ސިވިލް ސަރވިސްއާ ގުޅިގެން ކުރައްވަންޖެހޭ ކަންކަމުގައި ސަރުކާރާ ސިވިލް ސަރވިސް ކޮމިޝަން މަޝްވަރާ ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއެއް އުފައްދަވައިފި

21 ސެޕްޓެމްބަރ 2010

ސިވިލް ސަރވިސްއާ ގުޅިގެން ކުރައްވަންޖެހޭ ކަންކަމުގައި، ސަރުކާރާ ސިވިލް ސަރވިސް ކޮމިޝަނާ މަޝްވަރާ ކުރެއްވުމަށްޓަކައި ސަރުކާރުގެ އިސްބޭފުޅުންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކޮމިޓީއެއް އުފައްދަވައިފިއެވެ.

މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޒީއާއި، އެޓަރނީޖެނެރަލް ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހީމްދީދީ އާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙަންމަދު ފަހުމީ ޙަސަނާއި، ނައިބު ރައީސް އަޙްމަދު ޙަސަންދީދީ އާއި، ކޮމިޝަންގެ މެންބަރުން ކަމުގައިވާ ޑޮކްޓަރ މުޙަންމަދު ލަޠީފާއި، ޢަބްދުﷲ ޖިހާދާއި، ޚަދީޖާ އާދަމާއި، އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ޚަލީލެވެ.