ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރ އަލްޙާން ފަހުމީއަށް ދިން މަރުގެ ޙަމަލާގައި ހައްޔަރުކުރެވުނު މީހުން ދޫކޮށްލާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުން

noosbayan

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ ކުރީގެ މެމްބަރ، އަލްޙާން ފަހުމީއަށް ތޫނު އެއްޗަކުން ދިން ނުރައްކާތެރި މަރުގެ ޙަމަލާއާ ގުޅިގެން ހައްޔަރުކުރެވުނު ދެމީހުން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލާފައިވާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް އެކަން މި ޕާރޓީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

އަލްޙާން ފަހުމީއަށް ތޫނު އެއްޗަކުން ނުރައްކާތެރި މަރުގެ ޙަމަލާދީ އެމަނިކުފާނު ވަރަށް ބޮޑަށް ޒަޙަމްކޮށްލި މައްސަލާގައި ހައްޔަރު ކުރެވުނު ދެ މީހުން ބަންދުން ދޫކޮށްލި ސަބަބުކަމުގައި ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާކަމަށް މީޑިއާގެ ރިޕޯރޓުތަކުން އެނގެނީ އެ މައްސަލާގައި ޕްރޮސިކިޔުޓަރ ޖެނެރަލް އަދި ވެސް ދަޢުވާ އުފުލާފައި ނުވާތީއެވެ. ނަމަވެސް އެދެމީހުން ބަންދުން ދޫކޮށްލާފައިވަނީ އެދެމީހުން ހައްޔަރުކޮށް އަދި މިހާތަނަށް ބަންދުގައި ބެހެއްޓުމަށް ލިބިފައިވާ ހެކިތަކަކީ، ހެކި ނޫންކަމަށް ކްރިމިނަލް ކޯޓުން ބަލައިގެން ނޫންކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ހަމައެހެންމެ އެދެމީހުން ހައްޔަރު ކުރި ދުވަހުން ފެށިގެން މިހާތަނަށް އެދެމީހުން ބަންދުގައި ބެހެއްޓިފައި ހުންނަންވާނީ އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށްކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް ޕްރޮސިކިޔުޓަރ ޖެނެރަލްގެ ފަރާތުން ދައުވާ އުފުލުން ލަސްވެފައިވާކަން ސަބަބެއްގެ ގޮތުގައި ބަލައި، އެފަދަ ނުރައްކާތެރި މަރުގެ ޙަމަލާ ދީފައިވާކަމަށް ހެކިލިބިގެން، މުޖުތަމައުއަށް ނުރައްކާތެރި ބައެއްގެ ގޮތުގައި ބަންދުކުރެވުނު ފަރާތްތަކެއް ބަންދުން ދޫކޮށްލާފައިވާތީ، އެކަން އެގޮތަށް ނުކުރެވޭނޭކަމަށް ދެކެމެވެ.

ނުރައްކާތެރި މަރުގެ ޙަމަލާތަކުގެ މައްސަލަތަކުގައި ދަޢުވާ އުފުލުން ލަސްވުމާއި އަދި ހެކީގެ މައްޗަށް ބުރަވެކަމަށް ބުނެ ތަޙުޤީޤަށް ބަންދުކުރެވޭމީހުން އެ ހެކިތައް އެގޮތުގައި ހުއްޓައި ވެސް ކޯޓުން ދޫކުރަމުން ދިއުމާއި، މިފަދަ އެންމެހައި ކަންކަމުން ވެސް އެނގެނީ މިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރެއިން އިންސާފު ޤާއިމުވުމުގެ އުއްމީދެއް ނެތްކަމެވެ.

އަލްޙާން ފަހުމީއަށް މި މައްސަލާގައި އިންސާފު ލިބިވަޑައިގެން ނުވާއިރު، މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނަށް ނުރައްކާތެރި މަރުގެ އިންޒާރުތައް މެދުކެނޑުމެއް ނެތި ދެމުންދާއިރު މި ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކަން ބެލޭނޭގޮތް ވެސް ވަނީ ނުވެފައިކަން ފާހަގަކުރަމެވެ. އަދި މިނިވަން ނޫހުގެ ޖާރނަލިސްޓް އަޙުމަދު ރިޟުވާން ވަގަށްނަގާފައިވާކަމަށް ބެލެވޭ މައްސަލާގައި މިހާތަނަށް ވެސް އޭނާ ހޯދުމަށް ސަރުކާރުގެ ކަމަބެހޭ ފަރާތްތަކުން ނުކުޅެދިފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ފަހަކަށް އައިސް ގިނަ އަދަދަކަށް މީހުން މަރައި، މުޖުތަމައު އެއްކޮށް ނާމާންވެ، ހަށިފުރާނައިގެ ރައްކާތެރިކަން ގެއްލިފައިވާއިރު މިކަން ހުއްޓުވުމަށް ސަރުކާރުން ނުކުޅެދިފައިވާކަމީ ވެސް ރައްޔިތުން އިންތިހާއަށް ކަންބޮޑުވާކަމެކަން ފާހަގަކުރަމެވެ.

އަލްޙާން ފަހުމީއަށް ނުރައްކާތެރި މަރުގެ ޙަމަލާދިން މައްސަލަ ފުރިހަމައަށް ތަޙްޤީޤްކޮށް، އެފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް މިޕާރޓީން ގޮވާލަމެވެ.

31 އޯގަސްޓް 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް