މަސައްކަތާއި އިޖްތިމާއީ ޚިދުމަތްތަކާއިބެހޭ ކޮމިޓީގެ ނޫސްބަޔާން

noosbayan

މަސައްކަތާ އިޖްތިމާޢީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގައި މިހާރުއޮތް ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލަކީ އެތައް ކަންބޮޑުވުންތަކެއް ހުރި ބިލެކެވެ. އެކިއެކި މަސައްކަތް ކުރުމަށް ޚާއްޞަ ޒޯނުތަކެއް ޤާއިމުކުރުމަށް ނިންމާފައިވާއިރު، އެޒޯނުތަކުގައި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ދިވެހީންނަށް ގިނަ ޢަދަދެއްގެ ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެންދިޔުމަކީ ދިވެހީންގެ ގިނަ ބައެއްގެ އުއްމީދެވެ. އަދި ޕީ.ޕީ.އެމްގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ދިވެހީންނަށް 94،000 ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށް އެޕާޓީން ވަނީ ވަޢުދުވެފައެވެ. އެހެންނަމަވެސް، ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ގިނަ ޤާނޫނުތަކެއްގެ ބާރު ކަނޑުވާލައި، ވަކި ޚާއްޞަ ޤާނޫނުތަކެއް ހިނގާ ސަރަހައްދުތަކެއްގެ ގޮތުގައި ޤާއިމުކުރެވޭ ސްޕެޝަލް އިކޮނޮމިކް ޒޯނުތަކުގައިވެސް ދިވެހީންނަށް ވަޒީފާގެ ފުރުޞަތެއް ލިބޭނޭކަން އެބިލުގައި ކަނޑައަޅާފައި ނެތްކަމީ، ޕީ.ޕީ.އެމްގެ ސަރުކާރުން ދިވެހި ޒުވާނުންނާއި ދިވެހި ފަންނުވެރީންނާއި އަދި ޖުމްލަކޮށް ދިވެހި މަސައްކަތްތެރީންނާ ދޭތެރޭ ގެންގުޅޭ ސިޔާސަތު ވަރަށް ސާފުކޮށް ހާމަކޮށްދޭކަމެކެވެ. މީގެ އިތުރުން ރަށްރަށުގައި އަސާސީ އަދި އިޖްތިމާޢީ ޚިދުމަތްތައް ދިނުމަށް ރަށުކައުންސިލްތަކަށް ލިބިދީފައިވާ ޤާނޫނީ ބާރު އެކައުންސިލްތަކުން ނެގި، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު އެކުގައި ފުނޑުފުނޑުވެގެން ދިޔުމުގެ ނަތީޖާއަކަށްވާނީ، ރަށްރަށުގެ އާންމު ޙާލަތު ދަށަށް ދިޔުން ކަމުގައިވާ ކަމީވެސް މިކޮމިޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލުގައިވާގޮތުން، ވަކި ޚާއްޞަ މަސައްކަތެއް ކުރުމަށް ކަނޑައަޅާ ޒޯނެއްގައި އެމަސައްކަތްކުރުމަށް ވަޒީފާދޭންޖެހޭ ދިވެހީންގެ ނިސްބަތް ބަޔާންކޮށްފައެއް ނެތެވެ. އަދި ހަމައެއާއެކު، ސުޕަވައިޒަރީ، ފަންނީ ނުވަތަ އެޑްވައިޒަރީ މަޤާމުތަކަށް ބިދޭސީން ގެނެވޭ ނިސްބަތް ކަނޑައަޅާފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ބޯޑުން އެނިސްބަތުގެ އިތުރުންވެސް ބިދޭސީން އެތެރެ ކުރުމުގެ ހުއްދަ ދެވޭގޮތަށް ވަނީ އެބިލުން ފުރުޞަތު ހުޅުވާލާފައެވެ. އެހެންކަމުން، ޒޯނެއްގެ މަސައްކަތަށް %100 ބިދޭސީން ގެންގުޅުމުގެ ފުރުޞަތު އެބިލުން ވަނީ ހުޅުވާލާފައެވެ. ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލާ ބެހޭގޮތުން ސަރުކާރާއި ޕީ.ޕީ.އެމް އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދައްކަވާ ވާހަކަފުޅުތަކުގެ ތެރޭގައި، އެބިލަކީ ދިވެހީންނަށް ވަޒީފާގެ ފުރުޞަތު އިތުރުވެގެން ދާނެ ބިލެއް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، އެބިލުގައިވަނީ ކުޑަ އަގެއްގައި ގިނަ ޢަދަދެއްގެ ބިދޭސީން ވަޒީފާތަކަށް ގެނައުމުގެ މަގު ހުޅުވާލަދީފައިކަން އެބިލުގެ 77 ވަނަ މާއްދާއިން ވަރަށް ސާފުކޮށް އެނގެއެވެ.

މީގެ އިތުރުން އެބިލު ފާސްވެއްޖެނަމަ، ހިއުމަން ޓްރެފިކިންގއަށް ނުވަތަ ނާޖާއިޒު ގޮތްގޮތުން ބިދޭސީން ރާއްޖެ އެތެރެކޮށް އެމީސްމީހުން ލައްވައި ނުއަގުގައި މަސައްކަތް ކުރުވުމަށް ފުޅާ ދޮރުތަކެއް ހުޅުވިގެންދާނެއެވެ. އަދި އެހެންކަމުން، ދިވެހި މަސައްކަތްތެރީންގެ މަސައްކަތުގެ އަގުވެއްޓި މިހާރަށްވުރެ ބޮޑަށް ދިވެހީންނަށް ވަޒީފާގެ ފުރުޞަތު ހަނިވެގެންދާނެއެވެ. އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ މަސައްކަތްތެރިންނާ ގުޅޭ އެކިއެކި ޖަމްޢިއްޔާތަކުން ރާއްޖެއާ ދޭތެރޭ ނުރަނގަޅު ގޮތްގޮތަށް ދެކެން ފެށުމުގެ ބިރު އިންތިހާއަށް ބޮޑެވެ. އިސްވެ ދެންނެވި ކަންކަން އެހެން ހުރުމުން، އެ ބިލު ފާސް ނުކުރުމަށް ދިވެހި މަސައްކަތްތެރީންގެ ޙައްޤުގައި، ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މެންބަރުންނަށް މިކޮމިޓީން ގޮވާލަމެވެ.

17 އޯގަސްޓް 2014