ޓެރަރިޒަމްގެ ދައުވާކުރަމުންދާ އައްޑޫ އަދި ތިނަދޫގެ ފަރާތްތަކާއި އެމްޑީޕީގެ ލީޑަރޝިޕުން ބައްދަލުކުރައްވައިފި

އައްޑޫ ސިޓީ އަދި ގދ. ތިނަދޫގައި 8 ފެބްރުއަރީ 2012 ވަނަ ދުވަހު ހިނގާދިޔަ ހުޅުޖެހުމުގެ ހާދިސާގައި ޓެރަރިޒަމްގެ ދައުވާކުރަމުންދާ ފަރާތްތަކާއި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ލީޑަރޝިޕުން ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު އެމްޑީޕީގެ ޤައުމީ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ޓެރަރިޒަމްގެ ދައުވާކުރައްވާ ފަރާތްތަކާއި ޕާޓީގެ ލީޑަރޝިޕުގެ ފަރާތުން ބައްދަލުކުރެއްވީ ޗެއަރޕާސަން އަލީ ވަހީދާއި ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.

އައްޑޫ އަދި ތިނަދޫގައި ހުރި ދައުލަތުގެ ބައެއް އިމާރާތްތަކުގައި ހުޅުޖަހާފައިވަނީ ފެބްރުއަރީ 6 ވަނަ ދުވަހާއި، 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު ރާއްޖޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރެއިންނެވެ. މި މައްސަލާގައި ތިނަދޫގެ 89 މީހެއްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލާއިރު، އައްޑޫގެ 35 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައެވެ. މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.
8 ފެބްރުއަރީގެ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ދައުވާކުރަމުންދާއިރު، ފެބްރުއަރީ 6 އަދި 7 ވަނަ ދުވަހު ހިނގާދިޔަ ޣައިރު ޤާނޫނީ ކަންތައްތަކުގެ މައްސަލަ ބެލި، ދައުވާކުރެވެމުން ނުދާތީ، އައްޑޫ އަދި ތިނަދޫގެ ފަރާތްތަކުގެ މައްޗަށް ކުރެވެމުންދާ ޓެރެރިޒަމްގެ ދައުވާގެ ނިޔަތާއިމެދު ސުވާލު އުފެދެއެވެ.