މާލޭ ސިޓީ ކައުންސިލުން މަޖީދީމަގުގައި އިންދާފައިހުރި ފެންފޯއް ރުއްތައް 23 އޮކްޓޯބަރ 2014 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ކަނޑައިލި މައްސަލައިގައި މާލޭ ސިޓީ ކައުންސިލުން އެދިވަޑައިގަތް އެދިވަޑައިގަތުމާކާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވާ މައުލޫމާތު، އެމަނިކުފާނު މާލޭ ސިޓީ ކައުންސިލާ ޙިއްޞާ ކުރައްވައިފިއެވެ.
ރައީސް މުޙައްމަދު ނަޝީދު އެ މަޢުލޫމާތު ޙިއްޞާކުރައްވާފައިވަނީ މިއަދު އެމަނިކުފާނު މާލޭ ސިޓީ ކައުންސިލަށް ވަޑައިގެން މާލޭ ސިޓީ ކައުންސިލުގެ މޭޔަރ އޮނަރަބަލް މުޙައްމަދު ޝިހާބާއި އެ ކައުންސިލުގެ އެހެނިހެން މެމްބަރުންނާ ބައްދަލުކުރައްވައެވެ. އަދި އެ ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދު ވަނީ އެކަމާ ގުޅިގެން ނޫސްވެރިންނާ ވެސް ބައްދަލުކުރައްވައި މަޢުލޫމާތު ޙިއްޞާކުރެއްވުމާއެކު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުގައި މޫނު ނިވާކޮށްގެން ކަތިވަޅި ހިފައިގެން ގޮސް މަޖީދީމަގުގައި އިންދާފައި ހުރި ފެންފޯއް ރުއްތައް ކަނޑާލުމުގައި އެސްއޯ ފުލުހުންގެ ތެރެއިން ބަޔަކު ބައިވެރިވެފައިވެއެވެ. އަދި އެމީހުންގެ ނަމާއި އެޑްރެހާއި، އަދި އެކަން ހިނގާދިއަ ގޮތުގެ ތަފުސީލު އެމަނިކުފާނު ޙިއްޞާކުރެއްވިއެއެވެ.
މަޖީދީމަގުގައި އިންދާފައި ހުރި ފެންފޯއް ރުއްތައް ކަނޑައިލި މައްސަލަ އެމް.ޑީ.ޕީ. ގެ ޕާރލަމެންޓްރީ ގްރޫޕުން ވެސް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ހުށަހަޅުއްވާފައެވެ.
28 އޮކްޓޯބަރ 2014