ރައީސް ނަޝީދު އަބޫދާބީއަށް ފުރައިވަޑައިގެންފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ(އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު މިއަދު ހެނދުނުގެ ވަގުތެއްގައި އަބޫދާބީއަށް ފުރައިވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޒައިދު ފިޔުޗަރ އެނަރޖީ ޕްރައިޒްގެ ޖޫރީ ޕެނަލްގައި ބައިވެރިވަޑައިގަތުމަށް އެމަނިކުފާނަށް އަރުވާފައިވާ ދަޢުވަތަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ. ޒައިދު ފިޔުޗަރ އެނަރޖީ ޕްރައިޒަކީ ތިމާވެއްޓަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ މަޤުސަދުގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ބާނީ ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙުޔާނުގެ ހަނދާނުގައި 2009 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤުވާމީ ފެންވަރުގައި ހުށަހެޅޭ އިނާމެކެވެ.

ރައީސް މުޙައްމަދު ނަޝީދަކީ 2010 ވަނަ އަހަރުން ފެށިގެން މި ޖޫރީ ޕެނަލްއަށް ޢައްޔަނުކޮށްފައިވާ މެމްބަރެކެވެ. އެމަނިކުފާނުގެ އިތުރުން އެ ޖޫރީ ޕެނަލްގައި އައިސްލޭންޑްގެ ރައީސާއި، ސައުތު ކޮރެޔާގެ ކުރީގެ ބޮޑުވަޒީރާއި، ސައުތު އެފްރިކާގެ ޓްރާންސްޕޯރޓް މިނިސްޓަރާއި، އައިރީނާގެ ޑިރެކްޓަރ ޖެނެރަލާއި، އަބޫދާބީގެ ގްލޯބަލް މާރކެޓްޕްލޭސްގެ ޗެއާރމަން ހިމެނިވަޑައިގަންނަވައެވެ. އަދި މި ބޭފުޅުންގެ އިތުރުން ވާރޖިން ގްރޫޕްގެ ފައުންޑަރ ރިޗަރޑް ބްރޭންސަނާއި، ޔުނައިޓެޑް ނޭޝަންސް ފައުންޑޭޝަންގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރާއި، އަދި އިންޑިއާގެ ޓާޓާ ޓްރަސްޓްގެ ޗެއަރމަން ރަޓަން ޓާޓާ މި ޖޫރީ ޕެނަލްގައި ހިމެނިވަޑައިގަންނަވައެވެ.