ސްޕެޝަލް އިކޮނޮމިކް ޒޯންތަކާ ބެހޭ ބިލު މިހާރު އޮތްގޮތަށް ފާސްކުރުމާ ދެކޮޅަށް އެމް.ޑީ.ޕީ އިން އިޙްތިޖާޖުކުރުން

noosbayan

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންތަކާ ބެހޭ ބިލު މިހާރު އޮތްގޮތަށް ޤާނޫނަކަށް ވެއްޖެނަމަ އެކަމަކީ ވަރަށް ގިނަ ގޮތްގޮތުން ދިވެހިރާއްޖެއަށް ނުރައްކާތެރި އެތަށް ދޮރުތަކެއް ހުޅުވިގެންދާނޭ ކަމަކަށްވާތީ އެ ބިލު މިހާރު އޮތްގޮތަށް ފާސްކުރުމާ ދެކޮޅަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިޙްތިޖާޖުކޮށް އެ ބިލާމެދު ކަންބޮޑުވުން ފާޅުކުރަމެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންތަކާ ބެހޭ ބިލު މިހާރު އޮތްގޮތުން، ދެފުއް ފެންނަ ގޮތް ނޫންގޮތަށް އެކި އެކި މުޢާމަލާތްތައް ހިންގުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ސަރުކާރަށް ފަހިވެގެން ދާކަމާއި، ފާރަވެރިވުމުގެ ފުރުސަތު ނެތްގޮތަށް އެ މުޢާމަލާތްތައް ހިންގުމަށް ހުޅުވިފައިވާކަމާއި، އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލިދިއުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރަމެވެ. އަދި މި ބިލު ޤާނޫނަކަށް ވެއްޖެ ނަމަ، ރައްޔިތުންނާއި ކައުންސިލުތަކުގެ ރުހުމެއް ނެތްކަމުގައި ވީނަމަވެސް ޒޯންތައް ކަނޑައަޅައި، ބޭނުންވާ ކޮންމެ ތަނަކުން ބިންތައް ނަގައި، ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް، ބޭނުންވާ ކޮންމެ ފަރާތަކަށް ބޭނުންވާ މުއްދަތަކަށް ދޫކުރުމުގެ ބާރު ސަރުކާރަށް ލިބިދެއެވެ. މިކަމުގެ ސަބަބުން ލާމަރުކަޒީ އިދާރާތަކަށް ޤާނޫނު އަސާސީން ލިބިދޭ ފައިސާ ހޯދުމުގެ ބާރާއި މުދާ މިލްކުކުރުމުގެ ބާރު ކުޑަވެގެންދާކަމާއި، ކައުންސިލުތަކުގެ ބާރު ކުޑަވެދާކަމާއި އަދި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުންތެރިކަން ކެނޑިދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ހަމަ އެފަދައިން، މި ބިލުގެ ޤާނޫނަކަށް ވެއްޖެ ނަމަ ކަނޑައެޅޭ ޒޯންތަކުގައި ތަރައްޤީކޮށް ހިންގާ ކަންތައްތަކުގައި ޓެކްސް ދައްކަން ނުޖެހޭގޮތަށް އޮންނަކަން ވެސް ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ކުދި ވިޔަފާރީގެ ފުރުސަތުތައް ހަނިވެދާކަން ފާހަގަކުރަމެވެ. ހަމައެއާއެކު، ކަޅު ފައިސާ ދޮވުމާއި، ޑްރަގް ޓްރެފިކް ކުރުމާއި އިންސާނުން ވަގަށް އެތެރެކުރުން ފަދަ ނުރައްކާތެރި ބޮޑެތި ކުށްތަކުގެ އަމަލުތައް ހިންގުމުގެ ފުރުސަތު އެ ބިލު ޤާނޫނަކަށް ވުމުގެ ސަބަބުން ބޮޑުވާކަން ފާހަގަކުރަމެވެ.

މިކަން މިހެން އޮތްއިރު، މި ބިލު ފާސްކުރުމަށްޓަކައި އަވަސް އަރުވާލައިގެން ސަރުކާރުގެ މެޖޯރިޓީ އޮންނަ އިޤްތިސާދީ ކޮމެޓީގައި މަޖިލިސްގެ ޤަވާޢިދާ ޚިލާފަށް ވަރަށް ޚުދުމުޚުތާރު ގޮތަކަށް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ޢަމަލުކުރައްވަމުން ގެންދަވާތީ، އެމް.ޑީ.ޕީ އާއި ޖުމްހޫރީ ޕާރޓީ ހިމެނޭ ގޮތުން މިއަދު ވަނީ އެ ކޮމެޓީގެ ބައްދަލުވުން ބޯއިކޮޓްކޮށްފައެވެ. އަދި މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖުމްހޫރީ ޕާރޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް، އެ ބިލަކީ ރާއްޖެއަށް ނުރައްކާތެރި އަދި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކަށް ފަހިކޮށްދޭ ބިލެއްކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އިޙްތިޖާޖުކުރެއްވިކަން ފާހަގަކުރަމެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯންތަކާ ބެހޭ ބިލު މިހާރު އޮތްގޮތަށް ޤާނޫނަކަށް ހެދުމާ ދެކޮޅަށް އެމް.ޑީ.ޕީގެ އިޙްތިޖާޖުތައް ވެސް ކުރިއަށް ގެންދާނެކަން ހާމަކުރަމެވެ.

13 އޯގަސްޓް 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް