ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި ޕާޓީގެ އިސްފަރާތްތަކަށް އިންޒާރުދީ އަދި ފާރަލަމުން ގެންދާތީ އެމައްސަލަ ފުލުހުންނަށް ހުށަހަޅައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) އަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ޕާޓީގެ އިސްފަރާތްތަކަށް ތަފާތު ގޮތްގޮތުން އިންޒާރުގެ މެސެޖުތައް ފޮނުވާ، ފާރަލަމުން ގެންދާތީ އެކަން ބަލާދިނުމަށް އެދި ޕާޓީގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފިއެވެ. ޕާޓީގެ ސެކެޓްރޭޓުން ފުލުހުންގެ އިދާރާއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޕާޓީގެ އިސްފަރާތްތަކަށް ދެމުން މިގެންދާ އިންޒާރުތަކާއި ގުޅިގެން މިހާތަނަށް ފުލުހުންގެ އިދާރާގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށާއި، އެހެން ނަމަވެސް އެކަން ތަކުރާރުވަމުންދާތީ އެކަން ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޕާޓީގެ އިސްފަރާތްތަކަށް މި ފޮނުވަމުން ގެންދާ މެސެޖްތަކަކީ، އެ މެސެޖުތައް ރައްދުވާ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ހާނިކަވެދާނެ ކަމެއް ކަމަށް ވާތީ، އެކަމަކީ ވަރަށް ސީރިއަސް ކަމެއް ގޮތުގައި ޕާޓީގެ ސަލާމަތާބެހޭ ކޮމެޓީއިންދަނީ ބަލަމުންނެވެ.