ކުއްލި ސިހުމެއް ލިބޭ އިލްތިމާސެއް އެމް.އެން.ޑީ.އެފް އިން ކުރެއްވިކުރެއްވުމަކީ ރާއްޖޭގައި ދާޚިލީ އަމަންއަމާންކަން ގެއްލި، ނާމާންކަން ކުރިމަތިވެފައިވާކަމުގެ ރަނގަބީލެއްކަމުގައި ދެކޭހިނދު، އެކަމުގެ ކަންބޮޑުވުން ފާޅުކުރުން

noosbayan

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގެއިން ބޭރަށް ކޮންމެހެން ނުކުމެ ވަޑައިގަންނަވަންޖެހޭ ނަމަ އެބޭފުންގެ ސަލާމަތަށާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަމެއް ދެއްވުމަށް އަންގަވައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ސަބަބު ބަޔާންކުރެއްވުމެއް ނެތި، ރޭގައި ކުއްލި ސިހުމެއްލިބޭ އިލްތިމާސެއް އެމެމްބަރުންނަށް ކުރެއްވިކުރެއްވުމަކީ ރާއްޖޭގެ ދާޚިލީ އަމަންއަމާންކަން ގެއްލި، އަދި ބިރުވެރިކަމާއި ނާމާންކަން އިންތިހާއަށް ކުރިމަތިވެފައިވާކަމުގެ ރަނގަބީލެއްކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ދެކޭހިނދު، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމެވެ.

ގެއިން ބޭރަށް ކޮންމެހެން ނުކުމެވަޑައިގަންނަވަން ޖެހޭނަމަ މެނުވީ ނުކުމެވަޑައި ނުގަތުމަށް ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ މަންދޫބުންނަށް އެމް.އެން.ޑީ.އެފް އިން ޢާންމުކޮށް އިލްތިމާސް ކުރައްވަން ޖެހިވަޑައިގެންފައިވާކަމީ، މިރާއްޖޭގެ ޙާލަތު މިހާރު އޮތް ގޮތް ތަޞައްވަރުކޮށްދޭ ވަރުގަދަ ދަލީލެއްކަމުގައި ދެކެމެވެ. އަދި އެއީ ޖުމްލަގޮތެއްގައި އެންމެހައި ރައްޔިތުންގެ ހަށިފުރާނައަށް ޙަޤީޤީ ނުރައްކާ ކުރިމަތިވެފައި އޮތް މިންވަރު އިތުރަށް ކަށަވަރުވެގެން ދިއަކަމެއްކަމުގައި ދެކެމެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށްދެއްވުމުގައި ސަރުކާރުގެ އެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ތިއްބަވާ އިސް ވެރިންގެ ކޮންޓްރޯލް، ޓެރަރ ޙަރަކާތްތަކުގެ މައްޗަށް ގެއްލިފައިވާ މިންވަރު ވެސް އަންގައިދޭކަމެއްކަމުގައި ދެކެމެވެ. އަދި މިކަންކަމަކީ ބޭރުދުނިޔޭގައި ރާއްޖޭގެ އަގުވެއްޓި، އިޤްތިޞާދަށް ނުހަނު ބޮޑެތި ނޭދެވޭ އަސަރުކުރާނޭ ކަންކަމެވެ. އެހެންކަމުން މިކަންކަމަކީ އެމް.ޑީ.ޕީ އިން އިންތިހާއަށް ކަންބޮޑުވާ ކަންކަމެވެ.

އެމް.އެން.ޑީ.އެފް އިން ރޭގައި މިދެންނެވި އިލްތިމާސްކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެމް.ޑީ.ޕީ އަށް ނިސްބަތްވާ މެމްބަރުންނަށް ތަކުރާރުކޮށް މަރުގެ އިންޒާރުދެމުންދާ ދަނޑިވަޅެއްގައި، އަދި އެ މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ތަކުރާރުކޮށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގައި އެދިފައި ވީނަމަވެސް، މިވީހާ ދުވަހު އެ ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާއިރު، އަދި އެފަދަ އިންޒާރު ދިނުމުގެ މައްސަލަތައް ވެސް ޙަޤީޤީ މާނާގައި ބަލައި ފިޔަވަޅު އަޅާފައި ނުވާއިރުކަން ފާހަގަކުރަމެވެ.

މިކަން މިހެން އޮތްކަމުގައި ވީނަމަވެސް، މި ޕާރޓީން މި ޤައުމުގެ ރައްޔިތުންގެ ޙައްޤުގައި ހިންގަމުންދާ ސިޔާސީ ޙަރަކާތްތައް އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހުމެއް ނެތި، މާތް ﷲ ގެ ވާގިފުޅާއެކު ބާރަށް ކުރިޔަށް ގެންދާނޭކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ. އަދި 25 އޮކްޓޯބަރ 2014 ވަނަ ދުވަހުގެ ރޭ މި ޕާރޓީން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާއަށް ވެސް ވީހާވެސް ގިނަ ރައްޔިތުން ވަޑައިގެންދެއްވުމަށް މި ޕާރޓީން އެދެމެވެ. އަދި ރާއްޖޭގެ އެންމެހައި ރައްޔިތުންގެ އަމަންއަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތްތަކަށް މި ޕާރޓީން ގޮވާލަމެވެ.

20 އޮކްޓޯބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް