އިންޓަރނޭޝަނަލް ޑެމޮކްރަޓް ޔޫނިޔަންގެ ޕާޓީ ލީޑަރސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު ސައުތު ކޮރެއާއަށް ފުރާވަޑައިގަންނަވައިފި

އިންޓަރނޭޝަނަލް ޑެމޮކްރަޓް ޔޫނިޔަންގެ ޕާޓީ ލީޑަރސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު ސައުތު ކޮރެއާގެ ސޯލްއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ދުނިޔޭގެ ކަނާތު ފިޔައިގެ ސިޔާސީ ޕާޓީތަކުގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާގެ 2014 ވަނަ އަހަރުގެ ޕާޓީތަކުގެ ލީޑަރުންގެ ބައްދަލުވުމުގެ ޗެއަރ އަކީ ސައުތުކޮރެއާގެ ވެރިކަން ކުރާ ސައެނޫރީ ޕާޓީއެވެ. މި ބައްދަލުވުމުގައި ސައުތު ކޮރެއާގެ ފަރާތުން އިންވެސްޓްމަންޓާއި އިޤްތިޞާދާ ގުޅޭ އަދި ސަރަޙައްދީ ފެންވަރުގައި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާމެދު މަޝްވަރާ ކުރެވޭނެއެވެ. އަދި އައި.ޑީ.ޔޫގެ މެމްބަރު ޕާޓީތަކުގެ މުސްތަޤްބަލާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައި.ޑީ.ޔޫގެ ބައްދަލުވުމުގެ އިތުރުން މި ދަތުރުފުޅުގައި ސައުތު ކޮރެއާގެ ކުރީގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ މިސްޓަރ ހަން ސުންގ-ސޫއާއި ރައީސް ނަޝީދު ބައްދަލުކުރައްވާނެއެވެ.

ރައީސް ނަޝީދު އައި.ޑީ.ޔޫގެ ޕާޓީ ލީޑަރުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރާއްޖެ އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ.