‘ސިލްވިއާ އާރލް މިޝަން ބްލޫ އެވޯޑް’ ރައީސް ނަޝީދަށް އެރުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު މިއަދު އެމެރިކާއަށް ފުރައިވަޑައިގެންފި

ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރެއްވުމުގައި ދުނިޔެއިން ފާހަގަކޮށްލެވޭ ޝަޙުސިއްޔަތުތަކަށް ޚާއްޞަކުރެވިގެންދެވޭ މައްޝޫރު އެވޯޑް، ‘ސިލްވިއާ އާރލް މިޝަން ބްލޫ އެވޯޑް’ 2014 ވަނަ އަހަރު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް އެރުވުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނު އެމެރިކާއަށް ފުރައިވަޑައިގެންފިއެވެ.

‘ސިލްވިއާ އާރލް މިޝަން ބްލޫ އެވޯޑް’ އަކީ ތިމާވެއްޓާއި ކަނޑުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ “މިޝަން ބްލޫ” ގެ ފަރާތުން ކޮންމެ އަހަރަކު ދެމުންގެންދާ ދުނިޔޭގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ. މިއަހަރުގެ އެވޯޑު ރައީސް ނަޝީދަށް ދެއްވުމަށް މިޝަން ބްލޫ އިން ނިންމާފައިވަނީ އެމަނިކުފާނު ތިމާވެށި ހިމާޔަތްކުރެއްވުމަށާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް އެކި ފެންވަރުގައި ކުރައްވަމުން ގެންދަވާ މަސަކަތްޕުޅުތަކަށް ބަލާފައިކަމުގައި މިޝަން ބްލޫގެ ފަރާތުން ބުނެއެވެ.

ޑޮކްޓަރ ސިލްވިއާ އާރލަކީ އެމެރިކާގެ ނޭޝަނަލް އޯޝަނެކް އެންޑް އެޓްމޯސްފެރިކް އެޑްމިނިސްޓްރޭޝަނުގެ އެންމެ ފުރަތަމަ އަންހެން ޗީފް ސައެންޓިސްޓެވެ. ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމާމެދު ޑޮކްޓަރ ސިލްވިއާ އާރލާއި ރައީސް ނަޝީދާ ދެބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާކުރެއްވުން، ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ހަމަޖެހިފައިވެއެވެ.

‘ސިލްވިއާ އާރލް މިޝަން ބްލޫ އެވޯޑް’ ރައީސް ނަޝީދަށް އެރުވުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ސޭންޓް ޕީޓަރސްބާރގުގައި ބޭއްވޭ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އަދި ރައީސް ނަޝީދު ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ތިމާވެއްޓާ ގުޅޭ ޚާއްޞަ ތަޤުރީރެއް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހަމަ އެފަދައިން އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޔުނިވާރސިޓީ އޮފް ސައުތު ފްލޮރިޑާއާއި އެކަރޑް ކޮލެޖްގެ ދަރިވަރުންނާ ވެސް ބައްދަލުކުރައްވާނެއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ކުރީގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.

3 ނޮވެމްބަރ 2014