުން ޤާނޫނީ ހަމަތަކުން ބޭރުން އުވާލުމުން ދިވެހި ދައުލަތައް ލިބެމުންދާ ގެއްލުމާއިމެދު އެމްޑީޕީން ކަންބޮޑުވުން

noosbayan

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ތަރައްގީ ކުރުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން ގާނޫނީ ހަމަތަކުގެ ބޭރުން އުވާލުމާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުން 803 މިލިއަން ޑޮލަރު (12.3 ބިލިއަން ދިވެހި ރުފިޔާ) ދިވެހި ސަރުކާރުން ހޯދުމަށް ޖީއެމްއާރުން ވަނީ ކޯޓުގައި ދައުވާކޮށްފައެވެ.އަދި މި އަގަކީ ހަމައެކަނި އެއްބަސްވުން އުވާލުމުން ވިޔަފާރިއަށް ލިބުނު ގެއްލުމުގެ ބަދަލުގެ އަގެވެ.މި އަގުގެ ތެރޭގައި އެއްބަސްވުން އުމާލުމުގެ ސަބަބުން ޖީ.އެމް.އާރ ކުންފުނީގެ އަބުރަށް ލިބުނު ގެއްލުމުގެ އަގެއް ނުހިމެނެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރާއި ދިވެހި ދައުލަތާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންސެޝަން ފީ ގެ ގޮތުގައި އެކަނިވެސް ދެ ބިލިއަން ޑޮލަރު ދިވެހި ދައުލަތައް ލިބެއެވެ. އަދި މިއަދާއި ހަމައަށް އެ އެއްބަސްވުން ދެމި އޮތްނަމަ، ދިވެހިރާއްޖޭގެ ޤައުމީ ވައިގެ ބަދަރު ދުނިޔޭގެ ނިސްބަތުން އެންމެ ތަރައްޤީވެފައިވާ އެއް ވައިގެ ބަދަރުގެ ގޮތުގައި ފެންނަން އޮންނާނެނެވެ.

ނަމަވެސް، ޖީއެމްއާރާއި ދިވެހި ދައުލަތާއި ދެމެދުވެފައިވާ އެއްބަސްވުން، މި ސަރުކާރުގެ ވެރިން ހިތްވަރުދެއްވައިގެން ރައީސް ޑރ. ވަހީދުގެ ސަރުކާރުން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އުވާލުމާއި ގުޅިގެން އެކަމުގެ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް އެއްބިލިއަން ޑޮލަރު ހޯދުމަށް ޖީއެމްއާރުން ދައުވާކޮށްފައިވަނީ، ރައީސް ޑރ. ވަހީދުގެ ސަރުކާރުންނާއި މި ސަރުކާރުން އެ މައްސަލައިގާ ތަކުރާރުކޮށް ޤާނޫނީ ހަމަތަކާއި ޚިލާފަށް މަސައްކަތްކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ދިވެހިސަރުކާރާ ޖީއެމްއާރު ކުންފުނިން އެއަރޕޯޓް ހިންގުމަށް 2010 ވަނަ އަހަރު ސޮއިކުރި ކޮންސެޝަނަލް އެގްރީމެންޓް 2012 ވަނަ އަހަރު ނޮވެމްބަރު 29 ގައި ދިވެހި ސަރުކާރުން އުވާލީ ގާނޫނީ ހަމަތަކުން ބޭރުން ކަމަށް 2014 ވަނަ އަހަރުގެ ޖޫން މަހު ސިންގަޕޫރުގެ އާރބިޓްރޭޝަން ކޯޓުން ހުކުމް ކޮށްފައިވާ ހިނދު، އެހުކުމުން ޖީއެމްއާރާއެކު ރާއްޖޭން ހަދާފައިވާ އެއްބަސްވުމަކީ، ގާނޫނީ ގޮތުން ސައްޙަ އަދި އެ އެއްބަސްވުމަށް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަންޖެހޭ އެއްބަސްވުމެއްކަން ސާފުކޮށް އެނގެއެވެ.

މި ސަރުކާރުން އެއާޕޯޓް ތަރައްޤީ ކުރުމުގެ އެއްބަސްވުން އުވާލުމުގެ އަގު ޖީ.އެމް.އާރ އަށް ދައްކާ، އެ ދަރަނި ދިވެހި އެންމެހާ ފަރުދުންގެ ބޮލުގާ އެޅުވުމަށް ފަހު އެއާޕޯރޓް ތަރައްޤީ ކުރުމުގެ ނަމުގާ އިތުރު 500 މިލިއަން ޑޮލަރު ދަރަންޏަށް ނެގުމަށް ރާވާ ރޭވުމަކީ ދިވެހިން އިތުރަށް ދަރަނިވެރިކުރުވާ ރައްޔިތުން އިހާނެތިކުރުމަށް ކުރާ ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައި މި ޕާޓީން ދެކެމެވެ.

ވީމާ، ޖީއެމްއާރު އެއްބަސްވުން އުވާލުމުގެ ސަބަބުން ދިވެހި ދައުލަތައް ލިބުނު އަދި ލިބެމުންދާ ނުއުފުލޭވަރުގެ ގެއްލުމުގެ ޒިންމާ ދިވެހި ސަރުކާރުންނާއި، މިކަމުގައި ޝާމިލުވެ ހަރަކާތްތެރިވި ސަރުކާރުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުން އުފުއްލަވަން ޖެހިވަޑައިގަންނަވާކަމުގައި މިޕާޓީން ދެކެމެވެ. އަދި މި މަދަރަނީގެ ސަބަބުން ދިވެހި ދައުލަތައް އިޔާދަ ނުކުރެވޭނެ ފަދަ ސިޔާދަތުގެ ދަރަންޏަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރު އޮތް ހިނދު، ރައްޔިތުންގެ ތަރައްޤީއާއި ރައްޔިތުންގެ ފައިސާގެ ހައްޤަށް ރިޢާޔަތްކުރައްވާ ޖީއެމްއާރުގެ އެއްބަސްވުން އަނބުރާ އިޢާދަކުރައްވާ، ޖީއެމްއާރުގެ މައްސަލައިގާ ދިވެހި ސަރުކާރުގެ ފަރާތުން އަދިވެސް ދިވެހި އެންމެހާ ރައްޔިތުންގެ ޙައްޤުގައި ފުންކޮށް ވިސްނުމަށްދިވެހި ސަރުކާރަށް މި ޕާޓީން ގޮވާލައެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެތޭރިއަޓް
22 ނޮވެމްބަރ 2014