އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީގެ ގެކޮޅަށް ކަޅުތެޔޮ ޖަހާ، ޗެއަރޕާސަން އަލީ ވަހީދުގެ ކާރުކޮޅަށް ހަމަލާދީ، ޕާޓީގެ އޮފީހުގެ ބިއްލޫރިތައް ތަކުރާރުކޮށް ތަޅަމުންދާ ދިއުން ކުއްވެރިކުރުން

noosbayan

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ރައީސްގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއަށް ރޭގެ ވަގުތެއްގައި ކަޅު ތެޔޮ ޖަހާ، ޗެއާރޕާސަން އަލީ ވަހީދުގެ ކާރުކޮޅަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދިނުމުގެ އިތުރުން އެމްޑީޕީގެ ޤައުމީ އިދާރާ ހ. ޝަރާސާ އަށް ވަނީ ބަޔަކު ހަމަލާދީފައެވެ. އެމްޑީޕީގެ ހަރަކާތްތައް ފެށި މިއަދާއި ހަމައަށް އައިރު، ވޭތުވެ ދިޔަ 9 އަރުގެ ތެރޭގައި ރައީސް ނަޝީދުގެ ގެކޮޅާއި އަދި ޕާޓީގެ އެހެނިހެން އިސްފަރާތްތަކުގެ ގެކޮޅުތަކަށް އެކި ފަހަރުމަތިން ވަނީ ކަޅު ތެޔޮޖެހާ، ގެއްލުންދީފައިވެއެވެ.
ރާއްޖޭގެ މި ވަގުތު އޮތް އެންމެ އާބާދީ ބޮޑު ސިޔާސީ ޕާޓީގެ އިސްވެރިންގެ ގެދޮރާއި މުދަލަށް ގެއްލުންދީ، ޕާޓީގެ އިދާރާގެ ބިއްލޫރިތައް ތަކުރާރުކޮށް ތަޅަމުންދާ މައްސަލަ ބަލައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާރވިސް އަށް އެތައް ފަހަރެއްގެ މަތިން ގެނެވިފައި ވީނަމަވެސް، އެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަހްޤީގުކުރެވިފައެއް ނުވެއެވެ. އަދި މިފަދަ ހަމަލާތަކާއި ގުޅިގެން އެއްވެސް ފަހަރެއްގައި އެކަންކުރި ފަރާތެއް ހޯދިފައިނުވާއިރު، ޝައްކުކުރެވޭ ފަރާތެއްވެސް ފާހަގަކުރެވިފައެއް ނުވެއެވެ. އަދި ރޭ އެމްޑީޕީގެ ޤައުމީ އިދާރާގެ ބިއްލޫރިތައް ތަޅާލާފައި ވަނީވެސް، ޕާޓީއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ފުލުހުންގެ ފަރާތުން ހިމާޔަތައް އެދިފައިވަނިކޮށެވެ.

އެމްޑީޕީގެ ލީޑަރޝިޕާއި، އިދާރީ މުވައްޒަފުންނާއި، އިމާރާތައް ދެމުންދަ ހަމަލާ ތަކަކީ، އިދިކޮޅު ސިޔާސީ ފިކުރު ނައްތާލުމަށް ހިންގޭ، ނާތަހުޒީބު ޖަރީމާއެއް ކަމުގައި މި ޕާޓީން ދެކެއެވެ. އަދި މިފަދަ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހްޤީގުކުރެވި، ކުށްވެރިވާ ފަރާތްތައް ހޯދާ، އެފަރާތްތަކާމެދު ފިޔަވަޅު އެޅެމުންނުދާކަމީ، މިފަދަ ޖަރީމާތައް ހިންގުމަށް މަގުފަހިވާ ކަމެއްކަމުގައި ވެސް މި ޕާޓީން ދެކެއެވެ.

ޖިނާޢީ ބޮޑެތި ކުށްތަކަށް އަރައިގަތުން ރާއްޖޭގައި އާއްމުވެފައިވާ މި ދަނޑިވަޅުން ސަލާމަތްވުމަށް މި ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުންނުދާއިރު، ސަރުކާރުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ ބަސްމަގު ހުންނަ ގޮތުން އެފަދަ ކަންކަންކުރާ ފަރާތްތަކަށް އިތުރު ޖޯޝާއި، ހިތްވަރު ލިބެމުންދާ ކަމަށްވެސް މި ޕާޓީން ދެކެއެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ހިންގާ މިފަދަ ޖަރީމާތަކާއި މެދު ސަރުކާރުން އެއްޗެއް ނުބުނެ، ވަރިހަމަކުރާ ކުރުމަކީ، މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމެކެވެ.
އެމްޑީޕީގެ އިސްވެރިންގެ ގެދޮރާއި މުދަލަށް ގެއްލުންދޭ މި ދަނޑިވަޅުގައި މި ޕާޓީގެ ލީޑަރޝިޕުން އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހި، ރާއްޖޭގައި އިންސާފާއި ހަމަހަމަކަން ޤާއިމުކޮށް، އިންސާނީ ހައްޤުތައް ކަށަވަރުކޮށް، ޑިމޮކްރަސީ ހަރުދަނާކުރުމަށް މި ޕާޓީން ކުރަމުންދާ މަސައްކަތް ބާރަށް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް ޕާޓީގެ ފަރާތުން ދެއެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް