ބިންތަކުގެ މުއާމަލާތް ނުކުރުމަށް ސަރުކާރުން ކައުންސިލުތަކަށް އެންގެވި އެންގެވުމާމެދު ކަންބޮޑުވުން ފާޅުކުރުން

noosbayan

ކައުންސިލުތަކުގެ ބެލުމުގެ ދަށުގައިވާ ބިންތަކާ ބެހޭ އެއްވެސް މުޢާމަލާތެއް، ރައީސުލްޖުމްހޫރިއްޔާގެ ސީދާ ހުއްދައަކުން މެނުވީ ނުކުރުމަށް ކައުންސިލުތަކަށް މި ސަރުކާރުން އަންގަވައި، ކައުންސިލުތަކަށް ލިބިދޭ ބާރުތަކާއި އިޚްތިޔާރު ހަނިކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް، ސަރުކާރުގެ އެ ޢަމަލު ހަރު އަޑުން ކުށްވެރިކުރަމެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގައި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަނޑައަޅައި، އަދި އެގޮތުގެމަތިން ކައުންސިލްތައް އިންތިޚާބުކުރެވިގެން ހިންގަމުންދަނިކޮށް، ކައުންސިލުތަކުގެ ބެލުމުގެ ދަށުގައިވާ ބިންތަކާ ބެހޭ އެއްވެސް މުޢާމަލާތެއް، ރައީސުލްޖުމްހޫރިއްޔާގެ ސީދާ ހުއްދައަކުން މެނުވީ ނުކުރުމަށް ސަރުކާރުން އެންގެވުމަކީ، ކައުންސިލުތަކުން ކުރަންޖެހޭ މައިގަނޑު އެއް މުއާމަލާތް ހުއްޓުވައި، ކައުންސިލުތަކުގެ ބާރު ހަނިކުރެއްވުމަށާއި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުންތެރިކަން ކަނޑުވާލުމުގެގޮތުން ސަރުކާރުން ކުރައްވާ ކަމެއްކަމުގައި ދެކެމެވެ. އަދި މިކަމުގެ ސަބަބުން ލާމަރުކަޒީ އިދާރާތަކަށް ޤާނޫނު އަސާސީން ލިބިދޭ ފައިސާ ހޯދުމުގެ ބާރާއި މުދާ މިލްކުކުރުމާއި ދަރަންޏަށް ޒިންމާވުމުގެ ބާރު ގެއްލިދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
އެހެންކަމުން ކައުންސިލުތަކަށް ލިބިދޭ ބާރުތަކާއި އިޚްތިޔާރު ހަނިކުރެއްވުމަށް ސަރުކާރުން ކުރައްވާ މައްސައްކަތް މިހިނދުން މިހިނދަށް ހުއްޓާލެއްވުމަށް ސަރުކާރަށް މި ޕާރޓީން ގޮވާލަމެވެ.

5 އޯގަސްޓް 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް