ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކަމަލެޝް ޝަރުމާ ރައީސް ނަޝީދާ ބައްދަލުކުރައްވައިފި

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކަމަލެޝް ޝަރުމާ އެމް.ޑީ.ޕީ. ގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު އެމް.ޑީ.ޕީ ގެ ޤައުމީ އިދާރާގައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެމް.ޑީ.ޕީ ގެ ލީޑަރޝިޕްގެ އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

މިއަދުގެ މި ބައްދަލުވުމުގައި، ރާއްޖޭގެ ޑިމޮކްރެސީއާއި، ތިމާވެއްޓާއި، ބައިނަލްއަޤުވާމީ ގޮތުން އަދާކުރާ ދައުރާއި، އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކަމަލެޝް ޝަރުމާއާއި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން ކޮމަންވެލްތް ހެޑްސް އޮފް ގަވަރމެންޓް މީޓިންގ ތަކުގެ ދައުރު ފުޅާކުރުމުގައި ރައީސް ނަޝީދު އަދާކުރައްވަމުން ގެންދަވާ ރޯލު މިސްޓަރ ޝަރުމާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭއާއި ދުނިޔޭގައި ޑިމޮކްރެސީގެ މަގުގައާއި، ތިމާވެށީގެ ރޮނގުގައި ރައީސް ނަޝީދު ހަރުދަނާކަމާއެކު ކުރައްވަމުން ގެންދަވާ މުހިއްމު މަސައްކަތްޕުޅުތައް މިސްޓަރ ޝަރުމާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ކުރިން ވެސް އެމަނިކުފާނު ފާހަގަކުރައްވަމުން ގެންދަވާ ފަދައިން، ކޮމަންވެލްތު ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ނިގުޅައިގަންނަ ހިނދު، އެ މައްސަލަތައް ބަލައި ވިޔަވަޅުއަޅާނޭ ކޮމަންވެލްތުގެ ބޮޑީއެއް އޮތުމުގެ މުޙިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ކޮމިޝަން އޮފް ނޭޝަނަލް އެންކްއަރީ (ކޯނީ) ރިޕޯރޓުގައި ފާހަގަކޮށްފައިވާ ކަންކަން ފުރިހަމައަށް ތަންފީޒުކުރުމަށާއި، އަދި ފުލުހުން ހިންގި ލާއިންސާނީ ޖަރީމާތަކުގެ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމަށް ބާރުއަޅުއްވައިދެއްވުމަށް ރައީސް ނަޝީދު ކޮމަންވެލްތުގައި އެދިވަޑައިގަތެވެ. މީގެ އިތުރުން ސަލާމަތީ ޚިދުމަތްތަކުގައި ހައްދުފަހަނާޅާފައިވާ މީހުން އަށެގަންނަމުންދާ މިންވަރުގެ މައްޗަށް ވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ. އަދި އެމް.ޑީ.ޕީ. އަށް ނިސްބަތްވާ ފަރާތްތަކަށް މަރުގެ އިންޒާރުތައް ދީ، އެމް.ޑީ.ޕީ ގެ ސިޔާސީ ޙަރަކާތްތަކަށް ހުރަސްއަޅައި ނުރައްކާ ކުރިމަތިކުރުވަމުންދާކަމުގެ ކަންބޮޑުވުން މި ދެބޭފުޅުން ޙިއްޞާކުރެއްވިއެވެ.