މޫނު ނިވާކޮށްގެން ތިއްބައި ކުށުގެ ވެށިން ހައްޔަރުކުރި މީހުން 24 ގަޑިއިރު ނުވަނީސް ދޫކޮށްލި މައްސަލަ ކުށްވެރިކުރުން

noosbayan

އައްޑޫ ސިޓީ ފޭދޫގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން 10 އޯގަސްޓް 2014 ވީ ހުކުރު ދުވަހުގެ ރޭ ބޭއްވި އެތައް ސަތޭކަ ރައްޔިތުން ޙާޟިރުވެ ތިބި ބޮޑު ޖަލްސާގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ލަޓިބުރި ހިފައިގެން ވަދެ ޖަލްސާ ގެ ބައިވެރިންގެ ހަށިފުރާނައަށް ނުރައްކާކުރުވައި، ތަކެއްޗަށް ގެއްލުންދީ ހަމަ ނުޖެހުން ހިންގާފައިވާއިރު، އަދި އެމީހުން އެ ޢަމަލުކުރުމުގައި މޫނު ނިވާކޮށްގެން ތިއްބައި ކުށުގެ ވެށިން ހައްޔަރުކޮށްފައި ވީނަމަވެސް ހެކި ނެތްކަމަށް ބުނެ 24 ގަޑިއިރު ނުވަނީސް އެ އެންމެ ދޫކޮށްލާފައިވާތީއާއި، އަދި ހަމަ އެރޭ އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ އެމް.ޑީ.ޕީ އޮފީހުގައި ހުޅުޖަހައި އެއްކޮށް އަންދާލި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ތަޙްޤީގެއް ހިންގަމުން ނުދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން މި ޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މި ހާދިސާތައް ސަރުކާރު ހިންގާާ ޕްރޮގްރެސިވް ޕާރޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) އިން ވެސް ކުށްވެރިކޮށް ބަޔާންނެރުކަމުގައި ވީނަމަވެސް އަދި ވަރަށް ސީރިއެސް މައްސަލަތަކެއްގެ ގޮތުގައި ބަލާނޭކަމަށް ފުލުހުން އިޢުލާނުކޮށްފައި ވީނަމަވެސް، ޕީ.ޕީ.އެމް. ގެ ސަރުކާރު އޮވެމެ، މިދެންނެވި ގޮތަށް މޫނު ނިވާކޮށްގެން ތިއްބައި ކުށުގެ ވެށިން ހައްޔަރުކުރި އެންމެން 24 ގަޑިއިރު ނުވަނީސް މިނިވަންކޮށްފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ އެމް.ޑީ.ޕީ އޮފީހުގައި ހުޅުޖަހައި އެއްކޮށް އަންދާލި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ތަޙްޤީގެއް ހިންގަމުން ދާކަން އެނގިފައިނުވެއެވެ.

މިކަން މިހެން ހިނގާފައިވީހިނދު، އެމް.ޑީ.ޕީ ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އައްޑޫ ސިޓީ ހިތަދޫގައި ހުންނަވަނިކޮށް އެމަނިކުފާނު ހުންނަވާ ގެގޭގެ ފުރާޅު މައްޗަށް ރޭގައި އަނެއްކާ ބަޔަކު މީހުން އޮއްގާ އުނކާފައިވާއިރު އެކަން ހުއްޓުވައި އެ މައްސަލާގައި ވެސް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރަމެވެ.

މިފަދަ ބޮޑެތި ޖަރީމާތައް ފާޅުގައި ތަކުރާރުކޮށް ހިންގަމުންދަނީ އެކަންކުރާ ފަރާތްތަކުގެ މައްޗަށް ޤާނޫނުގެ ބާރު ނުހިނގާނޭކަމުގެ ފުރިހަމަ ޔަޤީންކަން އެފަރާތްތަކަށް ލިބިދީފައިވާތީކަމުގައި މި ޕާރޓީން ދެކެމެވެ. އަދި މިކަންކަން މިހެން ވިޔަ ނުދިނުމަށް ސަރުކާރަށް މި ޕާރޓީން ހަރުއަޑުން ގޮވާލަމެވެ.

13 އޮކްޓޯބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް