އެމް.ޑީ.ޕީ އަށާއި އަދި އެމް.ޑީ.ޕީއަށް ނިސްބަތްވާ އިސް ފަރާތްތަކަށް މިފަހަކަށް އައިސް ދެމުންދާ ޓެރަރިޒަމްގެ ތަފާތު ޙަމަލާތަކާއި މަރުގެ ގިނަގުނަ އިންޒާރުތަކުގެ މައްސަލަތައް ދައުލަތުގެ ކަމާބެހޭ ގިނަ މުވައްސަސާތަކަކަށް މި ޕާރޓީން ހުށަހަޅައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް (އެމް.ޑީ.ޕީ) އަށާއި މި ޕާރޓީއަށް ނިސްބަތްވާ އިސް ފަރާތްތަކަށް މިފަހަކަށް އައިސް ދެމުންދާ ޓެރަރިޒަމްގެ ތަފާތު ޙަމަލާތަކާއި މަރުގެ ގިނަގުނަ އިންޒާރުތަކުގެ މައްސަލަތައް މި ޕާރޓީން ދައުލަތުގެ ކަމާބެހޭ ގިނަ މުވައްސަސާތަކަކަށް ހުށަހަޅައިފީމެވެ.

މިގޮތުން އެންމެފަހުން ހުށަހެޅި މައްސަލައަކީ 14 އޮކްޓޯބަރ 2014 ވަނަ ދުވަހު ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލަ އެވެ. އެ މައްސަލައަކީ މި ޕާރޓީއަށް ނިސްބަތްވާ އިސްފަރާތްތަކަށް މަރުގެ އިންޒާރުގެ މެސެޖްތައް ފޮނުވައި، ނުރައްކާކުރިމަތިކުރުވައި، އިމާރާތްތަކުގައި ހުޅުޖަހައި، މުދަލަށް ބޮޑެތި ގެއްލުންދެމުންދާ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސަށް ރިޕޯރޓުކުރަމުންދާއިރު، އަދި އެގޮތުން ބައެއް ޖަރީމާތައް ހިންގާ މީހުން އެ ޖަރީމާތައް ފާޅުގައި ހިންގަނިކޮށް ކުށުގެ ވެށިން ހައްޔަރުކުރުމަށް ފަހު ވެސް ހެކި ނެތްކަމަށް ބުނެ އެމީހުން ދޫކޮށްލަމުންދާ މައްސަލައާއި މޯލްޑިވްސް ޕޮލިސް ސަރވިސުން ތަޙްޤީޤުތައް އެކަށީގެންވާ ގޮތަށް ކުރަމުން ނުގެންދާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އެ މައްސަލަ ބައްލަވައިދެއްވުމަށް ހުށަހެޅުނު މައްސަލައެވެ.

އަނެއް މައްސަލަތަކަކީ، 13 އޮކްޓޯބަރ 2014 ވަނަ ދުވަހު ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި، އަށްޑޫ ސިޓީ ފޭދޫގައި ބޭއްވި އެމް.ޑީ.ޕީ ޖަލްސާ ތެރެއަށް މޫނު ނިވާކޮށްގެން ދަގަނޑު ބުރިއާ ލަޓި ބުރި ހިފައިން ވަދެ ހަމަލާދިން މީހުންގެ މައްސަލައާއި، އެމް.ޑީ.ޕީ ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރާއީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ގެކޮޅަށް ކަޅުތެޔޮ ޖެހި މައްސަލައާއި، ޗެއަރ ޕާރސަން ޢަލީ ވަޙީދުގެ ކާރުކޮޅުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައާއި، އެމް.ޑީ.ޕީ އޮފީހުގެ މައި އިދާރާއަށް ތަކުރާރުކޮށް ޙަމަލާތައް ދިން މައްސަލައާއި މި ޕާރޓީގެ އިސް ފަރާތްތަކަށް ތަކުރާރުކޮށް މަރުގެ އިންޒާރުދީ މެސެޖްތައް ފޮނުވަމުން ގެންދާ މައްސަލައެވެ.

11 އޮކްޓޯބަރ 2014 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސަށް ހުށަހެޅި މައްސަލަތަކަކީ، އަށްޑޫ ސިޓީ ފޭދޫގައި ބޭއްވި އެމް.ޑީ.ޕީ ޖަލްސާ ތެރެއަށް މޫނު ނިވާކޮށްގެން ދަގަނޑު ބުރިއާ ލަޓި ބުރި ހިފައިން ވަދެ ހަމަލާދިން މީހުންގެ މައްސަލައާއި، އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާ ގެ އެމް.ޑީ.ޕީ އޮފީހުގައި ހުޅުޖަހައި އަންދާލި މައްސަލައާއި، އަދި ކުރިން ވެސް ހުށަހަޅާފައިވާ މައްސަލަތަކެއްކަމުގައިވާ އެމް.ޑީ.ޕީ އޮފީހުގެ މައި އިދާރާއަށް ތަކުރާރުކޮށް ޙަމަލާތައް ދިން މައްސަލައިގެ އިތުރުން މި ޕާރޓީގެ އިސް ފަރާތްތަކަށް ތަކުރާރުކޮށް މަރުގެ އިންޒާރުދީ މެސެޖްތައް ފޮނުވަމުން ގެންދާ މައްސަލައެވެ.

28 ސެޕްޓެމްބަރ 2014 ވަނަ ދުވަހު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސިކިޔުރިޓީ އަށް މި ޕާރޓީން ހުށަހަޅާފައިވަނީ، ބަޔަކު ރާވައިގެން މި ޕާރޓީގެ ވެރިންނަށާއި އިސް މެމްބަރުންނަށް ބިރުދައްކާ މަރުގެ އިންޒާރުދީ، އަދި ގެދޮރަށާއި މުދަލަށް ގެއްލުން ދެމުންދާ މައްސަލައާ ގުޅިގެން މި ޕާރޓީގެ ޗެއަރ ޕާސަން، ޑިފެންސް މިނިސްޓަރާ ބައްދަލުކުރެއްވުމަށް ހުށަހެޅި ހުށަހެޅުމެވެ.

25 ސެޕްޓެމްބަރ 2014 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސަށް މި ޕާރޓީން ހުށަހަޅާފައިވަނީ، އެމް.ޑީ.ޕީ ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރާއީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ގެކޮޅަށް ކަޅުތެޔޮ ޖެހި މައްސަލައާއި، ޗެއަރ ޕާރސަން ޢަލީ ވަޙީދުގެ ކާރުކޮޅުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައާއި، މީގެ އިތުރުން އެމް.ޑީ.ޕީ އޮފީހުގެ މައި އިދާރާއަށް ހަމަލާދީ ބޮޑެތި ގެއްލުން ދިން މައްސަލައެވެ.

21 އޯގަސްޓް 2014 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސަށް ހުށަހަޅާފައިވަނީ، އެމް.ޑީ.ޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި މި ޕާރޓީގެ އިސް ފަރާތްތަކަށް މަރުގެ އިންޒާރުދީ މެސެޖްތައް ފޮނުވައި، ފާރަލަމުންދާ މައްސަލައާއި ގޯނާ ކުރަމުންދާ މައްސަލައެވެ.

6 އޯގަސްޓް 2014 ވަނަ ދުވަހު އެމް.ޑީ.ޕީ އިން މޯލްޑިވްސް ޕޮލިސް ސަރވިސަށް ހުށަހަޅާފައިވާ މައްސަލައަކީ، މި ޕާރޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަރުގެ އިންޒާރުދީ ފޮނުވަމުންދާ އެސްއެމްއެސް ތަކުގެ މައްސަލައެވެ.

5 އޯގަސްޓް 2014 ވަނަ ދުވަހު ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް މި ޕާރޓީން ހުށަހެޅި މައްސަލައަކީ، މި ޕާރޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަރުގެ އިންޒާރުދީ ފޮނުވަމުންދާ އެސްއެމްއެސް ތަކުގެ މައްސަލައެވެ.

18 ޖޫން 2014 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސަށް ހުށަހަޅާފައިވާ މައްސަލައަކީ، ރައީސް މުޙައްމަދު ނަޝީދަށާއި މި ޕާރޓީއަށް ބިރުދައްކާ އިންޒާރުދީ ޢަލީ އަޙުސަނުގެ ނަމުގައި ޓްވިޓަރ ގައި ޕޮސްޓްކޮށްފައިވާ މެސެޖްތަކުގެ މައްސަލައެވެ.

15 ޖޫން 2014 ވަނަ ދުވަހު އެމް.ޑީ.ޕީ އިން މޯލްޑިވްސް ޕޮލިސް ސަރވިސަށް ހުށަހަޅާފައިވަނީ، އެމް.ޑީ.ޕީ އޮފީހުގެ މައި އިދާރާގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެވެ.