ޑރ.ސިލްވިއާ އަރލް މިޝަން ބްލޫ އެވޯޑާ ރައީސް މުޙައްމަދު ނަޝީދު ހަވާލުވެވަޑައިގަންނަވައިފި

ޑރ.ސިލްވިއާ އަރލް މިޝަން ބްލޫ އެވޯޑާ ރައީސް މުޙައްމަދު ނަޝީދު ހަވާލުވެވަޑައިގަންނަވައިފިއެވެ. އެެމެރިކާގެ ފްލޮރިޑގައި ކުރިއަށްދާ ބްލޫ އޯޝަންސް ފިލްމް ފެސްޓިވަލް އެންޑް ކޮންސަަރވޭޝަން ސަމިޓުގައި ރައީސް ނަޝީދާ މި އެވޯޑް ހަވާލުކޮށްދެއްވީ މިޝަން ބްލޫގެ ފައުނޑަރ އަދި ކޯ ޗެއަރ ޑރ. ސިލްވިއާ އަރލްއެވެ. ރައީސް ނަޝީދަށް މިޝަން ބްލޫގެ ފަރާތުން އެރުއްވި މި އެވޯޑަކީ އެމަނިކުފާނު ތިމާވެށި ހިމަޔަތްކުރެއްވުަމަށާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެކިފެންވަރުގައި ހޭލުންތެރިކަށް އިތުރުކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަ ކުރެއްވުމަށް ކަމުގައި މިޝަން ބްލޫއިން ހާމަކުރެއްވިއެވެ.

މިޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑރ. ސިލްވިއަރ އަރލްގެ ފަރާތްޕުޅުން މިފަދަ އެވޯޑެއް ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއްކަމުގައެއެވެ. އަދި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަނެ ހައްލުކުރުމުގެ ވިސްނުމާއި ކުޅާދާނަކަން އިންސާނީ މުޖުތަަމަޢަށް ލިބިގެންވާކަމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ޑރ.ސިލްވިއާ އަރލް މިޝަން ބްލޫ އެވޯޑްގެ އިތުރުން ފްލޮރިޑާގެ ސިޓީއެއްކަމުގައިވާ ސޓ.ޕީޓަރސްބަރގްގެ މޭޔަރ “ކީ އޮފް ސޓ.ޕީޓަރސްބަރގް” ރައީސް ނަޝީދަށް އެރުއްވިއެވެ.

ރައީސް ނަޝީދު މިހާރު އެމެރިކާގެ ފްލޮރިޑާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފްލޮރިޑާގެ އެކަރޑް ކޮލެޖާއި ޔުނިވަރސިޓީ އޮފް ސައުތު ފްލޮރިޑާގައި ބުރާސްފަތިދުވަހު ވާހަކަފުޅުދެއްކެވިއެވެ. ތިމާވެށީ ހިމާޔަތްކުރެއްވުމުގެ މުހިއްމުކަމާއި ދުނިޔޭގެ ފިނިހޫނުމިން އިތުރުވަމުންދާ މިންވަރާމެދު ރައީސް ނަޝީދގެ ވާހަަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.