ސަރުކާރުގެ ނުކުޅަދުންތެރިކަމުން މާފުށީ ޖަލު ފަޅާލައި ނުރައްކާތެރި ކުށްވެރިންތަކެއް ފިލި މައްސަލަ ކުށްވެރިކުރުން

noosbayan

މަރުގެ ކުށުގެ މައްސަލައާއި ޓެރަރިޒިމް ކުށުގެ މައްސަލާގައި އުމުރަށް ޖަލަށް ޙުކުމްކޮށް މާފުށީ ޖަލުގައި ހައްޔަރުކޮށްފައިވާ ނުރައްކާތެރި ކުށްވެރިންގެ ބަޔަކު ޖަލު ފަޅާލައިގެން ނުކުމެ ވީއްލިފައިވަނީ، ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުންނާއި ނުކުޅަދުންތެރިކަމުން ކަމަށްވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން މި ސަރުކާރު އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

މި ސަރުކާރު އައިފަހުން ރާއްޖޭގެ ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ގެއްލި، ސިލްސިލާގޮތެއްގައި މީހުން މެރުމާއި ވަޅިހެރުމާއި، މާރާމާރީ ހިންގުން އެތައް ގުނައަކުން އިތުރުވެ، މަސްތުވާތަކެތީގެ މުޢާމަލާތްތައް ފުޅާވެ، މީހުން ވަގަށްނަގައި، މަރުގެ އިންޒާރުތައްދީ، އާންމު މުޖުތަމައުގައި ނުރައްކާތެރިކަމާއި ނާމާންކަން އަށަގަނެފައިވާމިންވަރު އިންތިހާދަރަޖައަށް ގޮސްފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ޚާއްޞަކޮށް ރޯމާ ދުވާލު އެންމެންގެ ލޯ ކުރިމަތީގައި މިފަދަ ބޮޑެތި ޖަރީމާތައް ހިންގުމަށްފަހު ވެސް އެމީހުންގެ މައްޗަށް މި ސަރުކާރުން ޤާނޫނު ނުހިންގާކަމުގެ ކަންބޮޑުވުން ރައްޔިތުން ތަކުރާރުކޮށް ފާޅުކުރަމުންދާކަން ފާހަގަކުރަމެވެ.

މިކަން މިހެން އޮތްއިރު، މަރުގެ ކުށުގެ މައްސަލައާއި ޓެރަރިޒިމް ކުށުގެ މައްސަލާގައި އުމުރަށް ޖަލަށް ޙުކުމްކޮށްފައިތިބޭ ނުރައްކާތެރި ކުށްވެރިން ޖަލުފަޅާލައި ނުކުމެ އުޅުމުގެ ފުރުސަތުވެސް މި ސަރުކާރުގެ ނުކުޅަދުއްތެރިކަމުން ހުޅުވިފައިވުމަކީ މިރާއްޖޭގެ ރައްޔިތުންނަށް ޙައްޤުވާ ގޮތްކަމަށް ނުވާއިރު، މިސަރުކާރުން ރާއްޖޭގެ ރައްޔިތުން ސިއްސުވާލާ ނާމާން ބިރުވެރި ޚަބަރުތައް ފުލުފުލުން ދެމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މާފުށީ ޖަލު ފަޅާލައި ކުށްވެރިން ފިލި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި، އިޙްމާލުވާ ސަރުކާރުގެ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.

18 އޮކްޓޯބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް