ފެބްރުއަރީ 8،7،6 ގައި ހިންގާދިޔަ ހާދިސާގައި އައްޑޫ ސިޓީ އަދި ތިނަދޫގެ ގިނަ ބައެއްގެ މައްޗަށް ޝަރީޢަތްކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތަކީ އެމްޑީޕީގެ އާއްމު މެމްބަރުންނަށް ބިރުދެއްކުމަށް ސަރުކާރުން ހިންގާ ބޭއިންސާފު މަސައްކަތެއް

noosbayan

8،7،6 ފެބްރުއަރީ 2012 ވަނަ ދުވަހު ހިނގާދިޔަ ހާދިސާ ތަކުގައި ތިނަދޫ އާއި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ބަޔެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އެފަރާތްތައް މާލެ ގެނެސް ޝަރީޢަތް ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގެ މަޢުލޫމާތު މިޕާޓީއަށް ވަނީ ލިބިފައެވެ. 8،7،6 ފެބްރުއަރީ 2012 ވަނަ ދުވަހު ހިނގާދިޔަ ހާދިސާތަކުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފުވެ، ޖިނާޢީ ބޮޑެތި ކުށްތަކަށް އަރައިގެންފައިވާ ބައެއް ފަރާތްތަކަށް އެއްވެސް ދައުވާއެއް ކުރުމެއް ނެތި، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވާ ފަރާތްތަކަށް ދައުވާކުރަމުން ގެންދާ ގެންދިއުމަކީ، މި ސަރުކާރުން ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ރާވާ ހިންގާ ކަމެއްކަމުގައި ދެކުމުގެ ފުރުސަތު އެބައޮތެވެ. އަދި ސިޔާސީ ގޮތުން ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާ، އަޅުވެތިކުރުމުގެ ގޮތުން ކުރެވޭ މިފަދަ ކޮންމެ ކަމަކީ، މި ޕާޓީން އިންތިހާ ދަރަޖައަށް ކުށްވެރިކުރާ ކަމެކެވެ.
8،7،6 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ދިޔަ ހާދިސާތަކުގެ ތަހްޤީގު ކުރިއަށް ގެންގޮސްފައިވާ ގޮތާއިމެދު އެތަކެއް ސުވާލުތަކެއް ފެންމަތިވެފައި ވަނިކޮށް، މި ޕާޓީއަށް ނިސްބަތްވާ ފާރާތްތަކުގެ މައްޗަށް ދައުވާކުރުމުން ސަރުކާރުގެ ފަރާތުން ވަކި ބަޔަކު ކުރިކަމެއްގެ ގޮތުގައި ދައްކާ، ވަކި ބަޔަކަށް ހުކުމްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރެވެއެވެ.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އިމުގެ ތެރޭގައި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ހުއްޓުވުމަށްޓަކައި މިސަރުކާރުގެ ފަރާތުން ގެންދަނީ ތަފާތު ކަންކަން ރާވާ ހިންގަމުންނެވެ. އެގޮތުން މި ޕާޓީގެ ހިނގާލުންތަކާއި މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރާނެކަމުގެ އިންޒާރުދީ، އެފަރާތްތަކަށް ބިރުދެއްކުމުގެ ނާތަހުޒީބު، ޑިމޮކްރަސީއާއި ބީރަށްޓެހި ކަންކަން ދަނީ މިސަރުކާރުން ކުރަމުންނެވެ.