ޕީ.ޕީ.އެމް ގެ ސަރުކާރަށް 1 އަހަރު ފުރޭހިނދު ކޮންމެ ދުވަހަކީ ރައްޔިތުން ސިއްސުވާލާ ނާމާން ބިރުވެރި ޚަބަރު ލިބެމުންދާ ދުވަހަކަށް ވެގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުން

noosbayan

ޕީ.ޕީ.އެމް ގެ ސަރުކާރަށް 1 އަހަރު ފުރޭހިނދު ކޮންމެ ދުވަހަކީ ރާއްޖޭގެ ރައްޔިތުން ސިއްސުވާލާ ނާމާން ބިރުވެރި ޚަބަރު ފުލުފުލުން ލިބެމުންދާ ދުވަހަކަށް ވެގެންދާތީ އާއި، ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭތީ، އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ޕީޕީއެމް ގެ ސަރުކާރު އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިގޮތުން މިއަދު (16 ނޮވެމްބަރ 2014 ގައި) މާރާމާރީ ހިންގަން އުޅުނު ބަޔަކު، ވީދާލާފައިވާ ގަމީހާއި އަދި ހަށިގަނޑުން ފެންނަންހުރި ލެޔާއެކު ތޫނު ހަތިޔާރު ހިފައިގެން ރޯމާ ދުވާލު ބިލަބޮންގ ހައި ސްކޫލަށް ވަދެ، އެ ސްކޫލުގެ ދަރިވަރުންނަށް ނާމާންކަން ކުރިމަތިކުރުވާފައިވާ ދަރަޖައަށް މިރާއްޖޭގެ ޙާލަތު ގޮސްފައިވާކަން ކަންބޮޑުވުމާއެކު މި ޕާރޓީން ފާހަގަކުރަމެވެ.

ހަމަ އެފަދައިން، މިނިވަން ނޫހުގެ ރިޕޯރޓަރ އަޙްމަދު ރިޟުވާން ވަގަށްނެގި ފަހުން 100 ދުވަސް މިހާރު ހަމަވެފައިވާއިރު ފުލުހުންނަށް އޭނާ ހޯދިފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ފުލުހުން އޭނާ ހޯދުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތްކޮށްފައި ނުވާކަން ވެސް ކަންބޮޑުވުމާއެކު މި ޕާރޓީން ފާހަގަކުރަމެވެ. އަދި ރައީސުލްޖުމްހޫރިއްޔާއިން ޢަބްދުﷲ ޔާމީނުން ފެށިގެން ހޯމް މިނިސްޓަރ ޢުމަރު ނަސީރާއި ފުލުހުންގެ ވެރިންނާ ހަމައަށް ވެސް އަޙްމަދު ރިޟުވާނުގެ މައްސަލާގައި ކުރައްވާފައިވަނީ ފުރައްސާރަކަމަށް މި ޕާރޓީން ދެކެމެވެ. އަދި ޕީޕީއެމް ގެ ބޮޑު އަޣްލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވެސް މި މައްސަލަ ބެލުމަށް އިންކާރުކުރަމުންދާކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ.

އަޙްމަދު ރިޝުވާން ވަގަށްނެގި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އެކަމުގެ ކަންބޮޑުވުމެއް އެއްވެސް މިންވަރަކަށް ފާޅުކުރައްވާފައި ނުވާއިރު، އެ މައްސަލާގައި އެމަނިކުފާނަށް ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަބާބުދެއްވުމުގައި ވެސް އަޙްމަދު ރިޟުވާނާމެދު އަހުމިއްޔަތު ކުޑަކުރައްވައި، ޒިންމާދާރުކަން ކުޑަގޮތެއްގައި ވާހަކަފުޅު ދެއްކެވިކަން ފާހަގަކުރަމެވެ. އަދި ހޯމް މިނިސްޓަރ ޢުމަރު ނަސީރު، އަޙްމަދު ރިޟުވާން ވަގަށް ނެގި މައްސަލާގައި ގޭންގު ތަކުގެ އަތެއް ވާކަމަށް ކުރިން ވިދާޅުވެފައިވާއިރު، އޭގެ ފަހުން ވިދާޅުވެފައިވަނީ އޭނާ ވަގަށް ނެގީތޯ ވެސް ނުވަތަ އޭނާ އަމިއްލައަށް ފިލީތޯ ވެސް ވިދާޅުވެވޭނީ އޭނާ ފެނުމުން އޭނާގެ ގާތުގައި އެހުމަށްފަހުގައިކަމަށެވެ. މިއީ މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާ ވާހަކައެކެވެ. އަދި ހޯމް މިނިސްޓަރ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ވިދާޅުވެފައިވާ ވާހަކައެއްކަމާއި އަދި އެއީ ފުރައްސާރަކުރެއްވުމެއް ކަމުގައި ބެލެވޭ ވާހަކައެއްކަމުގައި މި ޕާރޓީން ދެކެމެވެ.

އަޙްމަދު ރިޝުވާން ވަގަށް ނެގިރޭ، އޭނާ ދިރިއުޅޭ އެޕާރޓްމެންޓް ކުރިމަތިން ގަދަކަމުން މީހަކު ވަގަށް ނަގާފައިވާކަމުގެ ޙާދިސާއެއް ހިނގިކަމުގެ ހެކި ލިބިފައިވާއިރު، އަޙްމަދު ރިޟުވާން ވަގަށް ނެގި ނެގުމާ ގުޅުމެއް ނެތްކަން ދެއްކުމަށް ފުލުހުން ގަސްދުގައި މަސައްކަތްކޮށްފައިވާކަން ވެސް ފާހަގަކުރަމެވެ.

އަދި އަޙްމަދު ރިޟްވާން ވަގަށް ނެގި ޙާދިސާ ހިނގާފައިވަނީ، ޒުވާނުން ރަހީނުކޮށް ވަކި ތަނަކަށް ގަދަކަމުން ގެންގޮސް މަރުގެ އިންޒާރުދީ ބިރުދެއްކުމުގެ ޢަމަލުތަކެއް ބަޔަކު ހިންގަމުންދާކަމުގެ މަޢުލޫމާތު މި ޕާރޓީއަށް ލިބުމުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށްކަން ވެސް ފާހަގަކުރަމެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ފުލުހުން މި ދެންނެވި ޙާދިސާތަކުގެ ތަޙްޤީޤެއް ހިންގާފައި ނުވާކަން ފާހަގަކުރަމެވެ.

މި ޙާދިސާތަކުގެ އިތުރުން ރާއްޖޭގައި، އަދި ޚާއްޞަގޮތެއްގައި މާލޭގައި ސިލްސިލާ ގޮތެއްގައި މީހުން މެރުމާއި، ވަޅި ހެރުމާއި، މާރާމާރީ ހިންގުން މިސަރުކާރަށް 1 އަހަރު ފުރިގެންދާއިރު އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، މި ސަރުކާރުން މި ނާމާންކަމަށް ޙައްލެއް ހޯދާދެވިފައި ނުވާކަން ފާހަގަކުރަމެވެ.

މި ސަރުކާރު ރާއްޖޭގެ ވެރިކަމާ ޙަވާލުވި ފަހުން، އެމް.ޑީ.ޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރ އަލްޙާން ފަހުމީއަށް، ގިނަ ބައެއްގެ ކުރިމަތީގައި ތޫނު އެއްޗަކުން މަރުގެ ޙަމަލާއެއްދީ، އެމަނިކުފާނު ވަރަށް ބޮޑަށް ޒަޙަމްކޮށްލާފައިވާއިރު، އެ މައްސަލާގައި ބައްދެއްގައިވާ މީހަކު ވެސް އަދި ދަޢުވާއެއް އުފުލިފައިވާ މީހަކުވެސް ނެތްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އަދި އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަވަހާރަކޮށްލާފައިވާއިރު، މިހާތަނަށް ވެސް އެކަމުގައި ޝާމިލުވާ ޙަޤީޤީ ޤާތިލުން ހޯދިފައިނުވާކަން ވެސް ފާހަގަކުރަމެވެ.

ހަމަ އެފަދައިން، ރާއްޖެޓީވީ އަންދާ އަޅިއަށް ހަދައިލި މައްސަލައާ ރާއްޖެޓީވީގެ ނޫސްވެރިޔާ އިބްރާޙިމް ވަޙީދު (އަސްވާޑް) އަށް ދިން މަރުގެ ޙަމަލާ ތަޙްޤީޤުކޮށް އެ ނުބައި ޖަރީމާތައް ހިންގި ބަޔަކަށް މިހާތަނަށް ވެސް އަދަބުދީފައި ނުވާކަން ފާހަގަކުރަމެވެ. މީގެ އިތުރުން މިނިވަން ނޫހުގެ އިދާރާގެ ކެމެރާ ހަލާކުކުރުމަށްފަހު ދިން ކަތިވަޅީގެ ޙަމާލާގެ މައްސަލާގައި ސާބިތު ހެކިހުރި އިރުވެސް އެއްވެސް މީހަކު ހައްޔަރުކޮށްގެން ތަޙްޤީޤެއް ހިންގަމުން ނުދާކަން ފާހަގަކުރަމެވެ.

ހަމަ އެފަދައިން، އެކިއެކި ނޫސްވެރިންނަށާއި މި ޕާރޓީއަށް ނިސްބަތްވާ ފަރާތްތަކަށް މަރުގެ އިންޒާރުދީ ފޮނުވަމުން ގެންދާ މެސެޖްތަކާ ބެހޭ އެއްވެސް މައްސަލައެއް މިހާތަނަށް ބަލައި ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަކުރަމެވެ.

މީގެއިތުރުން، އެމް.ޑީ.ޕީ އިން އައްޑޫ ސިޓީ ގައި ބޭއްވި ބޮޑު ޖަލްސާގެ ތެރެއަށް ހަތިޔާރާއެކު މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެގަނެ، އާންމުންނަށާއި އަދި ބައެއް ފުލުހުންނަށް ޙަމަލާދިނުމުން، ކުށުގެ ވެށިން ހައްޔަރުކުރުމަށްފަހު 24 ގަޑި އިރު ނުވަނީސް އެ އެންމެން ދޫކޮށްލާފައިވާކަން ފާހަގަކުރަމެވެ.

އަދި އެމް.ޑީ.ޕީ ގެ ލީޑަރޝިޕުގެ ބޭފުޅުންގެ ގެކޮޅަށާއި މުދަލަށް ގެއްލުންދީ، އެމް.ޑީ.ޕީ ގެ މައި އޮފީހާއި އައްޑޫގައި ހުންނަ އޮފީހުގައި ހުޅުޖައި ރޯކުރި މައްސަލަ ތަޙްޤީޤުކޮށް އެއްވެސް މީހަކާމެދު ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރަމެވެ.

މީގެ އިތުރުން މާލޭގެ މަގުތަކުގައި މާލޭ ސިޓީ ކައުންސިލުން އިންދާފައި ހުރި ހުރިހާ ފެން ފޯއް ރުއްތައް، މޫނު ނިވާކޮށްގެން ތިބި އެސްއޯ ފުލުންގެ ބަޔަކު ކަނޑައިލި މައްސަލަ ވެސް ތަޙްޤީޤުކޮށް ފިޔަވަޅެއް އަޅާފައި ނުވާކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ.

އަދި ހައްދު ފަހަނާޅާފައިވާ މީހުން މިރާއްޖޭގައި އިންތިޒާމުވެގެން ފުޅާކުރަމުން ގެންދާ އަމަލުތަކާއި ހަނގުރާމަވެރި ޖަމާޢަތްތަކުގައި ބައިވެރިވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަނގުރާމަވެރި ޢަމަލުތަކުގައި ބައިވެރިވަމުން ދާދިއުމާމެދު އެއްވެސް ފިޔަވަޅެއް މި ސަރުކާރުން އެޅުމަކަށް ތައްޔާރަށް ނެތްކަން ހާމަވެއެވެ.

އަދި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އިންތިހާއަށް ފުޅާވެގެން ގޮސްފައިވާއިރު، އެފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން މި ސަރުކާރުން ދޫކޮށްލަމުން ގެންދާ ގެންދިއުމާއި އެފަދަ މީހުންގެ މައްޗަށް އުފުލޭ ދަޢުވާތައް އަނބުރާ ގެންދާކަމީ ވެސް މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ.

އަދި ފިލިތެޔޮ ރިސޯޓަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ލޯންޗެއްގައި އަރައި، މީހުން ޙިޞާރުކުރުމަށްފަހު އެ ރިސޯޓުގެ ތިޖޫރީ ވަގަށް ނެގި މައްސަލާގައި ވެސް މިހާތަނަށް އެއްވެސް ބަޔަކު ހައްޔަރުކޮށްގެން ތަޙްޤީޤެއް ހިންގަމުން ގޮސްފައި ނުވެއެވެ.

ހަމައެފަދައިން، ރައްޔިތުންނަށް ލާއިންސާނީ އަނިޔާކުރުމުގެ ސަބަބުން ކޯނީ ރިޕޯރޓުގައި ފާހަގަކޮށް، އަދި ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ އެއްވެސް ފުލުހަކާމެދު މިއަދާ ހަމައަށް ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރަމެވެ.

މި ސަރުކާރަށް 1 އަހަރު ފުރިގެންދާއިރު މި ފެންނަނީ ރާއްޖޭގެ އަމަން ގެއްލި، ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރު ނުކުޅެދިފައިވާ މިންވަރެވެ. އަދި ސަލާމަތީ ޚިދުމަތްތަކުގެ ވެރިން، އެ މުވައްސަސާތަކަށް ނާޖާއިޒު ނުފޫޒު ފޯރުވައި، ވަކި އިންތިޒާމެއްގެ ދަށުން ރޭވިގެން މިފަދަ ޖަރީމާތަކަށް މަގުފަހިކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އަދި އެމް.ޑީ.ޕީ އަކީ މިރާއްޖޭގައި އޮތް ހަރުދަނާ އިދިކޮޅު ސިޔާސީ ޕާރޓީކަމަށް ވީހިނދު، މިރާއްޖޭގައި މި އޮތް ނާމާން ބިރުވެރި މާޙައުލު އަމާންތަނަކަށް ހެދުމަށް ސަރުކާރު ނުކުޅެދިފައިވާކަމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގައި މި ޕާރޓީ ފަހަތަށް ނުޖެހޭނެކަމުގައި ދަންނަވަމެވެ.

16 ނޮވެމްބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް