ރިލްވާން ހޯދުމުގެ މަސައްކަތް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ގޮވާލުން

noosbayan

ދިވެހިރާއްޖޭގެ އިނގިރޭސިބަހުން ހިންގަމުން އަންނަ މިނިވަން ނިއުސްގެ ނޫސްވެރިއެއްކަމުގައިވާ އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލި އަދި މިވީހާތަނަށް ރިލްވާންގެ އެއްވެސް މައުލޫމާތެއް ލިބިފައިނެތްކަމީ އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ހިތާމަކޮށް ނުހަނު ކަންބޮޑުވާކަމެކެވެ.

ރިލްވާން ގެއްލުމާ ގުޅިގެން އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުން އަންނަނީ ރިލްވާން ހޯދުމަށް އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން 15 އޯގަސްޓް 2014 ވަނަ ދުވަހު ރިލްވާން ދިރިއުޅެމުން އަންނަ ހުޅުމާލޭގެ ގިނަ ސަރަހައްދެއް ފާސްކޮށް ރިލްވާންގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންދެވިފައެވެ.

އެމްޑީޕީއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ މެމްބަރުން ހިމެނޭ ސިޔާސީ ޕާޓީކަމުގައިވެ އަދި ހަރަކާތްތެރި ގޮފިތައް ކޮންމެ ރަށެއްގައިވެސް ހިމެނޭތީއާއި މިޕާޓީއަކީ ޒުވާނުން އެންމެ ގިނަ ޕާޓީ ކަމުގައިވާތީ އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ފަރާތުން ޕާޓީގެ އާންމު މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުން އަދި ގޮފޮތަކުގެ ހިންގާ ކޮމިޓީތަކުން ކޮންމެ ރަށެއް ހޯދާ ބަލައި އެރަށުން ރިލްވާން ފެނިފައިވާވޭތޯ ބަލައި އަދި ރަށުގައި ރިލްވާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ އެކަންވެސް އާއިލާއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް އަންގަވައިދެއްވުން އެދެމެވެ. އަދި ފަޅުރަށްތަކުގައާއި ދަތުރުވެރިން އަދި މަސްވެރިންނަށްވެސް މިފަދަ އެއްވެސް މައުލޫމާތެއް ލިބިފައިވޭތޯ ބަލައިދިނުމަށް އެދެމެވެ.

ގަދަބާރުން ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް ވެރިކަން ވައްޓާލުމަށް ފަހު ދިވެހިރާއްޖެ ބިރުވެރިކަމުގެ ތެރެއަށް ވެއްޓި މުޖުތަމަޢުގައި ނުރައްކާތެރި ކުށްތައް އިންތިހާއަށް އިތުރުވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ދާދި ފަހުން ސިޔާސީ ދާއިރާގައާއި ނޫސްވެރިކަމާއި އަދި މިނޫންވެސް މިފަދަ އިޖުތިމާޢީ ކަންކަމުގައި މަސައްކަތްކުރާ އެތައް ބަޔަކަށް ފާޅުގައި މަރުގެ އިންޒާރު ދީ އެތައް ނޫސްވެރިންތަކަށް ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާތައް ދެމުން އަންނައިރުގައިވެސް ސަރުކާރުން މިކަންކަން ތަހުގީގުކޮށް ހައްލުކުރުމަށް އެއްވެސް ކަމެއްކޮށްފައިނުވާކަމީ މިފަދަ ކުށްތައް އިތުރުވެ ރައްޔިތުންގެ ރައްކާތެރިކަން ނަގާލުމަށް މަސައްކަތްކުރާ މީހުންނަށް ލިބޭ ހިތްވަރެއްކަމުގައިވެސް ދެކެމެވެ.

ފާއިތުވީ 3 އަހަރުގެ ތެރޭގައި މިނިވަން ނޫސްވެރިކަމަށް ބިރުވެރިކަމާއި އެތައް ގޮތަކުން ގޮންޖެހުންތައް ކުރިމަތިވާކަމީ ދައުލަތުގެ ހުރިހާ މުވައްސަސާއެއް ފެއިލްވެފައިވާކަމުގެ ހެއްކެއް ކަމުގައި ދެކެމެވެ. ނޫސްވެރިންގެ ފުރާނައަށް ނުރައްކާވާ އެތައް ކަމެއް ހިނގަމުން އަންނަ އިރު އެއިން އެއްވެސް ހާދިސާއެއް ތަހުގީގު ނުކުރެވި ވާކަމީ ދިވެހިރާއްޖޭގެ ޖިނާޢީ އަދުލު އިންސާފުގެ ދާއިރާ ނުކުޅެދިފައިވާ މިންވަރު ހާމަވާ ކަމެއްކަމުގައިވެސް ދެކެމެވެ.

މިހާރު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބިރުވެރިކަން ޙައްލުކުރުމަށް ދިވެހި އެންމެހައި ޒުވާނުން ހިތްވަރު ގަދަކޮށް މަސައްކަތް ކުރުމަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ފަރާތުން ގޮވާލަމެވެ. ރިލްވާން ފަދަ މިނިވަންކަމަށާއި ހަމަހަމަކަމަށް ލޯބިކުރާ އެތައް ޒުވާނުންނެއް ބިރުވެރިކަމުގައި ތިބުމަކީ މި ޕާޓީން ދޫކޮށްލާނެ ކަމެއް ނޫނެވެ. އަދި ރިލްވާން ގެއްލުމާ ގުޅޭގޮތުން ފުލުހުންނާއި ދައުލަތުގެ މުވައްސަސާތަކުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ރައްޔިތުންނާ މިހާރުން މިހާރަށް ހިއްސާކުރުމަށްވެސް ގޮވާލަމެވެ.

ރިލްވާނައަކީ މިނިވަން ނޫސްވެރިކަމަށާއި ޑިމޮކްރަސީ އަދި އިންސާނީ ޙައްޤުތަކަށް ކެރިހުރެ ވަކާލާތުކުރާ އަގުހުރި ދިވެހިދަރިއެކެވެ. އަދި ހެޔޮވެރިކަމަށް ވަކާލާތުކުރާ ކުޅަދާނަ ޒުވާން ލިޔުންތެރިއެކެވެ. އަޅުގަނޑުމެން އަބަދުވެސް އެދެނޭ ރިލްވާންގެ ރައްކާތެރިކަމަށެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް