ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހައްދަވައި ޤަސްދުގައި ޤާނޫނާ ޚިލާފްވެވަޑައިގަތް މައްސަލަ ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރުން

noosbayan

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހައްދަވައި ޤަސްދުގައި ޤާނޫނާ ޚިލާފްވެވަޑައިގެންފައިވާ މައްސަލަ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރު އަޑުން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމެވެ.

05 ނޮވެމްބަރ 2014 (ބުދަ) ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ވިދާޅުވެފައި ވަނީ ޗައިނާގެ ރައީސް ހިޒް އެކްސެލެންސީ ޝީ ޖިންޕިން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ސިލްކް ރޫޓާ ބެހޭ ގޮތުން އިންޑިއާ އާއެކު މަޝްވަރާ ކުރެއްވި ކަމަށާއި، އަދި އެކަމަށް އިންޑިއާ އާއި އަވައްޓެރި އެހެން ގައުމުތަކުން ވެސް މަރުޙަބާ ކިޔާފައިވާ ކަމަށެވެ.

ނަމަވެސް މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން 07 ނޮވެމްބަރ 2014 (ހުކުރު) ދުވަހު ނެރުއްވި ނޫސް ބަޔާނުގައި، ޚާރިޖީ ވަޒީރު ދުންޔާ މައުމޫންގެ ވާހަކަފުޅު ދޮގުކުރައްވާފައިވާކަން ފާހަގަކުރަމެވެ. އަދި މިރާއްޖެއާއި އަދި އެހެން ދޭދޭ ދައުލަތްތަކާ ދެމެދު އޮތް ގުޅުންތަކާމެދު ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ގަޞްދުގައި އިތުރުފުޅު ހައްދަވާފައިވާކަން އެނގޭތީ އެކަން ކުށްވެރިކޮށް އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

އިންޑިއާގެ ހައިކޮމިޝަނުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އާއި މީޑިއާގައި، ޗައިނާގެ ސިލްކް ރޫޓް ޕްރޮޖެކްޓާއި އިންޑިއާ އާއި ގުޅުވައިގެން ވާހަކަތަކެއް ދެކެވެމުންދާތީ، އެކަން އޮތް ގޮތް އޮޅުން ފިލުވައި ދެއްވުމުގެ ގޮތުން ހައިކޮމިޝަނުން ބަޔާނެއް ނެރުއްވީ ކަމަށެވެ.

އެ ބަޔާނުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު ސައްޔިދު އަކުބަރުއްދީން 06 ނޮވެމްބަރ 2014 (ބުރާސްފަތި) ދުވަހު ބޭއްވެވި ނޫސް ކޮންފަރެންސެއްގައި ދެއްކެވި ފާހަކަފުޅަށް ޙަވާލާދެއްވާފައިވެއެވެ. އެގޮތުން ޗައިނާގެ ސިލްކް ރޫޓް މައްސަލައާ ގުޅިގެން އިންޑިއާ އާއި އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ސައްޔިދު އަކުބަރުއްދީން ވިދާޅުވެފައިވަނީ ސިލްކް ރޫޓް އެއްބަސްވުމާއި ގުޅޭ އެއްވެސް ވާހަކައެއް ނުވަތަ މަޝްވަރާއެއް ޗައިނާއާއެކު ކޮށްފައިނުވާ ކަމަށާއި އަދި އެފަދަ އެއްބަސްވުމެއް ވެސް ވެފައި ނުވާނެކަމަށެވެ. އަދި މިވާހަކަފުޅުތައް އިންޑިއާގެ ހައިކޮމިޝަނުން ނެރުއްވި ބަޔާނުގައި ބަޔާންކުރައްވާފައިވާކަން ފާހަގަކުރަމެވެ.

ޒަމާނުއްސުރެ ދިވެހި ރާއްޖެއާއިއެކު ޚާރިޖީ ގުޅުންތައް ބަދަހިވެފައިވާ އެކުވެރި އަވަށްޓެރި އިންޑިއާ އާއި ޕްރޮގްރެސިވް ޕާރޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) ގެ ސަރުކާރުގެ އެންމެ މަތީ ފަންތި އާއި ދެމެދު އަނެއްކާވެސް ޚިލާފްތައް އުފެދި ގުޅުންތައް ހީނަރުވާން މެދުވެރިވެގެންދިއުމަކީ، ދިވެހި ރައްޔިތުންނަށް ގެއްލުންތައް މެދުވެރިވުން އެކަށީގެންވާ ކަންކަން ކަމުގައި ދެކެމެވެ.

ރާއްޖޭގައި މިހާރު މިއޮތް ސަރުކާރުގެ ޚާރިޖީ ވަޒީރު، ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅުހެއްދެވުމުން އެކަންކަން ސާފުކޮށްދެއްވުމަށްޓަކައި އެކުވެރި އަވަށްޓެރި ގައުމަކުން ބަޔާން ނެރުއްވާން މެދުވެރިވުމަކީ ލަދުވެތި ކަމެއްކަމާއި އަދި ބޭރު ދުނިޔޭގައި މިރާއްޖޭގެ އަގު ވެއްޓިގެންދާ ކަމެއްކަމުގައި ދެކެމެވެ. އަދި އެކަމަކީ އެކުވެރި ދައުލަތްތަކާ ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުންތައް އިތުރަށް ޚަރާބުވެގެންދާނެ ކަމެއްކަމުގައި ވެސް ދެކެމެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވުމަކީ ޤާނޫނުގައި ކުށް ބަޔާންކޮށް އަދަބު ކަނޑައެޅިފައިވާ އަމަލެއްކަމަށްވާއިރު، ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ރައްޔިތުންގެ މަޖިލީހުގައި ޤަސްދުގައި އިތުރުފުޅު ހައްދަވައި ޤާނޫނާ ޚިލާފުވެވަޑައިގެންފައިވާތީ، އެކަމަނާ ޚާރިޖީ ވަޒީރުކަމުން އިސްތިއުފާ ދެއްވުމާއިމެދު ވިސްނައިވަޑައިގަތުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީން އިލްތިމާސްކުރަމެވެ.

8 ނޮވެމްބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް