ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި އިންޓަރ ޕާރލަމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ އަންހެނުންގެ ކޮމެޓީއަށް އޭޝިއާ ޕެސިފިކުން އައްޔަނުކޮށްފައިވާ މެމްބަރު އީވާ ޢަބްދުﷲ އައި.ޕީ.ޔޫ ގެ ހިޔުމަން ރައިޓްސް ކޮމެޓީއާ މިއަދު ބައްދަލުކުރައްވައި ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ނިގުޅައިގަންނަމުންދާ ދިއުމާމެދު އޮތް ކަންބޮޑުވުންތައް ޙިއްޞާކުރައްވައިފިއެވެ.
ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިޔަށްދާ އައި.ޕީ.ޔޫ ގެ އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި އައި.ޕީ.ޔޫ ގެ ހިޔުމަން ރައިޓްސް ކޮމެޓީއާ އީވާ ޢަބްދުﷲ މިއަދު ބައްދަލުކުރައްވައި ދިވެހިރާއްޖޭގައި ސިޔާސީ އިދިކޮޅު ފަރާތްތަކަށާއި ނޫސްވެރިންނަށާއި އަދި މުޖުތަމަޢުއަށް ކުރިމަތިވެފައިވާ ހަށިފުރާނައިގެ ރައްކާތެރިކަން ގެއްލިފައިވާ މިންވަރުގެ މައްޗަށް ޖުމްލަގޮތެއްގައި އަލިއަޅުވާލައްވާފައިވެއެވެ. އަދި އެ މައްސަލަތަކުގެ ފުރިހަމަ ތަޙްޤީޤު ނުހިންގުމާއި، މުޖުރިމުން ޝަރީޢަތުގެ ކުރިމައްޗަށް ޙާޟިރުނުކުރުމާއި، ފާޅުގައި ހިންގަމުންގެންދާ ބޮޑެތި ޖަރީމާތަކުގެ މައްޗަށް ވެސް ޤާނޫނު ނުހިންގުމާއި، ރައްޔިތުންގެ މަޖިލީހުން ވެސް މި މައްސަލަތައް ނުބެލުމާއި، ރާއްޖޭގައި ބިރުދެއްކުމުގެ ސަޤާފަތެއް އުފައްދާފައިވާކަމުގެ މައްޗަށް އެކަމަނާ ވާހަކަފުޅުދައްކަވާފައިވެއެވެ.
އީވާ ޢަބްދުﷲ ގެ ވާހަކަފުޅުގައި، އެމް.ޑީ.ޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް 2012 ވަނަ އަހަރުގެ 7 އަދި 8 ފެބްރުއަރީގައާއި އަދި އޭގެ ފަހުން ވެސް ފުލުހުން ކުރި ލާއިންސާނީ އަނިޔާތަކުގައި، ސާބިތު ހެކިލިބެން ހުރިއިރު ވެސް، މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން އައި.ޕީ.ޔޫ ގެ ހިޔުމަން ރައިޓްސް ކޮމެޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެކަމަނާ އެ ކޮމެޓީއާ މިއަދު ބައްދަލުކުރައްވާ އިރުވެސް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރ މާރިޔާ އަޙްމަދު ދީދީ އަށް ފުލުހުން ލާއިންސާނީ އަނިޔާކުރި މައްސަލައިގައި ދައުވާލިބޭ ފުލުސް މީހާ، ފުލުހުންގެ ފަރާތުން ޝަރީޢަތަށް ޙާޟިރުނުކުރުމުގެ ސަބަބުން އެމައްސަލަ މިއަދު ވެސް ކެންސަލްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އެއާ ޚިލާފަށް އެމް.ޑީ.ޕީ ގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް އުފުލާފައިވާ ސިލެކްޓިވް ދަޢުވާތައް ކުރިޔަށް ގެންދިއުމުގެ ގޮތުން އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުގެ ކުރީގެ މެމްބަރ ޙާމިދު ޢަބްދުލް ޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ހަމަ މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.
އަދި އެމް.ޑީ.ޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސީދާ ބަހުން މަރުގެ އިންޒާރުގެ މެސެޖްތައް ފޮނުވަމުންދާއިރު ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން މި މައްސަލަތައް ބަލަމުން ނުދާކަމާއި މެމްބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ސަރުކާރުން ނުދޭކަން އީވާ ޢަބްދުﷲ ފާހަގަކުރެއްވިއެވެ.
ހަމައެފަދައިން މިނިވަން ނޫހުގެ ޖާރނަލިސްޓް އަޙްމަދު ރިޞްވާން ވަގަށްނަގާފައިވާކަމަށް އަމިއްލަ ފަރާތްތަކުގެ ހޯދުންތަކުން ހެކިލިބިފައިވާއިރު، މިއަދާ ހަމައަށް ވެސް އޭނާ ހޯދިފައި ނުވާކަމާއި، އަދި އޭނާ ހޯދުމަށް ސަރުކާރުން އެއްވެސް އަހުމިއްޔަތުކަމެއް ދީފައިނުވާކަމާއި، އެ މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ފުލުހުން ހިންގާފައި ނުވާކަމާއި، އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެމައްސަލަ ބެލުމަށް އިންކާރުކޮށްފައިވާކަން އީވާ ޢަބްދުﷲ އައި.ޕީ.ޔޫ ގެ ހިޔުމަން ރައިޓްސް ކޮމެޓީގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖެޓީވީ އަންދާލައި އަސްވާޑަށް މަރުގެ ޙަމަލާދީ މީގެ އިތުރުން މިނިވަން ނޫހަށް ކަތިވަޅިން އިންޒާރުދީ އަދި އެނޫން ގޮތްގޮތުން ވެސް ނޫސްވެރިންނަށް މަރުގެ އިންޒާރާއި ހަމަލާތައް ދެމުންދާއިރު، އަދި އެކަމުގެ ސާފު ހެކި ލިބެން ހުރި އިރުވެސް މިޖަރީމާތައް ހިންގާފައިވާ އެއްވެސް ފަރާތަކާމެދު މިއަދާ ހަމައަށް ވެސް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން އީވާ ޢަބްދުﷲ އައި.ޕީ.ޔޫ ގެ ހިޔުމަން ރައިޓްސް ކޮމެޓީއާ ހިއްސާކުރެއްވިއެވެ.