2004 ވަނަ އަހަރުގެ އޯގަސް 13،12 ގެ ޙާދިސާއަށް 10 އަހަރު ފުރުން ފާހަގަކުރުން

noosbayan

2004 ވަނަ އަހަރުގެ އޯގަސްޓް 12،13 ގެ މަޝްހޫރު ޙާދިސާއަށް 10 އަހަރު ފުރެމުންދާއިރު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން މި މުހިއްމު ދުވަސް ފާހަގަކުރަމެވެ. 2004 ވަނަ އަހަރުގެ އޯގަސް 12،13 ގެ ޙާދިސާއަކީ ގިނަ އަހަރުތައްވެފައިވި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ޚުދުމުހުތާރު ސަރުކާރު އޮތްއިރު، ޖަލުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ޤައިދީން މިނިވަންކުރުމަށާއި ޑިމޮކްރެޓިކް ރިފޯމަށް އެދި ގޮވާލައި ސުލްޙަވެރިކަމާއެކު އަޑު އުފުލުމަށް ޖުމްހޫރީ މައިދާނަށް އެއްވި އެބާވަތުގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އެއްވުމާ އިދިކޮޅަށް އޭރު އޮތް ސަރުކާރުގެ އަމުރަށް ސިފައިން ނުކުމެ ރައްޔިތުންގެ ގަޔަށް ކަރުނަ ގޭސްޖަހައި އަދި ރައްޔިތުންގެ ގައިގާ މުގުރުންނާއި ބޫޓުން ތަޅައި، އެ އެއްވުން އަނިޔާވެރިގޮތަކަށް ރޫޅާލައި އެތައް ރައްޔިތުންތަކެއް ހައްޔަރުކޮށް ޖަލަށްލުމަށްފަހު އަނިޔާކުރި ޙާދިސާއެވެ.

މި ޙާދިސާގައި ގިނަ އަދަދެއްގެ ރައްޔިތުންނަށް ސިފައިން އަނިޔާކޮށް ޙައްޔަރުކޮށްފައިވެއެވެ. އަދި މިގޮތުން ހައްޔަރުކޮށް ޖަލަށްލި މީހުންގެ ތެރޭގައި އަންހެނުންނާއި ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އަދި މިކަމުގެ ޚަބަރުތައް ފެތުރުން ހުއްޓުވުމަށްޓަކައި އިންޓަރނެޓާއި އެސްއެމްއެސްގެ ޚިދުމަތްތައް ސަރުކާރުން ކަނޑާލާއި، ދައުލަތުގެ ޓީވީއާއި ރޭޑިއޯ އިން ޙަޤީޤަތް ފޮރުވުމަށްޓަކައި އެންމެ މަތީ ދަރަޖައަށް ޕްރޮޕަގެންޑާ ފަތުރާފައިވެއެވެ. އަދި ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށް ފަރުދީ މިނިވަންކަމާއި އަސާސީ ޙައްޤުތައް ހިފަހައްޓައި ޤާނޫނު އަސާސީ ހުއްޓުމަކަށް ގެނެސްފައިވެއެވެ.

މިފަދަ އަރިޔާވެރިކަން ހައްދުފަހަނާޅައި ދިޔަނަމަވެސް ރައްޔިތުން އުއްމީދު ނަގާނުލައި، ފަހަތަށް ނުޖެހި ބިރުފަހަނާޅާ ގޮސް ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން ފަދަ އަސާސީ ޙައްޤުތައް ހޯދައި، މިރާއްޖެއަށް ޑިމޮކްރެޓިކް އިސްލާޙު ގެނެވި، 2008 ވަނަ އަހަރު ޤާނޫނު އަސާސީ އިސްލާޙުކުރެވި، ގިނަ ޕާރޓީ އެކުލެވޭ މިނިވަން ރިޔާސީ އިންތިޚާބަކުން ކުރީގެ ޚުދުމުތާރު ވެރިކަން ދިވެހިރައްޔިތުން ބަދަލުކޮށްފައިވާކަން ފާހަގަކުރަމެވެ. އަދި އެއަށްފަހު އެމް.ޑީ.ޕީގެ ވެރިކަމުގައި ފަރުދީ މިނިވަންކަމާއި އަސާސީ ޙައްޤުތައް ރައްކާތެރިކޮށް އެ ޙައްޤުތައް އެންމެ ފުޅާ މިނެއްގައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ބޮޑެތި މަސައްކަތްތައް ކޮށްފައިވާކަން ފާހަކަކުރަމެވެ.

ނަމަވެސް 2004 ވަނަ އަހަރުގެ އޯގަސްޓް 12،13 ގެ ޙާދިސާއަށް 10 އަހަރު ފުރެމުންދާއިރު، އަނެއްކާ ވެސް މިވަނީ 2008 ގެ ކުރިން އޮތް ޙާލަތަށް މި ޤައުމު ވެއްޓިފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މިގޮތުން ޑިމޮކްރެޓިކް އުސޫލުން ރައްޔިތުން އިންތިޚާބުކުރި ވެރިކަން ބަޣާވާތަކުން ވައްޓާލާފައިވުމާއި، ރައްޔިތުންގެ ވޯޓުގެ ޙައްޤު ފުލުހުންނާއި ސްޕްރީމް ކޯޓު މެދުވެރިކޮށް ނިގުޅައިގަނެފައިވާކަން ފާހަގަކުރަމެވެ. އަދި 7 ފެބްރުއަރީ 2012 ގެ ފަހުން ފުލުހުން ރައްޔިތުންނަށް ލާއިންސާނީ އަނިޔާކުރުން ހައްދުފަހަނާޅާ ގޮސްފައިވުމާއި، ޤާނޫނާއި ޚިލާފަށް ރައްޔިތުން ހިފާ ހައްޔަރުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ނިގުޅައި ގަނެ، ރައްޔިތުންގެ މައްޗަށް ނުޙައްޤު ދައުވާތައް އުފުލައި ބިރު ދައްކަމުން ދިއުމާއި، ސަރުކާރު އަޑީގައި އޮވެގެން ޓެރަރިޒަމުގެ ޢަމަލުތައް ހިންގައި، އިދިކޮޅު ސިޔާސީ ފަރާތްތަކަށް މަރުގެ ޙަމަލާތަކާއި އަދި މަރުގެ އިންޒާރުދީ ބިރުދައްކަމުން ދިއުމާއި، މިނިވަން މީޑިއާ ނެތިކޮށްލުމަށް ޙަމަލާތައް ދިނުން އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކުރަމެވެ.

މިކަން މިހެން އޮތްއިރުވެސް ރައްޔިތުން އުއްމީދު ނަގާނުލައި، ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ފަހަތަށް ނުޖެހި، ބިރު ފަހަނާޅާ ގޮސް ކުރަމުންދާ މަސައްކަތް ޝުކުރުވެރިކަމާއެކު މި ޕާރޓީން ފާހަގަކުރަމެވެ. އަދި ދިވެހިރައްޔިތުންގެ ފަރުދީ މިނިވަންކަމާއި އަސާސީ ޙައްޤުތައް ކަށަވަރުކޮށް މިރާއްޖޭގެ ޤާނޫނު އަސާސީ ހިމާޔަތްކުރުމުގައި މި ޕާރޓީ އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަމުގެ ޔަޤީންކަން އަރުވަމެވެ.

12 އޯގަސްޓް 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް