ރައީސް ނަޝީދު ބައިނަލްއަޤުވާމީ ދުނިޔޭގައި ޝަރަފުވެރި ދައުރެއް އަދާކުރެއްވި ކުރެއްވުމާ ގުޅިގެން މަރުޙަބާ ދެންނެވުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ބައިނަލްއަޤުވާމީ ފެންވަރުގައި ބޭއްވުނު މައްޝޫރު އަދި ޝަރަފުވެރި ދެ އިވެންޓެއްގައި ޝަރަފުވެރި ދައުރެއް އަދާކުރެއްވި ކުރެއްވުމާގުޅިގެން އެމް.ޑީ.ޕީ އިން އެމަނިކުފާނަށް މަރުޙަބާ ދަންނަވަމެވެ.

ރައީސް މުޙައްމަދު ނަޝީދު ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީއަށާއި ޖަޕާނުގެ ޓޯކިޔޯއަށް ކުރެއްވި ދަތުރުފުޅުތަކުގައި، އެންމެ ފަހުން ޓޯކިޔޯއަށް ވަޑައިގެން ލީގަލް ޕްރޮފެޝަން ދާއިރާގެ މީހުންގެ މައްޗަށް އެކުލެވޭ އެންމެ ބޮޑު ބައިނަލްއަޤުވާމީ ޖަމިއްޔާ، އިންޓަރނޭޝަނަލް ބާރ އެސޯސިއޭޝަންގެ އަހަރީ ބައްދަލުވުމުގެ ތިމާވެއްޓާގުޅޭ ޚާއްޞަ ޚިޠާބު ދެއްވައި، އެ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާފައިވެއެވެ.

މި ބައްދަލުވުމުގެ އިފްތިތާޙީ ޙަފުލާގައި ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯ އޭބް އަދި ޖަޕާންގެ އެމްޕެރަރ އާއި އެމްޕްރެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އިންޓަރނޭޝަނަލް ބާރ އެސޯސިއޭޝަންގެ އަހަރީ ބައްދަލުވުމުގައި ރައީސް ނަޝީދުގެ އިތުރުން އަޔަރލެންޑުގެ ކުރީގެ ބޮޑުވަޒީރު އަދި އ.ދގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބް މޭރީ ރޮބިންސަނާއި، އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލް ގޯރ އާއި، މެކްސިކޯގެ ކުރީގެ ރައީސް ފިލިޕޭ ކަލްޑެރޯން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޓަރނޭޝަނަލް ބާރ އެސޯސިއޭޝަނަކީ 50,000 އަށްވުރެ ގިން ވަކީލުންނާއި، ބާރ އެސޯސިއޭޝަންތަކާއި އަދި ލޯ ސޮސައެޓީތަކުގެ މައްޗަށް އެކުލެވިގެންވާ، ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ އެއް އަޑެވެ.

ރައީސް ނަޝީދު އިންޓަރނޭޝަނަލް ބާރ އެސޯސިއޭޝަންގެ އަހަރީ ބައްދަލުވުމުގައި ތިމާވެއްޓާގުޅޭ ޚާއްޞަ ޚިޠާބު ދެއްވުމަށް ޓޯކިޔޯއަށް ވަޑައިގަތުމުގެ ކުރިން، އެމަނިކުފާނަށް އަރުވާފައިވާ ދަޢުވަތަކާ ގުޅިގެން އަބޫދާބީއަށް ވަޑައިގެން، ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ބާނީ ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙުޔާނުގެ ހަނދާނުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ހުށަހެޅޭ އިނާމު، ޒައިދު ފިޔުޗަރ އެނަރޖީ ޕްރައިޒްގެ ޖޫރީ ޕެނަލްގައި ބައިވެރިވަޑައިގެންފައިވެއެވެ.

ރައީސް މުޙައްމަދު ނަޝީދަކީ 2010 ވަނަ އަހަރުން ފެށިގެން މި ޖޫރީ ޕެނަލްއަށް ޢައްޔަނުކޮށްފައިވާ މެމްބަރެކެވެ. އެމަނިކުފާނުގެ އިތުރުން އެ ޖޫރީ ޕެނަލްގައި އައިސްލޭންޑްގެ ރައީސާއި، ސައުތު ކޮރެޔާގެ ކުރީގެ ބޮޑުވަޒީރާއި، ސައުތު އެފްރިކާގެ ޓްރާންސްޕޯރޓް މިނިސްޓަރާއި، އައިރީނާގެ ޑިރެކްޓަރ ޖެނެރަލާއި، އަބޫދާބީގެ ގްލޯބަލް މާރކެޓްޕްލޭސްގެ ޗެއާރމަން ހިމެނިވަޑައިގަންނަވައެވެ. އަދި މި ބޭފުޅުންގެ އިތުރުން ވާރޖިން ގްރޫޕްގެ ފައުންޑަރ ރިޗަރޑް ބްރޭންސަނާއި، ޔުނައިޓެޑް ނޭޝަންސް ފައުންޑޭޝަންގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރާއި، އަދި އިންޑިއާގެ ޓާޓާ ޓްރަސްޓްގެ ޗެއަރމަން ރަޓަން ޓާޓާ މި ޖޫރީ ޕެނަލްގައި ހިމެނިވަޑައިގަންނަވައެވެ.

މިފަދަ މުޙިއްމު މަސައްކަތްތަކުގައި ދުނިޔޭގެ އިސް ލީޑަރުންނާއެކު ޝަރަފުވެރި އަދި އިސް ދަޢުރެއް އަދާކުރެއްވުމުގެ ދައުވަތު ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގަންނަވަމުންދަނީ، އެމަނިކުފާނަކީ މިފަދަ ކަންކަމުގައި ވަކާލާތުކުރެއްވުމުގައި ބައިނަލްއަޤުވާމީ ދުނިޔޭގައި ނަން މައްޝޫރު އަދި މަޤުބޫލު ލީޑަރަކަށް ވާތީކަމުގައި ދެކެމެވެ. އަދި އެމަނިކުފާނު ބައިނަލްއަޤުވާމީ ފެންވަރުގައި އަދާކުރައްވާ މުޙިއްމު ދައުރުގެ ސަބަބުން ދިވެހިރާއްޖެ މައްޝޫރުވުމުގެ އިތުރުން ރާއްޖެއަށާއި މުޅި ދުނިޔެއަށް އެކަމުގެ ފައިދާ ނުހަނު ބޮޑަށް ކުރާނޭކަމަށް މި ޕާރޓީން ދެކެމެވެ.

23 އޮކްޓޯބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް