ރައީސް މުޙައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލަ އެމް.ޑީ.ޕީ އިން ކުށްވެރިކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް ހަމަލާދީ އަވަހާރަކޮށްލާނޭކަމުގެ އިންޒާރުގެ މެސެޖް ފޮނުވަމުންދާ މައްސަލަ އެމް.ޑީ.ޕީ އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
ރައީސް މުޙައްމަދު ނަޝީދަށް މިގޮތުން އެންމެ ފަހުން މި ބާވަތުގެ މަރުގެ އިންޒާރުގެ އެސްއެމްއެސް ފޮނުވާފައިވަނީ އެމަނިކުފާނު އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާރޓީގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށެވެ. އަދި މަރުގެ އިންޒާރުގެ އެ މެސެޖް ފޮނުވުމުގެ ކުރިން ދާދި ފަހުން، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށާއި އެމް.ޑީ.ޕީ ގެ މައި އޮފީހަށް ބަޔަކު މީހުންވަނީ ޓެރަރިޒަމުގެ ޙަމަލާތައް ރައްދުކޮށްފައިކަން ފާހަގަކުރަމެވެ.

ރައީސް މުޙައްމަދު ނަޝީދަށް އެންމެ ފަހުން ލިބިވަޑައިގަތް މަރުގެ އިންޒާރުގެ މެސެޖްގެ މައްސަލަ އިނގިރޭސި ވިލާތުގެ މެޓްރޮޕޮލިޓެން ޕޮލިސް ސާރވިސުން ތަޙްޤީޤްކުރަމުން ގެންދާ ގެންދިއުމަށް އެމް.ޑީ.ޕީ އިން މަރުޙަބާކިޔަމެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށް އެފަދަ މަރުގެ އިންޒާރުތައް ފޮނުވަމުން ދިއަކަމުގައި ވީނަމަވެސް، މި ޕާރޓީއަށާއި އަދި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށްޓަކައި އެމަނިކުފާނު ކޮށްދެއްވަމުން ގެންދަވާ އަގުހުރި ސިޔާސީ މަސައްކަތްޕުޅުތައް ހުއްޓުމެއްނެތި ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާނޭކަމުގެ ޔަޤީންކަން މި ޕާރޓީގެ ފަރާތުން ދިވެހިރައްޔިތުންނަށް އަރުވަމެވެ.

5 އޮކްޓޯބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް