އަމަން ބެލެހެއްޓުމުގައި ސަރުކާރު ނުކުޅެދެމުންދާ މިންވަރުގެ ސަބަބުން ފިލިތެޔޮ ރިސޯޓަށް މޫނު ނިވާކޮށްގެން ބަޔަކު އަރައި، މީހުން ކިޑްނެޕްކޮށް ތިޖޫރީ ފޭރުނު މައްސަލަ ކުށްވެރިކުރުން

noosbayan

ރާއްޖޭގެ އަމަން ބެލެހެއްޓުމުގައި ސަރުކާރު ނުކުޅެދެމުންދާ މިންވަރުގެ ސަބަބުން، މޫނު ނިވާކޮށްގެން ތިބި ބަޔަކު ސްޕީޑް ލޯންޗެއްގައި ގޮސް ފިލިތެޔޮ ރިސޯޓަށް އަރައި، އެ ރިސޯޓުގެ ދެ މީހަކު ކިޑްނެޕް ކުރުމަށްފަހު ގިނަ އަދަދެއްގެ ފައިސާއާއެކު ތިޖޫރީއެއް ފޭރިގަނެގެން ގޮސްފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް ސަރުކާރު ކުށްވެރިކުރަމެވެ.

މިޙާދިސާއިން އެނގެނީ ރާއްޖޭގެ ރައްތަކުގައި ފާޅުކަން ބޮޑުގޮތެއްގައި ހިންގާ ޖަރީމާތައް ފުޅާވެ، އިތުރު ދަރަޖައަކަށް މިހާރު އެކަން ދަމުންދާކަމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޔަތަށް ވެސް ނުރައްކާ ކުރިމަތިވަމުންދާކަމެވެ. އަދި މިފަދަ ޖަރީމާތައް ހުއްޓުވުމުގައާއި އަމަން ބެލެހެއްޓުމުގައި ސަރުކާރު އެއްކޮށް ފޭލުވެ ނުކުޅެދިފައިވާކަމެވެ.

ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ނާރުކަމަށްވާއިރު، އަދި ބޭރު ދުނިޔޭގައި ދިވެހިރާއްޖޭގެ ނަން މައްޝޫރުވެފައިވާ ދާއިރާކަމަށްވާއިރު، ފަތުރުވެރިން ޒިޔާރަތްކުރާ ރިސޯޓުތަކަށާއި ފަތުރުވެރިކަން ހިންގާ ފަރާތްތަކަށާއި އަދި ފަތުރުވެރިންނަށް ވެސް މިފަދަ ނުރައްކަލާ ބިރުވެރިކަމާ ކުރިމަތިލާންޖެހިފައިވާކަން ފެނުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ރާއްޖޭގެ އިޤްތިޞާދަށް ކޮޅުނުލާވަރުގެ ބޮޑެތި ގެއްލުން ލިބޭނޭކަމެއްކަމުގައި ދެކެމެވެ.

އެހެންކަމުން، ފަތުރުވެރިން ޒިޔާރަތްކުރާ ރިސޯޓުތަކާއި ފަތުރުވެރިންނާއި ފަތުރުވެރިކަން ހިންގާ ފަރާތްތަކަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ސަރުކާރަށް މި ޕާރޓީން ހަރުއަޑުން ގޮވާލަމެވެ.

27 އޮކްޓޯބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް