ގެއްލިފައވާ ނޫސްވެރިޔާ ރިޟްވާން އާއި ބެހޭ ގޮތުން އެމްޑީޕީ ޤައުމީ ހިންގާ ކޮމިޓީގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފި

މިއަދު ބޭއްވުނު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޤައުމީ ހިނގާ ކޮމިޓީގެ 173ވަނަ ބައްދަލުވުމުގައި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމުގައި ރިޟްވާން ހޯދުމަށް ސަރުކާރުގެ ފަރާތުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންނުދާތީ އާއި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން ކުރަމުންދާ މަސައްކަތައް ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ހުރަސް އަޅަމުން ގެންދާތީ ޤައުމީ ހިންގާ ކޮމިޓީގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ރިޟްވާންގެ މައްސަލައިގެ ތަހްޤީގު ބާރަށް ކުރިއަށް ގެންދިއުމަށް ޕާޓީގެ ފަރާތުން ސަރުކާރަށާއި ފުލުހުންނަށް ޕްރެޝަރކުރުމަށްޓަކައި ހަރަކާތްތަކެއް ރާވާ، ހިންގުމާއިމެދު މެމްބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ.

ޕާޓީގެ ޗެއަރޕާސަން އަލީ ވަހީދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި، ޕާޓީގެ އިދާރީ ހިންގުމާއި ގުޅޭ ގޮތުން ޤައުމީ ހިންގާ ކޮމިޓީގެ މެމްބަރުންނާއި ޗެއަރޕާސަން މަޢުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން، ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން ޕާލިމެންޓަރީ ގްރޫޕުގެ ނައިބު ލީޑަރ ރޮޒައިނާ އާދަމް މަޢުލޫމާތު ހިއްސާކުރެއްވިއެވެ.