މިނިސްޓަރ އަދީބާ ގުޅޭ ބޮޑު ކޮރަޕްޝަން ހާމަކުރެއްވުމުން، ޤާނޫނު އަސާސީއާ ޚިލާފަށް އޮޑިޓަރ ޖެނެރަލް ނެތިކޮށްލި ކޮށްލުން ހަރުއަޑުން ކުށްވެރިކުރުން

noosbayan

ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބާ ގުޅޭ 77.1 މިލިޔަން ރުފިޔާއާއި 1 މިލިޔަން އެމެރިކާ ޑޮލަރުގެ ބޮޑު ކޮރަޕްޝަން މުޢާމަލާތުގެ މައްޗަށް އެކުލެވޭ ޚާއްޞަ އޮޑިޓް ރިޕޯރޓް ޢާންމުކުރެއްވުމާވިދިގެން، ޤާނޫނު އަސާސީގައިވާގޮތުގެ މަތިން މިހާރުވެސް ދެމިހުންނެވި އޮޑިޓަރ ޖެނެރަލް، އަލްފާޟިލް ނިޔާޒު އިބްރާހީމް، ޤާނޫނު އަސާސީއާ ޚިލާފަށް އެމަޤާމުން ނެތިކޮށްލި ކޮށްލުމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ޣައިރު ޤާނޫނީ އެޢަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ޤާނޫނު އަސާސީއާ ޚިލާފަށް އޮޑިޓް ޤާނޫނުގެ އަކުރަކަށް ސަރުކާރުން ގެނައި ބަދަލަކުން، އޯޑިޓަރ ޖެނެރަލްގެ މަޤާމުގެ މުއްދަތު ހަމަ ނުވަނީސް، އޯޑިޓަރ ޖެނެރަލްގެ ޤާނޫނީ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރެއްވުމުން ‘ހައްޔަރުކޮށް’ އަދި ޤާނޫނު އަސާސީން އުފައްދާފައިވާ ދައުލަތުގެ މިނިވަން މުސްތަޤިއްލު މަޤާމެއް ނެތިކޮށްލާފައިވާކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ސަރުކާރުން މިކަން ކޮށްފައިވަނީ އޯޑިޓަރ ޖެނެރަލް ވަކިކުރުމަށް ޤާނޫނު އަސާސީގައި އޮންނަ ހަމައެކަނި ގޮތްކަމުގައިވާ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކާ ނުލައިކަން ފާހަގަކުރަމެވެ. އަދި ޤާނޫނު އަސާސީއާ ޚިލާފަށް އޯޑިޓަރ ޖެނެރަލްގެ މަޤާމު ނެތިކޮށްލުމަށްޓަކައި އަވަސް އަރުވާލައްވައި 24 ގަޑި އިރު ހަމަނުވަނީސް ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީޤުކުރައްވާފައިވާކަން ވެސް ފާހަގަކުރަމެވެ. އަދި ސަރުކާރުގެ ވަޒީރެއްގެ ބޮޑު ކޮރަޕްޝަން މައްސަލައެއް ބެއްލެވުމުން އެމައްސަލައެއް ބެއްލެވި ޤާނޫނީ މުވައްސަސާ ނެތިކޮށްލުމަކީ މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ. އަދި އެއީ މި ސަރުކާރު ފަސާދަވެފައިވާ މިންވަރު ސާބިތުކޮށްދޭ ކަމެއްކަމަށް ދެކެމެވެ.

ސަރުކާރުގެ މިފަދަ ފަސާދައިގެ މައްސަލަތަކާ ގުޅިގެން މިރާއްޖޭގެ މުސްތަޤިއްލު ކޮމިޝަންތަކާއި، ޗެކްސް އެންޑް ބެލެންސެސް ގެ ނިޒާމު ނެތިކޮށްލައި، މި ސަރުކާރުން ޤާނޫނު އަސާސީގެ ބާރު، ފާޅުގައި ކަނޑުވާލަމުން ގެންދާތައް ތަކުރާރުކޮށް މި ދަނީ ފެންނަމުންނެވެ. މިގޮތުން ޤާނޫނު އަސާސީއާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަނާއި އަދި މިނޫން ވެސް މުސްތަޤިއްލު ކޮމިޝަންތަކުގެ ޤާނޫނީ ބާރުވެރިކަން ނައްތާލާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މިކަންކަމަކީ މިރާއްޖެއާމެދު މުޅި ދުނިޔޭގެ އިތުބާރު ގެއްލި، ރާއްޖޭގެ އަގުވެއްޓި އަދި ބޭރުގެ އިންވެސްޓަރުން ރާއްޖެ އައުން ހުއްޓި، ރާއްޖޭގެ އިޤްތިޞާދަށް ނުހަނު ބޮޑެތި ގެއްލުން ލިބެމުންދާނޭ ކަންކަމެވެ.

އޯޑިޓަރ ޖެނެރަލްގެ އޮޑިޓް ރިޕޯރޓުގައި ފާހަގަކޮށްފައިވާ، ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބާ ގުޅޭ 77.1 މިލިޔަން ރުފިޔާއާއި 1 މިލިޔަން އެމެރިކާ ޑޮލަރުގެ ބޮޑު ކޮރަޕްޝަން މައްސަލައިގެ ދަޢުވާ، އޭނާގެ މައްޗަށް އުފުއްލެވުމަށް ޕްރޮސިކިޔުޓަރ ޖެނެރަލަށް މި ޕާރޓީން ގޮވައިލަމެވެ.

31 އޮކްޓޯބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް