2011 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

21 ސެޕްޓެމްބަރ 2010

5

2011 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައާއި، އެމަޖިލީހުގެ މަސައްކަތު ބައްދަލުވުންތަކުގައި މަޝްވަރާ ކުރައްވަން މިއަދު ފަށްޓަވައިފިއެވެ. މިއަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ނިންމަވާފައިވަނީ ޕްރޮގްރާމް ބަޖެޓެއް ކަމަށްވުމާއެކު، ބަޖެޓުގައި ހިމަނުއްވާނެ މައިގަނޑު ކަންތައްތަކާ ބެހޭގޮތުން މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މިއަދު މަޝްވަރާ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް 3 ދުވަހުވެސް ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދަވާ ގޮތަށްވެސް މިއަދު ނިންމެވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީ ކުރުމުގައި ދިމާވެފައިވާ މާލީ މައްސަލަތަކަށް ޙައްލެއް ހޯއްދެވުމަށްޓަކައި ސަރުކާރުން އެސް.އެމް.އީ ބޭންކެއް ޤާއިމު ކުރެއްވުމަށް، 2009 އޮކްޓޯބަރު 20 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމަވާފައިވުމާއެކު، އަލަށް ތަޢާރުފު ކުރައްވާ ޕޯސްޓަލް ބޭންކިންގ ނިޒާމުގެ ތެރެއިން އެސް.އެމް.އީ ބޭންކެއް ޤާއިމު ކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ލަފާއެރުއްވިއެވެ. މިކަމާ ބެހޭގޮތުން ލަފާއެރުއްވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.