ސީއެންއެމް ގެ ރިޕޯރޓަރ ޢަބްދުﷲ ޙަސީނުގެ މައްޗަށް އުފުލާފައިވާ ޖިނާޢީ ދައުވާ އަނބުރާ ގެންދެވުމަށް ގޮވާލުން

noosbayan

ސީއެންއެމް ގެ ރިޕޯރޓަރ ޢަބްދުﷲ ޙަސީނު ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ފުލުހުން އެތަނުން އޭނާ ހިފާ ހައްޔަރުކުރުމަށްފަހު އޭނާގެ މައްޗަށް ދައުލަތުން މިހާރު ކްރިމިނަލް ކޯޓުގައި ދަޢުވާ ކުރައްވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އަދި އެ ދައުވާ އަނބުރާ ގެންދެވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ޕްރޮސިކިޔުޓަރ ޖެނެރަލަށާއި ސަރުކާރަށް ގޮވާލަމެވެ.

ޢަބްދުﷲ ޙަސީނުގެ މައްޗަށް ދައުލަތުން ދައުވާ އުފުއްލަވާފައިވަނީ ނޫސްވެރިއެއްގެ ޙައިޞިއްޔަތުން 2012 ވަނަ އަހަރު ބޭއްވުނު މުޒާހަރާއެއް ކަވަރުކުރެއްވުމުގެ ތެރޭގައި އޭނާ ޙަރަކާތްތެރިވަމުން ދަނިކޮށް ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހުގައިކަމާއި، އަދި އޭނާގެ މައްޗަށް ދައުލަތުން މިހާރު އުފުއްލަވާފައިވާ ދަޢުވާއަކީ ރައްޔިތުންގެ މައްޗަށް ދައުލަތުން އެންމެ ގިނައިން އުފުއްލަވާ ޒާތުގެ އެއް ދަޢުވާކަމުގައިވާ ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށް ބުނާ ދަޢުވާއެއްކަން ފާހަގަކުރަމެވެ. މިވަރުގެ ދަޢުވާއެއް އެހާ ގިނަ އަހަރުތަކެއް ފަހުން ދައުލަތުން ޢަބްދުﷲ ޙަސީނުގެ މައްޗަށް އުފުއްލަވާފައިވާތީ އެކަން ވެސް ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އަދި ވަކިން ޚާއްޞަކޮށް މި ދަޢުވާއަކީ ދިވެހިރާއްޖެއަށް 2008 ގައި ޑިމޮކްރެޓިކް ޤާނޫނު އަސާސީއެއް ލިބުނުފަހުން ނޫސްވެރިއެއްގެ މައްޗަށް ކޯޓެއްގައި އުފުލުނު ފުރަތަމަ ޖިނާޢީ ދަޢުވާކަން ހިތާމައާއެކު ފާހަގަކުރަމެވެ. އަދި މި ދަޢުވާ ދައުލަތުން ޢަބްދުﷲ ޙަސީނުގެ މައްޗަށް އުފުއްލަވާފައިވަނީ މިރާއްޖޭގެ ނޫސްވެރިކަމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ނޫސްވެރިންނަށް ޙަމަލާދީ، ޓީވީ ސްޓޭޝަންތައް ރޯކޮށް، ނޫސްވެރިންނަށް މަރުގެ އިންޒާރުދީ، އަދި ނޫސްވެރިންގެ ހަށިފުރާނައިގެ ރައްކާތެރިކަން ގެއްލި، ނޫސްވެރިއަކު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދަނޑިވަޅެއްގައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މިރާއްޖޭގެ މިނިވަން ނޫސްވެރިކަން އެތައް ދަރަޖައަކަށް ދަށަށް ގޮސްފައިވާކަން ބައިނަލް އަޤުވާމީ ނޫސްވެރިކަމުގެ ޖަމިއްޔާތަކުން ބަލާ މިންގަނޑުތަކުން ފާހަގަކޮށްފައިވަނިކޮށެވެ.

ވީމާ، ސީއެންއެމް ގެ ރިޕޯރޓަރ ޢަބްދުﷲ ޙަސީނުގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ދައުވާ އަނބުރާ ގެންދެވުމަށް ޕްރޮސިކިޔުޓަރ ޖެނެރަލަށާއި ސަރުކާރަށް ގޮވާލާހިނދު، މިނިވަން ނޫސްވެރިކަމަށްދޭ ޙަމަލާތަކުން ނޫސްވެރިން ހިމާޔަތްކޮށް ރައްކާތެރިކޮށް ދިނުމަށް މި ޕާރޓީން ދައުލަތަށާއި ސަރުކާރަށް ގޮވާލަމެވެ.

3 ސެޕްޓެމްބަރ 2014
ބަޔާން ނެރުނީ: އެމްޑީ.ޕީ ސެކްރެޓޭރިއެޓް