މައްޗަށް ގޮޅި އުތުރު ދާއިރާގެ މެމްބަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ ތުއްޕުޅު ދަރިކަނބަލުން ވަގަށް ނަގާނޭކަމުގެ ޓެރަރިޒަމް އިންޒާރުދިން މައްސަލަ ކުށްވެރިކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް އެސް.އެމް.އެސް ގެ ޒަރިއްޔާއިން ސީދާބަހުން ތަކުރާރުކޮށް މަރުގެ އިންޒާރުތައް ފޮނުވަމުން ގޮސް ބައެއް އަންހެން މެމްބަރުންގެ ތުއްޕުޅު ދަރިކަނބަލުން އަވަހާރަކޮށްލާނޭ ކަމުގެ ނުވަތަ ވަގަށް ނަގާނޭ ކަމުގެ އިންޒާރުތައް ވެސް ފޮނުވަމުން ދާތީ، އެ ޓަރަރިޒަމުގެ އަމަލު މި ޕާރޓީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

މިގޮތުން މައްޗަށް ގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއަށް ވެސް މީގެކުރިން ސީދާބަހުން މަރުގެ އިންޒާރުގެ އެސް.އެމް.އެސް ތައް ފޮނުވުމަށްފަހު އެކަމަނާގެ ތުއްޕުޅު ދަރިކަނބަލުން ވަގަށް ނަގާނޭކަމުގެ ނުވަތަ އަވަހާރަކޮށްލާނޭ ކަމުގެ ނުރައްކާތެރި އެސް.އެމް.އެސް އަކުން ޓެރަރިޒަމުގެ އިންޒާރުދީފައެވެ.

މިފަދަ ނުރައްކާތެރި މަރުގެ އިންޒާރުތަކާއި ވަގަށް ނަގާނޭކަމުގެ އިންޒާރުތައްދީ ފޮނުވަމުންދާ ޓެރަރިޒަމްގެ އެސް.އެމް.އެސް ތައް ފޮނުވަމުން ދަނީ ނޫސްވެރިޔަކު ގެއްލިފައިވަނިކޮށް ކަމާއި، އަދި އެނޫސްވެރިޔާ ވަނީ ވަގަށް ނަގާފައިކަމަށް ޤަބޫލުކުރެވޭ ދަނޑިވަޅެއްގައިކަން ފާހަގަކުރަމެވެ. އަދި ހަމަ އެފަދައިން މީގެކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަވަހާރަކޮށްލައި، އަދި އެހެން މެމްބަރަކަށް މަރުގެ ޙަމަލާދީފައި ވަނިކޮށްކަން ފާހަގަކުރަމެވެ.

މިދެންނެވި ފަދައިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މީގެކުރިން އަވަހާރަކޮށްލައި، އަދި އެހެން މެމްބަރަކަށް މަރުގެ ޙަމަލާދީފައިވީހިނދު، އަދި މިހާރު ގެއްލިގެން އުޅޭ ނޫސްވެރިޔާ ގެއްލިފައިވަނީ ވެސް އޭނާއަށް ކުރިން އިންޒާރުދީފައިވަނިކޮށް ކަމަށްވާތީ އޭނާ ވަގަށްނަގާފައިވާކަމަށް ބުރަވެވޭހިނދު، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ ތުއްޕުޅު ދަރިކަނބަލުން ވަގަށް ނަގާނޭކަމުގެ ނުވަތަ އަވަހާރަކޮށްލާނޭ ކަމުގެ ނުރައްކާތެރި އެސް.އެމް.އެސް އަކުން ޓެރަރިޒަމުގެ އިންޒާރުދީފައިވަނީ އެކަމަނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޙައިސިއްޔަތުން ކުރައްވާ މަސައްކަތްޕުޅާ ގުޅިގެން ބިރުދެއްކުމަށާއި އެކަމަނާގެ މަސައްކަތްޕުޅުތައް ހުއްޓުވުމަށްކަމަށް ޤަބޫލުކުރެވެއެވެ.

އަދި މިކަމަކީ ވަކި އިންތިޒާމެއްގެ ތެރެއިން ރޭވިގެން ގިންގާ ޓެރަރިޒަމުގެ އަމަލުތަކެއްކަން މި ޕާރޓީން ދެކެމެވެ. މިފަދަ ނުރައްކާތެރި ޓެރަރިޒަމުގެ ޢަމަލުތައް ހުއްޓުވުމަށް ސަރުކާރުން ސީރިއެސް ސިފައެއްގައި ފިޔަވަޅު އަޅުއްވަމުންދާތަން ނުފެންނާތީ މިކަމުގެ ކަންބޮޑުވުން މި ޕާރޓީން އިންތިހާއަށް ފާޅުކުރަމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި އެ މެމްބަރުންގެ އާއިލާތަކަށާއި، ނޫސްވެރިންނަށާއި ދިވެހި އެންމެހައި ރައްޔިތުންނަށް މިފަދަ ޓެރަރިޒަމުގެ ޙަމަލާތަކާއި ރުނައްކާތެރި އިންޒާރުތައް ދެމުންދާ މިންވަރު އިންތިހާ ދަރަޖައަށް އިތުރުވެފައިވާތީ، މިކަމަށް ސަމާލުކަމެއް ދެއްވައި، މިކަމުގެ ފުރިހަމަ ތަޙްޤީޤް މިހިނދުން މިހިނދަށް ހިންގަވައި މިކަމުގައި ވަގުތުން ފިޔަވަޅު އެޅުއްވުމަށް ސަރުކާރަށް މި ޕާރޓީން ގޮވާލަމެވެ.

20 އޯގަސް 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް