ހޯމް މިނިސްޓަރ ޢުމަރު ނަސީރު އިއްޔެ ނޫސްކޮންފަރެންސެއްގައި ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަފުޅުތައް ކުށްވެރިކުރުން

noosbayan

ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ލިޔުންތެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައްސަލައާއި އަދި އެކިއެކި ފަރާތްތަކަށް މަރުގެ އިންޒާރުތައްދީ ފޮނުވަމުންގެންދާ އެސްއެމްއެސް ތަކުގެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރ ޢުމަރު ނަސީރު އިއްޔެ ނޫސްކޮންފަރެންސެއްގައި ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަފުޅުތައް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އިއްޔެގެ ނޫސްކޮންފަރެންސްގައި އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައްސަލައާ ގުޅިގެން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެފައިވަނީ، އަޙްމަދު ރިޟްވާން ޢަބްދުﷲ ވަގަށް ނަގާފައިވާކަން ވެސް ނުވަތަ ގެއްލިފައިވާކަން ވެސް ވިދާޅުވާން އެނގިވަޑައިގަންނަވާނީ އޭނާ ފެނުނީމާ އޭނާގެ ގާތުގައި އެހުމަށްފަހުގައިކަމަށެވެ. މިއީ، ހޯމް މިނިސްޓަރ ޢުމަރު ނަސީރުގެ ނާޤާބިލުކަމާއި ޒިންމާދާރުކަން ކުޑަކަމުގެ ލާމަސީލު ވާހަކަފުޅެއްކަން ފާހަގަކުރަމެވެ. އަދި އެމަނިކުފާނު، އަޙްމަދު ރިޟްވާން ޢަބްދުﷲ އާ ބެހޭގޮތުން ކުރިން ވިދާޅުވި އެއްވާހަކަފުޅުކަމުގައިވާ، އަޙްމަދު ރިޟްވާން ޢަބްދުﷲ ވަގަށް ނެގުމުގައި ގޭންގުތަކުގެ މެމްބަރުން ބައިވެރިވާކަމަށް ވިދާޅުވި ވިދާޅުވުމާ ތަޢާރަޒުވާ ވާހަކަފުޅެއްކަން ވެސް ފާހަގަކުރަމެވެ.

މިދެންނެވި ނޫސްކޮންފަރެންސްގައި، މަރުގެ އިންޒާރުތައްދީ ފޮނުވަމުންގެންދާ އެސްއެމްއެސް ތަކުގެ މައްސަލައާ ގުޅިގެން ނޫސްވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުދެއްވަމުން ޢުމަރު ނަސީރު ވަނީ، މަރުގެ އިންޒާރުތަކުގެ މައްސަލަ “ޖޯކަކަށް” ހައްދަވައި އެމޭރުމުން ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން މަރުގެ އިންޒާރުތައް ދިންކަމުގައި ވީނަމަވެސް އެ އިންޒާރުތައް ލިބޭ އެކިއެކި ފަރާތްތަކުން އެއްވެސް ބިރެއް ނުގަންނާނޭކަމަށް ވިދާޅުވެ، މަރުގެ އިންޒާރުތައްދީ ފޮނުވަމުންގެންދާ އެސްއެމްއެސް ތަކުގެ މައްސަލަ ވެސް “ޖޯކަކަށް” ހައްދަވައި އެމޭރުމުން އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިކަން މިހެން އޮތް އިރު، އެމަނިކުފާނުގެ ވަށައިގެން ދައުކަތުގެ ޚަރަދުގައި ހަށިފާރަވެރިން ލައްވައި، އަދި އެވަރުން ފުދިވަޑައިނުގެން އެމަނިކުފާނުގެ ހަށިރައްކަލަށްޓަކައި ފިސްތޯލަ ހޯއްދެވުމަށް އެދިވަޑައިގެން އުޅުއްވީ ވެސް ހުދު އެމަނިކުފާނުކަން ފާހަގަކޮށްލަމެވެ.

މި ސަރުކާރު އައިފަހުން ރާއްޖޭގެ ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ގެއްލި، ސިލްސިލާގޮތެއްގައި މީހުން މެރުމާއި ވަޅިހެރުމާއި، މާރާމާރީ ހިންގުން އެތައް ގުނައަކުން އިތުރުވެ، މަސްތުވާތަކެތީގެ މުޢާމަލާތްތައް ފުޅާވެ، މީހުން ވަގަށްނަގައި، މަރުގެ އިންޒާރުތައްދީ، އާންމު މުޖުތަމައުގައި ނުރައްކާތެރިކަމާއި ނާމާންކަން އަށަގަނެފައިވާމިންވަރު އިންތިހާދަރަޖައަށް ގޮސްފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ޚާއްޞަކޮށް ރޯމާ ދުވާލު އެންމެންގެ ލޯ ކުރިމަތީގައި މިފަދަ ބޮޑެތި ޖަރީމާތައް ހިންގުމަށްފަހު ވެސް އެމީހުންގެ މައްޗަށް މި ސަރުކާރުން ޤާނޫނު ނުހިންގާކަމުގެ ކަންބޮޑުވުން ރައްޔިތުން ތަކުރާރުކޮށް ފާޅުކުރަމުންދާކަން ފާހަގަކުރަމެވެ.

ހޯމް މިނިސްޓަރ ޢުމަރު ނަސީރު އެބާވަތުގެ ޒިންމާދާރުކަންކުޑަ ވާހަކަފުޅު ދައްކަވަނީ، ރާއްޖޭގެ އަމަންއަމާންކަން ގެއްލިފައިވީހިނދު، ރާއްޖޭގެ ދާޚިލީ އަމަން ރައްކާތެރިކުރުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އުފުލަންޖެހޭ މަޤާމެއްގައި ހުންނަވައިގެން، އެކަމަށް ޙައްލެއް ހޯއްދެވުމަށް ނުކުޅެދިފައިވުމުގެ ސަބަބުންކަމަށް ދެކެމެވެ. އަދި އެފަދަ ޒިންމާދާރުކަން ކުޑަ ވާހަކަފުޅު ނުދެއްކެވުމަށާއި، މަޤާމުގެ ޒިންމާ އުފުއްލެވުމަށް ހޯމް މިނިސްޓަރ ޢުމަރު ނަސީރަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.

7 ނޮވެމްބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް